ވާހަކަ

ގަހަނާ ފޮށި

( 2 ޖޫން 2023 އާ ގުޅޭ )

ގަޑިތަކުން ފަހެއް ޖަހަން ދަނީއެވެ. ހަވީރު ދެނެއްނުވާނެއެވެ. ދެން އިރު އޮއްސޭނީއެވެ. މިކަހަލަ ޚިޔާލުތަކެއްގައި އިންދާ ގެސްޓްހައުސް ދޮރުން ވަންތަން ފެނުނީ އިތޫއެވެ. އޭނާ އައީ އެކަންޏެއް ނޫނެވެ. އިތޫގެ ފަހަތުން ވަދެގެން އެތިބަ އަންނަނީ ޒަފަރުއާއި ހޫދުއެވެ. އަހަރެން ހިތްހަމައެއް ނުޖެހުނެވެ. އިތޫ ބުނި ގޮތުން އަހަރެން ހީކޮށްގެން ހުރީ އަންނާނީ އޭނާ އެކަނިކަމަށެވެ. ފައިސަލް ކައިރީ ވެސް އަހަރެން ބުނީ އިތޫ އެކަނި އަންނަ ވާހަކައެވެ.

"ހާދަ ވަރަކަށް ގުޅައިފީމޭ. ކޮބާ ފޯނު." އެންމެންނަށްވުރެ ކުރީން ދުވެލާފައި އަހަރެންގެ ކައިރިޔަށް އިތޫ އައެވެ. އޭނާގެ އަޑުގައި ހާސްކަންވިއެވެ. ހަމައެއާއެކު އޭނާގެ އަތުގައި ކޮތަޅެއް އޮތްތަން ފެނުނެވެ.

"ފޯނު ނުނެގީމަ ތިއައީ ގޭ އެންމެން ގޮވައިގެންތަ." އަހަރެން ބުނެލީމެވެ. އިތޫއަށް އަހަރެން އެ އިޝާރާތް ކުރީ ހޫދަށްކަން އެނގި އޭނާއަށް ބަލާ ވެސް ލިއެވެ.

"ކުޑަބެ އައީމަތަ... ވީގޮތަކީ އާނައަށް ނުގުޅިގެން އުޅޭވާހަކަ ދެއްކީމަ ދޮންބެދައްތަ ބުނީ ކުޑަބެ ކައިރީ އަހަރެމެންނާ އެއްކޮށް ދޭބަލާށޭ. އަހަންނަށް ވެސް އެނގޭ އާނައަށް ކަމެއްނުވަންޏާ ފޯނު ނިވާނުލާނެކަން. ދޮންބެދައްތަ އެއްގޮތަކަށް ވެސް އަހަންނާއި ޒަފަރު އެކަނި މިހިސާބަށް އަންނާކަށް ޤަބޫލެއްނުވި. އަނެއްކާ ވިއްސާރަ ނަގާފައި އޮތްވަރު އެބަފެނެއެއްނު. ވެހެން ފަށައިފިއްޔާ ނޭނގެ ހުއްޓާނޭ އިރެއް ވެސް." އިތޫ ނިކަން އަވަހަށް އަހަރެންނަށް އޮޅުންފިލުވާދޭން ވާހަކަދެއްކިއެވެ.

"ކޯއްޗެއް ހިފައިގެން ތިއައީ." އިތޫގެ އަތުގައި އޮތް ކޮތަޅަށް ބަލާލަމުން އަހާލީމެވެ.

"މީ ރޭގަ ކުއްޖަކު ނުހިފަން އެއްލާލައިފަ ދިޔަ އެއްޗެއް. މީހުން ހަދިޔާ ދިނީމާ އެހެން ހަދާކަށްނުވާނެއެއްނު. އަނބުރާ ދޭންވެގެން ހިފައިގެން މިއައީ." އަހަރެންގެ ކަނާއަތް ދަމާލައި އިތޫ ހިފައިގެން ހުރި ކޮތަޅު އަހަރެންގެ އަތަށް ލައިދިނެވެ. އެއާއެކު އޭގައި އޮތީ ކޮންއެއްޗެއްތޯ ބަލާލީމެވެ. އެއީ ރޭގައި ހޫދު އަހަންނަށް ގަނެދިން އައިސްކްރީމް ތަށްޓެވެ. ރުޅި އައިސްފައި ހުރިވަރުން އަހަރެން އޭގެ މަތިން އެއްގޮތަކަށް ވެސް ހަނދާނެއްނެތެވެ. ހޫދު ދެކެ ކިތަންމެ ފޫހިވިޔަސް އިތޫ ދިނީމާ ބޮލާލާ ޖަހާކަށް ނުކެރުނެވެ. އަދި ދެކޮޅަށް އެއްޗެއް ބުނުން ވެސް ރަނގަޅުކަމަކަށް ނުވާނޭ ޟަމީރު ވިސްނައިދިނެވެ.

