ލައިފްސްޓައިލް

މަރުވީ ކަމަށް ބެލެވުނު މީހަކު 33 އަހަރު ފަހުން ގެއަށް

އިންޑިއާގައި ދާދިފަހުން ހިނގި ވަރަށް އަޖައިބެއް ކަހަލަ ހާދިސާއެއްގައި މަރުވިކަމަށް ނިންމައި ޖަނާޒާ ބޭއްވިތާ 33 އަހަރު ފަހުން މީހަކު އޭނާގެ ގެއަށް ހިނގައްޖެ އެވެ.

ރާޖަސްތާނުގެ އަލްވާރުގައި ހުންނަ އެމީހާގެ ގެއަށް އޭނާ ވަނުމާއެކު އާއިލާގެ މީހުންނަށް ބޮޑު ޝޮކެއް ލިބުނެވެ. ސަބަބަކީ އޭނާ ގެއްލުނުތާ އޭރު 33 އަހަރު ފާއިތުވެފައިވާތީ އޭނާ ދެން ނުފެންނާނެ ކަމަށް ނިންމާ އާއިލާއިން އޭނާ މަރުވީ ކަމަށް ބަލައި ޖަނާޒާ ބާއްވާފައިވާތީ އެވެ. އަދި އެމީހާގެ އާއިލާއިން ވަނީ އޭނާގެ މަރުގެ ސެޓްފިކެޓެއް ވެސް ހައްދާފަ އެވެ.

ހަނޫމާން ސައިނީ 75، އޭނާގެ އަވަށަށް މޭ 30 ވަނަ ދުވަހު އައުމާއެކު އާއިލާ އާއި އަވަށްޓެރިން އޭނާ އެނބުރި އައުން ވަރަށް ކުލަގަދަކޮށް ފާހަގަކޮށް އޭނާއަށް މަރުހަބާ ކިޔާފައި ވެއެވެ.

ނަސީބު ދެރަކަމުން ސައިނީގެ ދެ ފިރިހެން ދަރިންނާއި ތިން އަންހެން ދަރިންގެ ކައިވެނީގައި ބައިވެރިވުމުގެ ފުރުސަތުވެސް އޭނާއަށް އޮތީ ނުލިބި އެވެ.

ސައިނީ ގެއްލުނީ ކިހިނެއް ހެއްޔެވެ؟ ސައިނީ ގެއްލުނީ 1989 ވަނަ އަހަރު އެވެ. އޭރު އޭނާ މަސައްކަތް ކުރަނީ ކަރީ ބޯލީ ކިޔާ ސަރަހައްދެއްގަ އެވެ. އޭނާ ބުނާ ގޮތުގައި ފާއިތުވީ 33 އަހަރު އޭނާ ހޭދަކުރީ ފަރުބަދައެއްގެ ކުރިއަށް އަރާ އިނދެ ބުދަށް އަޅުކަން ކުރުމުގަ އެވެ.

ސައިނީ ގެއްލިގެން އާއިލާ އިން އޭނާ ހޯދުމުގެ މަސައްކަތް 32 ވަރަކަށް އަހަރު ކުރި އެވެ. އޭނާ ނުފެނުނު ކަމަށް ނިންމައި ހިންދޫން މަރުވުމުން ކަންކަން ކުރާ އުސޫލުން ކަންތައްތައް ކުރުމަށްފަހު އޭނާގެ މަރުގެ ސެޓްފިކެޓް އާއިލާ އިން ހެއްދީ މިދިޔަ އަހަރު އެވެ.

ސައިނީ ގެއްލިފައި ފެނުނު މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު މިހާ ގިނަ ދުވަހު ފަރުބަދަ މަތީ އުޅެފައި އެނބުރި އާއިލާ ކައިރިއަށް އަންނަން ސައިނީ ނިންމި ސަބަބެއް އަދި ނޭނގެ އެވެ.