މިއީ 80ގެ އަހަރުތަކުގައި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މަންމޯހަމް ދެސާއީ އުފެއްދި "އަމަރް އަކްބަރް އެންތަނީ" ފަދަ ފިލްމުތަކުގައި ދައްކާފައިވާ ފަދަ ހާދިސާ އެކެވެ. ތަފާތަކީ މިއީ ހަގީގީ ހާދިސާއަކަށް ވާތީ އެވެ.
އަޑުއިވުމާއި ވާހަކަ ދެއްކުމުން މަހްރޫމްވެފައިވާ ޒުވާން ފިރިހެނަކު މީގެ 26 އަހަރު ކުރިން ކާނިވަލެއްގެ ތެރެއިން ގެއްލުނެވެ. އަދި ދާދިފަހުން އެމީހާއަށް އޭނާގެ އާއިލާއާ ވަނީ ބައްދަލުވެފަ އެވެ. މިހާ ގިނަ ދުވަސް ފަހުން އެމީހާއަށް އާއިލާއާ ބައްދަލުވީ ވަރަށް ކުޑައިރުއްސުރެ އޭނާގެ މައިންބަފައިން އޭނާގެ އަތުގައި ބިންވަޅުނަގާފައިވާ ޓެޓޫއެއްގެ ސަބަބުންނެވެ. ކަޅުކުލައިގެ ޑައި ބޭނުންކޮށްގެން ޖަހާފައިވާ މި ޓެޓޫގައިވަނީ އޭނާގެ ނަމާއި އޭނާގެ ރަށުގެ ނަން ފަދަ މައުލޫމާތެވެ.
އާއިލާ އަށް ގެއްލިގެން ފާއިތުވީ 26 ވަރަކަށް އަހަރުގެ ތެރޭގައި މި ފިރިހެން މީހާ އުޅެފައިވަނީ ވަރަށް ދަތި ހާލުގަ އެވެ. ދާނެ ނުދާނެ ތަނެއް ނޭނގި މަގުމަތީގައި އޭނާ އުޅެމުންދިޔައީ ސަލާން ޖަހައިގެން ބަނޑުފުރާނަ މުއްތިކޮށްގެންނެވެ.
އަޑުއިވުމާއި ވާހަކަ ދެއްކުމުން މަހްރޫމްވުމުގެ އިތުރުން އޭނާއަކީ ސިކުނޑީގެ އުނިކަމެއް ވެސް ހުރި މީހެކެވެ. އެހެންވެ ކާނިވަލަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލުނުގޮތަށް އޭނާއަށް އަމިއްލަ ގެއަށް ދާން ނޭނގުނު ތާނގައި ތިމާގެ މީހަކު ހޯދަން ވެސް ނޭނގުނީ އެވެ.
ޖިލާޖިތު ސިންގް މޯރިއާ އަކީ އަޒަމްގަޅްގެ ގޮތާން ނަމަކަށް ކިޔާ އަވަށެއްގެ މީހެކެވެ. ވަރަށް ފަގީރު ދަނޑުވެރި އާއިލާއެއްގެ ދެމަފިރިންގެ އެންމެ ހަގު ފިރިހެން ދަރިއެވެ. އޭނާ ގެއްލުނީ 1996 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރުން 35 އަހަރެވެ.
ޖިލާޖީތަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ޓައިމްސް އޮފް އިންޑީޔާއަށް ކިޔައިދިން ގޮތުގައި ޖިލާޖީތު ގެއްލުނީ ޖޫން 1، 1996 ގައެވެ. އަވަށުގެ ރަށްބޭރުގައި އޮތް ކާނިވަލަކަށް ދިޔަ ގޮތަށް އޭނާ އެނބުރި ނައީ އެވެ.
