ދުނިޔެ

ޔުކްރޭން ހަނގުރާމަ ހުއްޓޭނީ ހުޅަނގުން ހަތިޔާރު ދިނުން ހުއްޓާލުމުން: ބޮރެލް

ޔުކްރޭން ހަނގުރާމަ ނިމުމަކަށް ގެނެވެން އޮތް އެންމެ އަވަސް ގޮތަކީ ހުޅަނގުން ކީޔެވްއަށް ހަތިޔާރު ސަޕްލައިކުރުން ހުއްޓާލުން ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ "ޝަންގްރިއްލާ ޑައިލޮގް" -- އޭޝިއާ ސެކިއުރިޓީ ސަމިޓްގައި ވާހަކަދައްކަވަމުން ބޮރެލް ވިދާާޅުވީ ޔުކްރޭން ހަނގުރާމަ ހުއްޓުވާނެ ގޮތް އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ޔުކްރޭން ހަނގުރާމަ ހުއްޓުވާލުމަކީ އެއްވެސް ކަމެއް ނޫން،" ބޮރެލް ވިދާޅުވި އެވެ.

"އަހަރެމެން ކުރަންޖެހޭ ކަމަކީ ޔުކްރޭނަށް ހަތިޔާރު ސަޕްލައިކުރުން ހުއްޓާލުން -- އޭރުން އެހައިތަނުން އިސާހިތަކު ހަނގުރާމަ ނިމިދާނެ" އޭނާ ވިދާޅުވި އެވެ.

ރަޝިއާ-ޔުކްރޭން ހަނގުރާމަ ހުއްޓުވާލުމަކީ މިހާ ފަސޭހަ ކަމެއް ނަމަވެސް، ބޮރެލް ވިދާޅުވީ ހަނގުރާމަ ހުއްޓުވާލަން ބުރުސެލްސް ބޭނުންނުވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ޔުކްރޭން އަތްބަންދުކޮށްގެން ސުލްހަ ބޭނުން ނުވާ ކަމަށެވެ.

"ސަބަބަކީ ރަޝިއާއަށް އަމާންދޭން ޖެހޭތީ -- އެގޮތުން ލިބޭ ސުލްހައެއް ޔޫރަޕުން ބޭނުމެއް ނުވޭ" ބޮރެލް ވިދާޅުވި އެވެ.

ޖޯސެފް ބޮރެލް މީގެ ކުރިންވެސް ވަނީ މި މޭރުމުން ވާހަކަދައްކަވާފަ އެވެ. އޭނާގެ ވާހަކަތަކަށް ބަލާއިރު ޔުކްރޭން ހަނގުރާމަ މިހާރު ވެފައިވަނީ ޔޫރަޕަށް ވެސް ބޮޑު ކަމަކަށެވެ. އަދި ޔުކްރޭނަށް ހަތިޔާރު ސަޕްލައިކުރުމަކީ ޔޫރަޕަށް އުފުލުން ދަތި ކަމަކަށެވެ.

ޔުކްރޭން ހަނގުރާމަ މިހާރު އޮތް ހާލަތުން ހުއްޓުވާލެވެން އޮތީ ރަޝިއާއާށް އަމާންދީގެން ކަމަށް ބޮރެލް ވިދާޅުވުމަކީ އެ ނޫން ގޮތެއް ހުޅަނގަށް ނެތްކަން އޭނާ ގަބޫލުކުރައްވާ ކަމެވެ. އަދި ރަޝިއާ ބަލިކޮށް ކުޑަކަކޫ ޖެއްސުމަށް ހުޅަނގުން ނިޔަތްގަނެފައި އޮތް އޮތުން ފޭލިވެދާނެ ކަމަށް އޮތް ބިރާއި ލަދުވެތި ކަމުގެ ސަަބަބުން އެފަދަ ފިޔަވަޅެއް އަޅަން ނުކެރިންގެ އުޅެނީ އެވެ.

ބޮރެލް ވިދާޅުވި ގޮތުގައި ރަޝިއާއަށް ފެނިގެން ޔުކްރޭނާ މަޝްވަރާއެއް ނުކުރާނެ އެވެ. މަޝްވަރާކުރި ނަމަވެސް އެކަމެއް ކުރާނީ ރަޝިއާގެ ބާރުގެ ދަށަށް ޔުކްރޭނުން ބޮޑު ބައެއް ދިއުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރިންވެސް ރަޝިއާ ވަނީ -- ޔުކްރޭނާ ކައިރިނުވުމަށް ޔޫރަޕަށް އިންޒާރު ދީފަ އެވެ. ޔޫރަޕުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދޭނަމަ ހަނގުރާމަ ދިގުލައިގެން ގޮސް ކުށެއް ނެތް އެތައް ފުރާނައެއް ގެއްލޭނެ ކަމަށްވެސް ރަޝިއާ އޮތީ އިންޒާރު ދީފަ އެވެ. އެހެންނަމަވެސް. ހުޅަނގުން ގެންގުޅޭ ގޮތް ދޫނުކުރުމާއި ދަހިވެތި ކަމުގެ ސަބަބުން ހަނގުރާމަ ދިގުލައި އެތައް ހާސް ބަޔަކު ގައުމު ދޫކޮށް ރައްކާތެރި ތަނަކަށް ދާން ވަނީ މަޖުބޫރުވެފަ އެވެ.