"މަންޖެ ފޯނަށް ކިހިނެއް ހަދައިގެން ތިއުޅެނީ." އަހަރެންނާއި އިތޫއާ އަރާ ހަމަވުމާއެކު ޒަފަރު ބުނެލިއެވެ.

"ފޯނަށް ފެން އެޅިގެން ނިވާލީ." އަހަރެން ބުނެލީމެވެ.

"ކީއްކުރަން އުޅެނިކޮށް." އިތޫ އަހާލިއެވެ.

"މޫދަށް ވެއްޓުނީ." އަހަރެން ބުނީމެވެ.

ހޫދު އަހަރެމެންނަށް ވުރެ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރީއެވެ. އޭނާގެ ޖިންސުގެ އަރިމަތީ ޖީބަށް ދެ އަތް ޖަހާލައިގެން ގެސްޓްހައުސްއަށް ވަންނަ ދޮރޯށްޓާ ދިމާ ދުރު ބަލަހައްޓައިގެންނެވެ. ފައިސަލް ކޮބާތޯ އިތޫ އަހާލިއެވެ. އޭނާ އެބައާދެއޭ އަހަރެން ބުނެލީމެވެ. އެއާއެކު ޒަފަރު ވާހަކަދައްކަން ފެށިއެވެ.

"ފަޒީލު މަންމަ ގޮވައިގެން މާދަން އަންނަ ކަހަލަ ވާހަކައެއް ދެއްކި. އާނަ ނުގުޅަންތަ އޭނައަށް." ޒަފަރު އަހާލިއެވެ.

"މިއަދު އަދި ނުގުޅިގެން އުޅެނިކޮށް ފޯނު ކަޑަވީ. މާދަން އިރާދަކުރެއްވިއްޔާ ގުޅާލާނަން." އަހަރެން ބުނީމެވެ.

"ފައިސަލް ފެނިފަ ހުއްޓަސް އަހަރެމެންނެކޭ ދެ ބީރައްޓެހިންނެކޭ ތަފާތެއް ނެތް. އަހަރެން ނުދެކެން ދުވަހަކު ވެސް ފައިސަލް މީހަކާ އަނގައިން ބުނަނިކޮށް. މިއޮއްވަރަށް ފަޒީލާއެކީ އުޅޭއިރު ވެސް ފައިސަލް ފެނިފަ ހުރީ ދެތިން ފަހަރަކު. އޭނާ ދިރިއުޅެނީ ވެސް މިތަނުގައޭ ފަޒީލު ކިޔާ." ޒަފަރު ބުންޏެވެ.

"ބަސްމަދު މީހުން އުޅެއެއްނު. އެކަހަލަ މީހެއް އެއީ. އަނެއްކޮޅުން މިތަން ބަލަހައްޓަން މީހަކު ހުންނަން ޖެހޭނެއެއްނު. މިތާ ދިރިއުޅޭ މީހަކަށް އެކަން ކުރަން ފަސޭހަވާނީ ދޯ. އޭނާ މާގިނަ ވާހަކައެއް ނުދެއްކިޔަސް އެއީ ނައިސް މީހެއް. ފަޒީލުމެންހެން ސަކަރާތްޖަހައެއް ނޫޅޭ." އަހަރެން ބުނީމެވެ.

"ހާދަ ރަނގަޅަކަށް ފައިސަލް އެނގެއޭ ދޯ." ހޫދު ކުއްލިއަކަށް ބުނެލިއެވެ. އެ އަޑުގައި ހިތިކަމެއްވާ ކަހަލައެވެ. އޭނާ އަހަރެމެންގެ ވާހަކަ އަޑު އަހަންކަން ހުރީ ގައިމެވެ. އަހަރެންގެ ދަތްތަކަށް ބާރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

"އާން. އެނގޭ." ޖެއްސުމަށް އަހަރެން ބުނެލީމެވެ. އިތޫ އަހަންނާއި ހޫދަށް ވަކިވަކިން ބަލާލީ ނިކަން މާނަފުން ނަޒަރަކުންނެވެ. ދެން އޭނާ ޒަފަރަށް ބަލާލައި ނިތްއަރުވާލިއިރު އެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. އޭގެ ދެމީހުންގެ އަމިއްލަ ބަހުރުވައަކުން އެކަކުއަނެކަކު ކައިރީ ވާހަކައެއް ބުނެލި ފަދައެވެ.