ޖިލާޖީތުގެ ބައްޕަ އާއި އޭނާގެ އެއްބަނޑު އެއްބަފާ ދެ ބޭބެ އަދި ކާފަ މިކަމާ ދެރަވެގެން ގޮސް ރޮއިރޮއި ހަލާކުނުވީ ކިރިޔާ އެވެ. އަދި އެ އަވަށާއި ކައިރީ ގިނަ އަވަށްތަކެއް ވަރަށް ގިނަ ދުވަސްވަންދެން އެމީހުން ހޯދައި ޖިލާޖީތު ފެނޭތޯ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެއްވެސް ތާކުން އޭނާއެއް ނުފެނުނެވެ. އެމީހުން އެންމެ ހާސްވީ ކަންފަތަށް އަޑު ނީވުމުގެ އިތުރުން އަނގައިން އެއްވެސް އެއްޗެއް ވެސް ބުނަން ނޭނގޭ މީހަކަށް ޖިލާޖީތު ވާތީ އާއި ސިކުނޑި ވެސް ހަމަނުޖެހޭތީ ގެއަށް އަންނަން ނޭނގިގެން އޭނާ އުޅޭނެ ހާލު ހިތަށް އަރާފަ އެވެ. ޖިލާޖީތުގެ މަންމަ ވަނީ 1991 ވަނަ އަހަރު މަރުވެފަ އެވެ.
"އަހަރެމެން ވަރަށް ނަދުރުބުނެ ދުއާކޮށް ހެދިން އޭނާ ފެނޭތޯ. އެންމެ ފަހުން ބައްޕަވެސް 2011ގައި ވަނީ މަރުވެފައި. މިހާރު ދުނިޔޭގައި ތިބީ ދިލާޖީތުގެ އެއްބަނޑު އެއްބަފާ ދެބެންނާއި އެމީހުންގެ ދަރިންނާއި ދަރިންގެ ދަރިން،" ދިލާޖީތަށް ބޮޑުބޭބެ ކިޔާ ޗަންދުރަޝޭކަރް ބުންޏެވެ.
ޖިލާޖީތު ގެއްލުނުތާ އެތައް އަހަރެއް ފާއިތުވެ އެ އާއިލާގެ މީހުންގެ ހިތުގައި ހަމައެކަނި "ހަނދާނެއް"ގެ ގޮތުގައި އޭނާގެ ޚިޔާލުތައް ރައްކާ ކުރެވުނެވެ. އެމީހުން ޔަގީންކޮށްގެން ތިބީ ޖިލާޖީތު ދެން ދުވަހަކުވެސް ނުފެންނާނެ ކަމަށެވެ. ނަމަވެސް އެމީހުން ހީކުރިގޮތާ ޚިލާފަށް އެއްދުވަހަކު ކުއްލިއަކަށް ޖިލާޖީތު އާ ބައްދަލުވާގޮތް ވެއްޖެ އެވެ.
ރާއޭބަރޭލީ ކިޔާ ސަރަހައްދެއްގައި އޮންނަ ހަޓްވާ އަވަށަކީ ޖިލާޖީތުގެ އަމިއްލަ ރަށް އަޒަމްގަޅް އާ 260 ކިލޯމީޓަރު ހުޅަނގުގައި އޮންނަ އަވަށެކެވެ. އެ އަވަށުގައި ބޯކޮށާ ތަނެއް ހިންގާ ޕްރަދާން ދިލިޕް ސިންގް ކިޔާ މީހަކަށް އެއް ދުވަހަކު ވަރަށް މުސްކުޅި ބަލިހާލުގައި އޮތް މީހަކު މަގުމަތީގައި އޮއްވާ ފެނުނެވެ. އޭނާއަކަށް ވާހަކަދެއްކިޔަސް އަޑެއް ނީވެ އެވެ. ވާޙަކައެއް ނުދެއްކެ އެވެ. ނަމަވެސް އަތުގައި އިން ޓެޓޫއެއްގައި އޭނާގެ ނަމާއި އެޑްރެސް ލިޔެފައި އޮއްވާ ޕްރަދީޕް އަށް ފެނުނެވެ. ނަމަވެސް އެ ޓެޓޫ އިނީ ވަރަށް ބޮޑަށް ފަނޑުވެފަ އެވެ. އޭގައި އިން ޖިލާޖީތުގެ ފަހަތު ނަން "މޯރިޔާ" އާއި އަވަށުގެ ނަން "އަޒަމްގަޅް" ކިޔަން އެނގޭ ވަރު ވެއެވެ.
