ރަޝިއާގައި އުފައްދާ އެސްޔޫ މަރުކާގެ ފައިޓަރު ޖެޓުތަކަށް ބޭނުންޖެހިފައިވާ ކަމަށް އީރާންގެ އެއާފޯސް ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ހާމިދު ވަހުދީ ވިދާޅުވެއްޖެ އެވެ.
ވައިގެ ސިފައިން ޒަމާނީކުރަން ފައިޓަރު ޖެޓުތައް ބޭނުންވިއެއް ކަމަކު ގައުމީ ފެންވަރުގެ އިޚުތިޔާރަކުން ނޫން ގޮތަކަށް ރަޝިއާގެ ފައިޓަރު ޖެޓުތައް ނުލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިސް ވެރިން މިކަމަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ބްރިގޭޑިއާ ޖެނެރަލް ވިދާޅުވި އެވެ. ސަރަހައްދީ ނޫހަކަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ރަޝިއާގެ އޮފިޝަލުންނާ މަޝްވަރާކޮށް ޕައިލެޓުން ތަމްރީންކުރަން ފެށޭނީ ވެސް ސަރުކާރުން ވަކި ގޮތެއް ނިންމުމުން ކަމަށެވެ.
ވަހުދީ ވިދާޅުވި ގޮތުގައި ފައިޓަރު ޖެޓުތަކަށް ފައިސާ ދައްކާ ހިސާބުން ޕައިލެޓުން ތަމްރީންކުރަން ފެށޭނެ އެވެ.
ރަޝިއާއާ އެކު މިހާރު ހަދާފައި ހުރި އަސްކަރީ އެއްބަސްވުންތަކުގެ ތެރެއިން އެސްޔޫ މަރުކާގެ ފައިޓަރު ޖެޓުތައް އީރާނަށް ލިބުމަށް އޮތް ހުރަހަކީ ވަކި ގޮތެއް އީރާނުން އިޚުތިޔާރުކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބްރިގޭޑިއާ ޖެނެރަލް ވިދާޅުވި ގޮތުގައި އިރާންގެ ކައުސަރު މަރުކާގެ ފައިޓަރު ޖެޓްތައް ވެސް ވައިގެ ސިފައިން ބޭނުންކުރާނެ އެވެ. މި މަރުކާގެ ޖެޓްތައް މުޅިން ފައްކާކޮށް -- ޓެސްޓްބުރު ޖަހައި ވައިގެ ސިފައިންނާ ހަވާލުކުރަން އަދި ދުވަސް ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާ އަތުން ފައިޓަރު ޖެޓު ގަތުމަށް ބޮޑު އިންވެސްޓެއް ކޮށްފައިވާ ކަމަށް ތެހެރާނުން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ރަޝިއާގައި އުފައްދާ އެސްޔޫ މަރުކާގެ 30 ޖެޓު ގަތުމަށެވެ. އެހެންނަމަވެސް މި ޖެޓްތައް އީރާންގެ ވައިގެ ސިފައިންނާ ހަވާލުކުރާނެ ތާރީހެއް ދެ ގައުމުން ކުރެ ގައުމަކުން ހާމައެއް ނުކުރެ އެވެ.
ވަހުދީ ވިދާޅުވި ގޮތުގައި ފައިޓަރު ޖެޓްތައް އީރާނަށް ގެނައުމުގެ ކުރިން ޕައިލެޓުން ތަމްރީންކުރާނެ އެވެ. އަދި އެއާ ވިދިގެން ދެން ޕައިލެޓުން ތަމްރީންކުރަން ޖެހިއްޖެ ނަމަ -- އެކަންކުރާނީ އީރާންގެ އަމިއްލަ ޕައިލެޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނަށް ފައިޓަރު ޖެޓުތައް ސަޕްލައިކުރަން ރަޝިއާ ވެސް ޝައުގުވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ އެއްބަސްވުންތަކުގެ ސަބަބުން އަސްކަރީ ވިޔަފާރިއަށް މަގުފަހިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.