"މިތާ މިހެން ތިބެންވީތަ؟. ހިނގާބަލަ އިށީންނަން." އިތޫ ބުންޏެވެ.

އަހަރެންނާއި އިތޫގެ ފަހަތުން ޒަފަރާއި ހޫދު ވެސް އައެވެ. ގެސްޓްހައުސްގެ ރިސެޕްޝަން ކައުންޓަރު ކުރިމަތީ ހުރި ސޯފާތަކުގައި އެންމެން އިށީނެވެ. ނަމަވެސް އަހަރެން އަތުގައި އޮތް އައިސްކްރީމް ތަށި ލާފައި އެބަ އަންނަމޭ ބުނެ ހިނގައި ގަތީ ބަދިގެއަށެވެ. އަހަރެންގެ ފަހަތުން އަންނަން އިތޫ ތެދުވިއެވެ.

"ދެން ބުނެބަލަ." ބަދިގޭގައި އަހަރެންނާއި އިތޫ އެކަނިވުމާއެކު އޭނާ ބުންޏެވެ.

"ކޯއްޗެއް." އަހަރެން ސުވާލު އުފެދުނެވެ.

"ކުޑަބެ ރޭގައި މިކޮޅުގައި ވަރަށް އިރު އިން ދޯ. ތި ދެ މީހުން ކޮންވާހަކައެއް ދެއްކީ. އަހަރެން މިހެން އަހަން ބޭނުންވެފައި ހުންނަތާ ކޮންއިރެއް. ހައްތަހާ ވެސް ފޯނުން ނާހަންވެގެން. ހުރިހާ ވާހަކައެއް ކިޔާދޭއިރު އާނަގެ ތި މޫނު ބަލަން އަހަރެން ބޭނުމީ. ހުރިހާ އަސަރެއް އަރާ ފައިބާނެ ތަނަކީ އެއީ." ޒާތެއްގެ ހިންޏެއް އައިސް ހުރެ އިތޫ ވާހަކަދެއްކިއެވެ.

"ހޫދު ބުނީތަ." އަހަރެން ހައިރާންވިއެވެ.

"ރޭގައި އެކެއް ޖެހިއިރު ވެސް ކުޑަބެ ނާދޭ. އާނަ ގެއަށްލާން ދިޔަ މީހާ... ގޭގަ ހުރިހާ ކުދީން ހަމަނުވާތީ ނުނިދިފަ ބައްޕަ އިނީ. ދޮންބެ ދެ ފަހަރު ގުޅީމަ ފޯނު ނެގީ. ކުޑަބެގެ ޚަބަރެއްވީ ދެން. އެންމެން ސުވާލުކުރި. ތަނަކަށް ނުދަމޭ ބުނީ. އާނަ ލާން ގޮސްފައޭ އައީ ބުނީ. ބައްޕަ އެހީމަ ބުނީ ގަޑިންވީއިރު ނޭނގި އިނދެވުނީއޯ. ސޯ... ޓެލް މީ... ސްޕިލް ދަ ޓީ." ހެވިފައި އިތޫ ވާހަކަދައްކަމުން ދިޔައެވެ.

"އަހަންނަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ. އެނގޭހާ ވެސް ކަމަކީ އެކެއް ނުޖަހަނީސް އަހަރެން މިކޮޅަށް ލާފައި ހޫދު ހިނގައްޖެކަން. އަހަރެމެން ވާހަކަދައްކާކަށް ނުތިބެން. ފައިސަލްއަށް ވެސް އެނގޭނެ. އޭނާ ވެސް އޭރު ހޭލާ އުޅޭ." އަހަރެން ބުނީމެވެ. އެހެންނަމަވެސް އިތޫގެ ވާހަކައިން އަހަރެން ވެސް ސުވާލު އުފެދިއްޖެއެވެ. ހޫދު ދިޔަތަނަކާމެދުއެވެ. އޭނާ އަހަރެން ލާފައި ގެއަށް ނުދިޔައީ ކީއްވެބާއޭ ވެސް ހިތަށް އެރިއެވެ. އެކަމަކު އެއިން ސުވާލެއް ނުކުރީ ހޫދުއާ މެދު އަހަރެން ޝައުގުވެރި ވަނީއޭ އިތޫއަށް ހީވެދާނެތީއެވެ. މިހާރު ވެސް އޭނާގެ ބައެއް ހަރަކާތްތަކުން ހީވަނީ އަހަރެންނާއި ހޫދުއާ ދެމެދު ގުޅުމެއް ފެށެން ބޭނުންވެގެން އުޅޭ ހެންނެވެ.

"އާނަ ފެނުނު ފަހުން ކުޑަބެއަށް ބަދަލެއް އަތުވެއްޖެހެން ހީވޭ." ތަންކޮޅެއް ސިއްރުން އަހަރެންނާ ކައިރިވެލާފައި އިތޫ ބުންޏެވެ. އަހަރެން ހީނލާފައި އަޅާނުލީއެވެ. އެއްޗެކޭ ބުނަން ބޭނުންނުވީ އިތޫއަށް އެ މައުޟޫޢުއަށް ވާހަކަދައްކަން ފުރުޞަތު ނުދިނުމެވެ.

"އަހަރެމެންނަށް ކޮފީ ހަދާދީބަލަ. ޒަފަރު އާދޭތޯ ހުރެހުރެ ކޮފީ ވެސް މިއަދު ނުބޮވުނު." އަހަރެން ނުކުންނަން އުޅުމުން ކުއްލިއަކަށް އަހަރެންގެ ދެ ކޮނޑުގައި ހިފަހައްޓާލައި އިތޫ ބުންޏެވެ. ހީވީ އަހަރެން ދާން އުޅުމުން އެކަން ހުއްޓުވަން އޭނާ އުޅުނުހެންނެވެ.

"އެންމެންނަށްތަ؟." އަހަރެން އަހާލީމެވެ. އިތޫ އަވަސްއަވަހަށް ބޯޖަހާލިއެވެ.

އަހަރެން ކޮފީ ބޯހިތެއް ނެތެވެ. އެހެންވެ ދެން ތިބި ތިން މީހުންނަށް ކޮފީ ހަދަން ޖޯޑުތައް ނަގައިގެން ސިންކާ ކައިރިވެލީމެވެ. ޖޯޑުތައް ދޮންނަން ހުއްޓާ އިތޫ އެބަ އަންނަމޭ ކިޔާފައި ދިޔައެވެ. ސިންކު ކައިރީ ހުންނަ މީހަކަށް ބަދިގޭ ދޮރެއް ނުފެންނާނެއެވެ. އަހަރެންނަށް ވެސް ބަދިގެއަށް މީހަކު ވަންއިރު އެއީ ކާކުކަން ނޭނގުނީ އެހެންވެއެވެ.

"އިތޫ ކެޕްސޫލް ލައްވާލަންވީނު." އަހަރެން ވާހަކަދެއްކީ އިތޫ އެނބުރި ބަދިގެއަށް ވަނީ އިތޫ ކަމަށް ހީކޮށްގެންނެވެ. ނަމަވެސް ބަދިގެއަށް ވަން މީހަކު އަނގައިން ނުބުނީމަ އަހަރެން ބަލާލީމެވެ. ތިން ވަރަކަށް ފިޔަވަޅު ދުރުގައި ވައަތް ފަރާތު އަރިމަތީ ކަބަޑުގައި ޖެހިލައިގެން އަހަރެންނަށް ބަލަން ހުރީ ހޫދެވެ. އަހަރެން ދެ ލޯ އަޅާލެވުމާއެކު ދެ ބުމަ ގޮށްޖަހާލެވުނެވެ. އޭނާ ދުރަށް ވެސް ޖެހިލެވުނެވެ. އެހިނދު ހޫދުގެ ތުންފަތުގައި ކަނާއަތުގެ ޝާހަދަތް އިނގިލި ޖައްސާލައިފައި އަޑުގަދަ ނުކުރަން އިޝާރާތުން ބުނަމުންދިޔައެވެ.

