ކަނޑު ވިއްކާލުމާ ދެކޮޅު އިއްތިހާދުން މިރޭ މާލޭގައި ބާއްވާ ހަރަކާތުގައި ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާ އިން ލިބިދޭ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނަށް އިސްލާހު ގެނެސްފައިވާ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާ އެކު ހިންގާ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެނޫންވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ފުލުހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ މިރޭ ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ހަރަކާތުގައި ބައިވެރިވުމަށް އަތޮޅު ތެރެއިން މީހުން މާލެ އައިސް މި ހަރަކާތުގައި ބައިވެރިވާ ބައެއް މީހުން ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ބައެއް މީހުން ގާނޫނާ ހިލާފު އަމަލުތައް ހިންގާނެ ކަމަށް ބުނަމުންދާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"އެހެންކަމުން މިހަރަކާތުގައި އާންމު ސުލްހައަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
މާލޭގައި މިރޭ ބާއްވާ ބޮޑު ޖަލްސާގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިންގާނެ ކަމުގެ ޔަގީންކަން ކަނޑު ވިއްކާލުމާ ދެކޮޅު އިއްތިހާދުން ކުރިން ދީފައިވެ އެވެ.