ރާއްޖެއަށް ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ގައްދާރެއްވީ މި ސަރުކާރުގެ ވެރިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލާފައިވާ ކަމަށް ބުނެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ގައުމު ދިފާއު ކުރުމުގެ ބަދަލުގައި ސަރުކާރުން ގައުމަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.
"އެމަނިކުފާނު (ރައީސް ސޯލިހް)ގެ ނެތޭ ހަގީގަތުގައި ހިތްވަރެއް. ހިތްވަރު ނެތްތާ ދައުލަތުގެ ބަންޑާރަނައިބު މެދުވެރިކޮށް މި ދިވެހި ގައުމު ދިފާއު ކުރެއްވުމުގެ ބަދަލުގައި އަޅުގަނޑުމެންނަށްވީ ބޭވަފާތެރި، އަޅުގަނޑުމެންނަށްވީ ގައްދާރު، ވީ ހިޔާނާތްތެރި. ހަގީގަތުގައި މި ފަހުގެ ތާރީހުގައި ދިވެހި ގައުމަށް އެންމެ ބޮޑު ހިޔާނާތްތެރިވި މީހެއްގެ ގޮތުގައި ލިޔެވިގެންދާނެ މި ސަރުކާރުގައި ތިއްބެވި ވެރިން،" އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދަކީ 200 ނޯޓިކަލް މޭލު ކަމަށް 1996 ވަނަ އަހަރު ގާނޫނަކުން ކަނޑައެޅި ކަމަށާއި އެ ގާނޫނަށް ރައީސް ސޯލިހް، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން އޭރު ވޯޓު ދެއްވި ކަމަށެވެ.
އިގްތިސާދީ ސަރަހައްދުން 200 ނޯޓިކަލް މޭލު ދިވެހިންނަށް ހައްގު ކަމަށް މަޖިލީހުން ގާނޫނަކުން ކަނޑައަޅާފައިވާއިރު ބަންޑާރަނައިބުގެ ޒިންމާއަކީ އެ ގާނޫނު ދިފާއު ކުރެއްވުން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
ރައީސް ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅަށް އިޝާރާތްކުރައްވާ އަލީ ހުސައިން ވިދާޅުވީ "ސިއްރު ސިޓީ"ގައިވާ ކަންކަން ދައްކާފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލީ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ސަރުކާރަށް އުނދަގޫނަމަ އިސްތިއުފާ ދެއްވުމަށް އަލީ ހުސައިން ގޮވާލެއްވި އެވެ.
އިޓްލޮސްގެ ނިންމުމުގެ ސަބަބުން އުންމީދު ކަނޑާލަން ނުޖެހޭ ކަމަށާއި މިކަމުގައި ކުރެވޭނެ ކަންކަން އެބަހުރި ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
"އިޓްލޮސްގެ ނިންމުމާ ހިސާބުން އަޅުގަނޑުމެން ކަރުއެލުވާލާކަށް ނުޖެހޭ، އެއްވެސް ގޮތަކަށް އުންމީދު ކަނޑާލާކަށް ނުޖެހޭ، އަޅުގަނޑުމެންނަކަށް އަދި ކަނޑު ގެއްލުނީއެއް ނޫން، އަޅުގަނޑުމެންނަށް ކުރެވޭނެ އަދި އަޅުގަނޑުމެން ކުރާނެ ކަންތައް ލައްކަ ބައިވަރު އެބަހުރި،" އަލީ ހުސައިން ވިދާޅުވި އެވެ.
ކަނޑުުގެ ސަރަހައްދުގެ މައްސަލައިގައި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށްވެސް އަލީ ހުސައިން ތުހުމަތު ކުރެއްވި އެވެ.