ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާތާ އެއް އަހަރު ތެރޭގައި މާލޭގައި ކްރިސްޓިއަން ދީނުގެ ފައްޅިއެއް އަޅަން އެމީހުން ރޭވި ކަމަށް ކުރީގެ ރައީސް އަދި މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ޕީޕީއެމްގެ އޮފީހުގައި ރައީސް މައުމޫން ވިދާޅުވީ އެމްޑީޕީގެ އުސޫލާއި ހިޔާލުތައް ހުންނަނީ އިސްލާމް ދީން ކުރިއަރުވަން ނޫން ކަމަށާއި ދީނަށް ދޭން ޖެހޭ ހުރުމަތްތެރި ކަމެއް އެޕާޓީ އިން އެއްއިރެއްގައި ވެސް ނުދޭ ކަމަށެވެ. އަދި ނަޝީދު މަސައްކަތް ކުރައްވަނީ ބޭރުގެ ޣައިރު މުސްލިމުންނާއެކީގައި ކަމަށެވެ
"އެމްޑީޕީގެ ސަރުކާރުގައި އޭރު ހުންނެވި އިސް މަސްއޫލް ވެރިޔެއް އިނގިރޭސި ސަފީރާއި ހަވާލާދީ އަޅުގަނޑުގާތުގައި ވިދާޅުވީ އިނގިރޭސި ވިލާތުން 2008 ގެ އިންތިހާބުގައި ނަޝީދަށް ތާއީދުކޮށް ހޮވަން މަސައްކަތް ކުރީ އޭނާ [ނަޝީދު] ވެރިކަމާއި ހަވާލުވެވަޑައިގަންނަވާތާ އެއް އަހަރު ތެރޭގައި މާލޭގައި ކްރިސްޓިއަން ދީނުގެ ފައްޅިއެއް އަޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވުމުން ކަމަށް. އެހެންވީމާ އަޅުގަނޑަށް ބުނެވޭނެ އެބޭފުޅުން އުޅުއްވަނީ އިސްލާމްދީން ކުރިއަރުވަން ނޫން ކަން،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި މައުމޫން ވިދާޅުވީ އޭގެ އިތުރުން ވެސް ނަޝީދުގެ ދައުރުގައި އެމަނިކުފާނު ދައްކަވާފައި ހުރި ވާހަކަ ތަކުން އެކަންތައް ސާބިތުވާ ކަމަށެވެ. އެގޮތުން ކީރިތި ރަސޫލާއަށް ނިސްބަތްވާ ގޮތަށް އިހާނެތިބަސް ރައްދުކޮށް އާ ގްރުއާންއެއް ބޭނުންވާ ކަމަށް ވިދާޅުވި ކަމަށެވެ.
"މީގެ އިތުރުން ވެސް އެމީހުންގެ ތެރޭގައި މަސްތުވާ ދިޔާތަކެތި ބޭނުން ކުރުން ވަނީ އިންތިހާޔަށް ގިނަ ވެފައި. މީގެ ބަދަލަށް އެމްޑީޕީއިން ވެސް އިސްލާމީ އުސޫތައް ގަބޫލު ކުރައްވާ ރާއްޖޭގެ އުސޫލުތަކާއި ހިޔާލުތައް ދަމަހައްޓަން މަސައްކަތް ކުރައްވާ ނަމަ ޕީޕީއެމްއާއި އެމްޑީޕީ ދެމެދު އެއްވެސް ހިލާފެއް ނޯންނާނެ. އަޅުގަނޑުމެންނާއި އެބޭފުޅުންނާއި ހަމަ ހަމަ ވާނެ،" މައުމޫން ވިދާޅުވި އެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މައުމޫން ވަނީ ސިހުރު ހަދާ މީހުނާއި ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮންނަ ކަމަށް ބުނެ ރާއްޖެ ޓީވީ އިން ދެއްކި ވާހަކަތައް ދޮގު ކުރައްވާފަ އެވެ. ވިދާޅުވީ އެފަދަ އަމަލެއް އެއްވެސް އިރަކު ރައީސް ޔާމީން ނުކުރައްވާ ކަމަށާއި ނުވެސް ކުރައްވާނެ ކަމަށެވެ.