މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މުވައްޒަފުންނާއި އޮފިސަރުންގެ ފޮޓޯ އާންމުކުރާނަމަ ފިޔަވަޅު އަޅާނަން: އެމްސީއެސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންގެ ފޮޓޯ އާންމުކޮށް ސައްހަ ނޫން މައުލޫމާތު ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.

ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ މުވައްޒަފުންގެ ފޮޓޯ އާއި ވަނަވަރު ސޯޝަލް މީޑިއާގައި އާންމުކުރުން މިފަހަކަށް އާންމުވަމުންދާ ކަމަށެވެ. އަދި ސައްހަ ނޫން ތުހުމަތާ އެކު ބަދުނާމުކުރާ ފަދަ އިބާރާތްތައް ބޭނުންކޮށް، ބިރުދައްކައި އިންޒާރު ދެމުންދާ ކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ސައްހަ ނޫން މައުލޫމާތު ފެތުރުމުގެ ސަބަބުން އެ އޮފިސަރުންނާއި މުވައްޒަފުންގެ ގާނޫނީ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް ކުރާ މަސައްކަތާ މެދު އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ކަމަށެވެ.

"މީގެ ސަބަބުން އޮފިސަރުންނާއި މުވައްޒަފުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭ،" ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ފޮޓޯ އާންމުކޮށް ސައްހަ ނޫން މައުލޫމާތު ފަތުރާ މީހުން އެކަން ނުކުރުމަށްވެސް ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.