ދުނިޔެ

ހައިޑްރޮޖެން ބޮމާ ގުޅިގެން އިންޒާރު ދެމުން ދަނިކޮށް އުތުރު ކޮރެއާއިން ރޮކެޓެއް ޓެސްޓުކޮށްފި

ހައިޑްރޮޖެން ބޮމެއް ޓެސްޓް ކުރުމާ ގުޅިގެން އުތުރު ކޮރެއާއަށް ގައުމުތަކުން އިންޒާރުތައް ދެމުން ދަނިކޮށް ދުރު ރާސްތާ ރޮކެޓެއް ޓެސްޓު ކޮށްފި އެވެ.

އެގައުމުގެ ނޭޝަނަލް އެއަރޯސްޕޭސް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަނުން ބުނެފައި ވަނީ ރޮކެޓް އުދުއްސާލިތާ 10 މިނިޓް ތެރޭ އޯބިޓަށް ވަދެވިފައިވާ ކަމަށެވެ.

މި ރޮކެޓް ޖައްވަށް ފޮނުވާލުމުން ޖަޕާނާއި އުތުރުކޮރެއާ އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. މިއީ ސައިންޓިފިކް ދިރާސާ ކުރަން ޖައްވަށް ފޮނުވާލި ރޮކެޓެއް ކަމަށް އުތުރު ކޮރެއާއިން ބުނި ނަމަވެސް އެމެރިކާ، ދެކުނު ކޮރެއާ އަދި ޗައިނާއިން ބުނީ މިއީ އިންޓަ-ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެއް އުފައްދަން ކުރި ޓެސްޓެއް ކަމަށެވެ.

މި ބާވަތުގެ މިސައިލުން އެމެރިކާ އަށް ހަމަލާ ދެވޭނެ ކަމަށްވެ އެވެ. އެކަމާއި ގުޅިގެން އެމެރިކާގެ ނޭޝަަނަލް ސެކިއުރިޓީ އެޑްވައިޒަރު ވިދާޅުވީ އުތުރު ކޮރެއާ އިން ބެލެސްޓިކް މިސައިލް ޓެކްނޮލޮޖީ ބޭނުން ކުރުމަކީ ކުރިމަތިވި އިތުރު ކަންބޮޑުވުމެއް ކަމަށެވެ.

އެމެރިކާ އިން މިހާރުވަނީ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަން ގޮވާލައިފަ އެވެ. ސަލާމަތީ މަޖިލީހުގެ ގަރާރުގެ ދަށުން އުތުރު ކޮރެއާ އިން ނިއުކްލިއަ ނުވަތަ ބެލެސްޓިކް މިސައިލް ޓެސްޓް ކުރުމަކީ މަނާ ކަމެކެވެ.

އުތުރު ކޮރެއާގެ ނޭޝަނަލް އެއަރޯސްޕޭސް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަނާ ހަވާލާދީ ރިޕޯޓުތައް ބުނަނީ މިއީ އެ ގައުމުގެ ލީޑަރު ކިމް ޔޮން އުންގެ އަމުރަށް އުދުއްސާލި ރޮކެޓެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ރޮކެޓްތައް ފޮނުވާނެ ކަމަށެވެ.