ޕްރަދާން އަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެކެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ނަމޫނާ މީހެކެވެ. އޭނާ އެ މުސްކުޅި ބަލި މީހާ އޭނާގެ އަމިއްލަ ގެޔަށް ގެންގޮސް ކާންދީ ފެންވަރުވާ އަދި ޑޮކްޓަރަށް ދައްކައި ބޭސްކޮށްދީ ހެދި އެވެ. އަދި އޭނާގެ އާއިލާ ހޯދުމުގެ މަސައްކަތް ކުރަން ފެށި އެވެ. ވަރަށް ގިނަ ދުވަހު އެ މަސައްކަތްކޮށް ނާކާމިޔާބުވުމުން އެންމެ ފަހުން އޭނާގެ ފޮޓޮއެއް ނަގައި ފޭސްބުކްގައި ޕޯސްޓްކުރި އެވެ. އެއީ ކާކުކަން އެނގޭ މީހަކު ހުރިތޯ ބެލުމަށެވެ. އަދި މި މީހާގެ ޚާއްސަ ސިފައަކީ އޭނާގެ އަތުގައިވާ ޓެޓޫއެއް ކަމަށް ބުނެ އެ ޓެޓޫގެ ފޮޓޯއެއް ވެސް ޕްރަދާން އެފްބީ ޕޯސްޓްގައި ޝެއާ ކުރި އެވެ.
ޖިލާޖީތަށް ބޮޑުބޭބެ ކިޔާ ޗަންދުރަޝޭކަރް އަކީ ސްކޫލް ޓީޗަރެކެވެ. އޭނާ ބުނި ގޮތުގައި މިހިނގާ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އޭނާއާ އެއް ސްކޫލެއްގައި ކިޔަވައިދޭން އުޅޭ ޓީޗަރަކު އެފްބީ އިން ޕޯސްޓެއް ޝެއާ ކުރި އެވެ. އަދި މިއީ އެމީޙުންގެ އާއިލާއިން ގެއްލުނު ކަމަށް ބުނާ މީހާ ތޯ ސުވާލު ކުރި އެވެ.
"އަހަރެން ވަގުތުން އެ ޕޯސްޓަށް މެސެޖުކުރިން. އެފްބީގައި އެ ޕޯސްޓް ޝެއާކުރީ ޕްރަދާންގެ ދަރިއެއް. އޭނާއަށް އަހަރެންގެ މެސެޖު ފެނިގެން ވަގުތުން އޭނާގެ ބައްޕަ ކައިރިއަށް ދުވެފައި ގޮސް އަހަރެންގެ މެސެޖު ދެއްކި. އަދި އަހަރެމެން ބުނިން ތިއީ މީގެ 35 އަހަރު ކުރިން ގެއްލިފައިވާ އަހަރެމެންގެ ބޮޑުބޭބެކަން ޔަގީނޭ،" ޗަންދުރަޝޭކަރް ބުންޏެވެ.
ޖިލާޖީތުގެ އެއްބަނޑު އެއްބަފާ ދެބެން ވަގުތުން ދަތުރު ހަދައިގެން އޭނާ ހުރި ރަށަށް ގޮސް އޭނާ އާ ބައްދަލުކުރި އެވެ. އަދި އޭނާ ފެނުމާއެކު ވަގުތުން އެއީ އެމީހުންގެ އެއްބަނޑު އެއްބަފާ ކޮއްކޮކަން އެ ދެބެންނަށް ޔަގީންވި އެވެ.
ތިން ބޭން ވެސް ތިބީ ވަރަށް ބޮޑަށް މުސްކުޅިވެފައި ނަމަވެސް އެކަކު އަނެކަކާ ބައްދަލުވެވުނީތީ އެމީހުން ތިބީ ވަރަށް އުފަލުންނެވެ. އަދި ޖިލާޖީތު ފެނުމުން ވީ އުފަލުން އޭނާ ގޮވައިގެން އަވަށަށް އައިސް ދެބެން ވަނީ ފޮނި ކާއެއްޗެތިން އަވަށުގެ މީހުންނަށް ސަދަގާތްކޮށްފަ އެވެ.