އެފްއޭ ކަޕް

އިނގިރޭސި އެފްއޭ ކަޕްގެ ބޮޑު ފައިނަލް މިރޭ

އިނގިރޭސިވިލާތުގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް އެފްއޭ ކަޕްގެ ފައިނަލް މިރޭ ވެމްބްލީގައި ރާއްޖޭގެ ގަޑިން ހަތެއް ޖަހާއިރު އޮންނާނެ އެވެ.

މި އަހަރުގެ އެފްއޭކަޕް ފައިނަލަށް ގޮސްފައިވަނީ އިނގިރޭސި މަޝްހޫރު ކްލަބް މެންޗެސްޓާ ސިޓީ އާއި އިނގިރޭސި އެންމެ މަގްބޫލު އެއް ކްލަބް މެންޗެސްޓާ ޔުނައިޓެޑެވެ.

އިނގިރޭސި އެފްއޭކަޕްގެ 149 ވަނަ ފައިނަލަށް މެންޗެސްޓާގެ މި ޑާބީ މިރޭ ވެގެންދާއިރު މިއީ މި ދެޓީމުގެ ވާދަވެރި 189 ވަނަ ޑާބީ އެވެ. މީގެ ކުރިން މި ދެޓީމް ބައްދަލުކޮށްފައިވާ މެޗްތަކަށް ބަލާއިރު 77 ފަހަރު ޔުނައިޓެޑް މޮޅުވެފައިވާއިރު 58 ފަހަރު ސިޓީ މޮޅުވެފައިވެ އެވެ. ނަމަވެސް ސިޓީ މި މެޗްގެ ފެވަރިޓަކަށް ވެފައިވަނީ އެޓީމު އެންމެ ފަހުން ކުޅުނު 26 މެޗުން 25 މެޗުން މޮޅުވެފައިވާތީ އެވެ. އަދި ބަލިވެފައިވާ އެންމެ މެޗަކީވެސް ލީގް ހޯދައި ނިމިފައިވުމުން މޮޅެތި ކުޅުންތެރިންނަށް އަރާމުދީގެން ކުޅުނު މެޗަކަށްވާ ކަމެވެ.

މިރޭގެ މެންޗެސްޓަރ ޑާބީ އިތުރަށް ފޯރިގަދަވެފައިވަނީ މިއީ މެންޗެސްޓަރ ސިޓީއަށް ޓްރެބްލްއެއް ނުވަތަ ތިން ތަށި، ލީގް ކަޕް، އެފްއޭކަޕް އަދި ޗެމްޕިއަންސް ލީގު ތައްޓާއެކު އެއް ސީޒަނެއްގައި ހޯދައި -- މިހާތަނަށް ހަމައެކަނި މެންޗެސްޓާ ޔުނައިޓެޑް ހަދާފައިވާ ރެކޯޑާ އެއްވަރުގެ ރެކޯޑެއް ހެދުމުގެ ފުރުސަތު ސިޓީއަށް އޮތުމެވެ. އަނެއްކޮޅުން މިއީ ޔުނައިޓެޑަށް އެފްއޭ ކަޕް 13 ވަނަ ފަހަރަށް އުފުލައި މިދިޔަ ފެބްރުއަރީގައި ނިއުކާސްލް ބަލިކޮށް ކަރަބާއޯ ކަޕްވެސް ހޯދާފައިވުމުން ސީޒަނެއްގައި ޑަބަލްއެއް ހެދުމުގެ ފުރުސަތު އޮތް މެޗަށްވެސްވާތީ އެވެ.

މިރޭގެ ޑާބީ އާއި ކުރިމަތިލާއިރު ޔުނައިޓެޑަށް އޮތް ހިތްހަމަޖެހުމަކީ މިދިޔަ ޖެނުއަރީގައި ލީގުގައި ސިޓީއާއި ދެކޮޅަށް ޔުނައިޓެޑްގެ އަމިއްލަ ދަނޑު އޯލްޑް ޓެރެފަޑް ގައި ކުޅެ 2-1 އިން މޮޅުވެފައިވުމެވެ. އަނެއްކޮޅުން ސިޓީ އަށް އޮތް ހިތްހަމަޖެހުމަކީ ޔުނައިޓެޑް އަތުން ބަލިވި އެ މެޗަށްފަހު ޔޫރަޕްގެ ބޮޑެތި ހުރިހާ ޓީމް ތަކެއް ބަލިކޮށްފައި މިހިސާބަށް އައިސްފައި އޮތުމެވެ. މީގެތެރޭގައި ލިވަޕޫލް، އާސެނަލް، ބެޔާން މިއުނިކް އަދި ރެއާލް މެޑްރިޑް ތަފާތު ބޮޑުކޮށް ބަލިކޮށްފައިވުމެވެ.

މި މެޗްގައި ޔުނައިޓެޑްގެ ޑިފެންޑަރު އާޖެންޓީނާގެ ތަރި ލިސްންޑްރޯ މާޓިނޭޒް އަނިޔާއިން އަދިވެސް ރަނގަޅުވެފައި ނުވާތީ އެއީ ޓީމްގެ ޑިފެންސް ލައިނަށް އޮތް ކަންބޮޑުވުމެކެވެ. ނަމަވެސް މިދިޔަ ޖެނުއަރީގައި އޮތް މެންޗެސްޓާ ޑާބީގެ މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީވެސް މާޓިނޭޒާއި ނުލައި ކަމަށްވުމުން މިމެޗްވެސް އެގޮތުގައި ގެނެވޭނެ ކަމަށް އުއްމީދުކުރެވެ އެވެ. އަނެއްކޮޅުން މިމެޗުން ޔުނައިޓެޑް މޮޅުވާން ބޭނުން ނަމަ މާކަސް ރަޝްފޯޑާއި ޖޭޑަން ސަންޗޯގެ މޮޅު ކުޅުން ކޮންމެހެންވެސް ތަކުރާރުކުރަން ޖެހޭނެ އެވެ.