"ސޮރީ. ރޭގައި ވީ ކަންތަކަށް. ވަރަށް ބޮޑަށް ސޮރީ." އަހަރެން ބަލަން ހުންނަން ފެށުމުން ހޫދު މަޑުމަޑުން ބުނެލިއެވެ.

"މަޢާފެއް ނުކުރާނަންތަ؟." އަހަރެން އަނގައިން ބުނުމެއްނެތި ޖޯޑުތައް ހިފައިގެން ކޮފީ މޭޝިނު ކައިރިއަށް ޖެހިލުމުން ހޫދު އަހާލިއެވެ. ދެން ވެސް އަހަރެން ވާހަކަނުދައްކާ ކޮފީ ހެދުމައިގެން އުޅުނީމެވެ. ހޫދު އައިސް އަހަރެން ހުރި ދިމާގައި މަޑުކޮށްލިއެވެ. ނަމަވެސް އޭނާ ދުރުމިން ބަހައްޓަން ސަމާލުކަން ދިންކަން އަހަރެންނަށް ފާހަގަވިއެވެ.

"ތެންކިއު." ހޫދު ބުނެލިއެވެ. ހައިރާންވެގެން އަހަރެންނަށް ބަލާލެވުނެވެ. އޭނާ ޝުކުރު އަދާކުރަން ޖެހުނީ ކޮންކަމަކާކަން އަހަރެންގެ ވިސްނުމަކަށް ނައެވެ. އަހަރެމެންގެ ނަޒަރު އެކަކުއަނެކަކަށް އަމާޒުކޮށްލެވިފައި ވިއެވެ. އެ ދެ ލޮލުން ޖަވާބު ލިބޭތޯ ހޯދުނެވެ. ނަމަވެސް އެ ދެ ލޮލުގައިވާ އަސަރާއި ޖަޒުބާތުގައި ވަނީ ކީކޭކަން ތަރުޖަމާކުރާން އަހަރެންގެ ނަފްސު ނުކުޅެދުނެވެ. ޔަގީނުން ވެސް ބޮޑާކަމާއި ނަފްސުގެ ފަޚުރުވެރިކަމެއް އެ ބެލުމުގައި މިވަގުތަކު ނެތެވެ. ހަޤީޤަތުގައި ވެސް ހޫދު އަހަރެންގެ ކައިރިން މަޢާފަށް އެދެނީބާއޭ ހިތަށް އެރިއެވެ.

"އަހަރެންނަށް އެނގޭ އާނަ ބޭނުންނަމަ އިތޫ ކައިރީ އަހަރެންގެ ވާހަކަ ބުނެވުނީސްކަން. އަހަރެން އެދެނީ އެކަން އަހަރެމެން ދެމެދުގައި ބާއްވަން. އެންޑް އައި އޭމް ސޮރީ... އަހަންނަށް ގޯހެއް ހެދުނީ. އެޔެއްނޫން ކަންތައްކުރާންވާނޭ ގޮތަކީ... ފައިސަލް... އޭނަ... ތި ދެ މީހުން..." ހޫދު ދައްކަމުންދިޔަ ވާހަކަ ވަގުތުން ހުއްޓާލިއެވެ. ފިރިހެނަކު ކަރުކެހިލި އަޑު އިވިގެންނެވެ. އަހަރެންގެ ނަޒަރު ހޫދުއާ ވަކިވީ ދެނެވެ. އަދި އަހަރެމެން ދެ މީހުންނަށް ވެސް އެއްފަހަރާ ބަލާލެވުނީ އެތަނަށް އައި ތިންވަނަ މީހާއަށެވެ.

ބަދިގެ ދޮރުމަތީ ފައިސަލް ހުރީ އަހަރެމެންނަށް ބަލާށެވެ. ހޫދު ނުކުންނަން ހިނގައިގަތް ގޮތުން ހީވީ ފައިސަލްގެ ސަބަބުން އޭނާގެ ޠަބީޢަތަށް ނޭދެވޭ އަސަރެއް ކުރީ ހެންނެވެ. ފައިސަލް އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ މަޑު ހިނގުމެއްގައި އަހަރެންގެ ކައިރިޔަށް އައެވެ. ބަދިގޭ ދޮރުން ނުކުންނަމުން ހޫދު ފަސްއެނބުރި ބަލާލިއެވެ. އެ ދެ ލޮލުގައި ރުޅިވެރިކަމެއްވާހެން އަހަންނަށް ހީވާންވީ ސަބަބެއް ނޭނގުނެވެ.