ސިޓީއަށް ބަލާއިރު ސިޓީގެ ތަރިން ކަމުގައިވާ ހާލަންޑް، ގްރީލިޝް، ޑިބްރޭނާ އަދި ޑިސިލްވާ ރަނގަޅު ފޯމްގައި ތިބި އިރު މިދިޔަ އޮކްޓޯބަރުގައި ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗްގައި ހާލަންޑް ހެޓްރިކް ހަދައި އަދި މިސީޒަންގެ 51 މެޗުން 52 ގޯލް ޖަހާފައިވުމުން މިމެޗްގައިވެސް ޔުނައިޓެޑަށް އޭނާ ވާނީ ބިރަކަށެވެ. ހާލަންޑް ހިފެހެއްޓުނަސް މިސީޒަންގައި ލަނޑުޖަހަމުން އަންނަ އަލްޖީރިއާގެ މަހުރޭޒާއި އަދި އިންގްލަންޑްގެ ފޯޑްން އަދި އާޖެންޓީނާގެ ތަރި ހޫލިއަން އަލްވަރޭޒް އަދި ޖާމަނީގެ ގުންޑޮގާންގެ ނުރައްކާ ޔުނައިޓެޑަށް ވަކި ކުޑައެއް ނުވާނެ އެވެ.

މިރޭގެ މެޗުން ސިޓީގެ ކޮޅަށް ގޯލެއް ނުވަދެ މޮޅުވެއްޖެނަމަ މިހާތަނަށް 1903 ގައި އިނގިރޭސި ޓީމު ބެރީ އިން ބައިކޮޅަށް ގޯލެއް ވަނަ ނުދީ މި މުބާރާތް ކާމިޔާބު ކުރިކުރުމުގެ ގަރުނެއްގެ ދިގު ތާރީހް ނިމުމަކަށް ގެނެސް ސިޓީން އެކާމިޔާބު ތަކުރާރުކުރާނެ އެވެ. އެއިގެ ކުރިން މި ކާމިޔާބު ހޯދާފައިވާ ހަމައެކަނި އިނގިރޭސި ޓީމަކީ ޕްރެސްޓަން ނޯތް އެވެ.

އިނގިރޭސި އެފްއޭކަޕްގައި ސިޓީން 12 ވަނަ ފަހަރަށް މިރޭ ފައިނަލް ކުޅޭއިރު މީގެ ކުރިން މި ތަށި 6 ފަހަރު ސިޓީން ވަނީ ހޯދާފަ އެވެ. އަދި 5 ފަހަރު ފައިނަލުގައި ބަލިވެފައިވެ އެވެ. އަނެއްކޮޅުން ޔުނައިޓެޑް، އާސެނަލާއި އެއްވަރަށް 21 ވަނަ ފަހަރަށް މިރޭ މި ފައިނަލް ކުޅޭ އިރު އެފްއޭ ކަޕް ފައިނަލުގައި އެންމެ ގިނައިން ބަލިވުމުގެ ރެކޯޑްވެސް އޮތީ ޔުނައިޓެޑް އަތުގަ އެވެ.

މެންޗެސްޓާ ސިޓީން 2011 ގެ ފަހުން އެފްއޭ ކަޕް ދެ ފަހަރު ހޯދައި އެއް ފަހަރު ބަލިވެފައިވާއިރު އެންމެ ފަހުން މި ތަށި ހޯދާފައިވަނީ 2019 ގައި ވޮޓްފޯޑް އަތުން 6-0 ގެ ބޮޑު ނަތީޖާއަކުން މޮޅުވެ އެވެ.

ޔުނައިޓެޑްގެ މެނޭޖަރު އެރިކް ޓެން ހާގްއާ އެކު ޔުނައިޓެޑްގެ މޮޅު ކުޅުމަށް އެނބުރި އައިސްފައިވާއިރު އަބޫ ދާބީގެ ޝައިހް މަންސޫރު ބިން ޒައިދް އަލް ނަހްޔާން ސިޓީ ބައްލަވައިގެންފަހުން ވަނީ ކުރީގެ ބާސެލޯނާގެ ކާމިޔާބު ކުޅުންތެރިޔާ އަދި މެނޭޖަރު ޕެޕް ގާޑިއޯލާ ގެނެސް ޔޫރަޕްގެ އެންމެ ވާދަވެރި އެއް ޓީމަށް ސިޓީ ހަދާފަ އެވެ. އެހެންކަމުން މިރޭގެ މެޗަކީ ތާރީހީ ގޮތުން އެތައް ކަމެއް ހިނގައިގެން ދިއުމުގެ ފުރުސަތު އޮތް މެޗަކަށްވާއިރު މިއީ އެފްއޭކަޕްއްގެ އެންމެ ފޯރިގަދަވާނެ އެއް ފައިނަލް މެޗަށް ވެގެންދާނެ އެވެ.