"ތި ދެމެދުގައި ކަމެއްނެތްކަން ޔަގީންތަ؟." ހޫދު ދިއުމުން ފައިސަލް އަހާލިއެވެ.

"އެކުވެރިޔާގެ ބޭބެއަށް ވީތީ ކުރާ އިޚްތިރާމެއް އޮތީ. އެ ނޫން އެއްވެސް ގުޅުމެއްނެތް." އަހަރެން ބުނީމެވެ.

"ބޭރުގައި ދެން އިނީ ޒަފަރު ދޯ. އޭނާއާ ވެސް އާނަ ރައްޓެހިތަ؟." ފައިސަލް ބުންޏެވެ.

"އިތޫ ބިޓު އެއީ. ފަޒީލާ ދިމާވީ ޒަފަރުގެ ސަބަބުން... މަތިޖަހާފައި އެހެރީ މިއަދު ބޭނުނު ދެ މަސް ދޯ. އެ ފިހަނީތަ؟." އަހަރެން އަހާލީމެވެ.

"އަބްދުލް ކައިރީ އެ ސާފުކޮށްލަން ބުނިން. އޭނާ އަތުވެއްޖެތަ؟." ފައިސަލް އަހާލިއެވެ.

"އަބްދުލް ނެތްތަ. ނުދެކެން ދިޔަތަނެއް. އެނބުރި އައިތަނެއް ވެސް ނުދެކެން." އަހަރެން ބުނީމެވެ.

"ގަންނަންވީ އެއްޗެހީގެ ލިސްޓެއް އޭނާއަށް ދީގެން މިއުޅެނީ." ފައިސަލް މިހެން ބުނެ ފޯނު ނެގިއެވެ.

"އިތޫމެންނަށް ކޮފީ މިގެންދަނީ. ފައިސަލް ބޭނުންތަ." އަހަރެން އަހާލީމެވެ. އެއާއެކު އޭނާ ދެފަރާތަށް ބޯހޫރާލީއެވެ.

އަނދިރިކަން ވެރިވާން ފެށުމާއެކު ގެސްޓްހައުސްގެ ހުރިހާ ބޮތްކެއް ދިއްލާލައިފިއެވެ. އެހެންވެ ގޯތިތެރެއަށް އެހެންޏާ ވެރިވެފައި އޮންނަ އަނދިރިކަން މިރޭ ނެތުނެވެ. ބާބިކިއު ހަދާ ގްރިލް ތައްޔާރު ކުރާން އޭގެ ކައިރީ ފައިސަލް އުޅުނެވެ. ޒަފަރު އަމިއްލައަށް ފައިސަލްގެ ކައިރިޔަށް ދިޔައެވެ. އަހަރެންނާއި އިތޫ ވެސް ހަޓުތެރޭ މަޑުކޮށްލައިގެން ތިބީމެވެ. ހޫދު އެނބުރިދާކަށް ނޫޅުނެއެވެ. އޭނާ ވެސް އަހަރެމެންނާ ބައިވެރިވާން ގަސްދުކޮށްގެން ހުރި ކަހަލައެވެ. އެހެންނަމަވެސް އޭނާ އެއްވެސް ކަމެއްގައި އެހީތެރިވާކަށް ނޫޅެއެވެ. ދުރުގައި ކަންބަލަން ހުންނަނީއެވެ. ބަދިގެއިން ތަށިތައް ގެނެސް ގްރިލް ކައިރީ ހުރި މޭޒުގައި އަތުރަމުން ދިޔައީ އަބްދުލްއެވެ. އަހަރެން އެކަމާ ކައިރިވެލަން އުޅުމުން ހުއްޓުވީ ފައިސަލްއެވެ. އޭނާ ކޮށްފަރިތަ ކަންކަން އޭނާގެ ކޮންމެ ހަރަކާތަކުން ދޭހަވެއެވެ. މީހަކު ވާހަކައެއް އަހާލައިފިއްޔާ ނޫނީ ފައިސަލް އަނގަޔަކުން ނުބުނެއެވެ.

"ތި ދެ މީހުން ހާދަ ކްލޯޒްހެން ހީވޭ. ރަނގަޅަށްތަ މި ހީވީ." އިތޫ އަހަރެންގެ އަތަށް ދަމާލައި ކައިރިކޮށްލުމާއެކު ނިކަން ސިއްރުން ބުންޏެވެ.

"ހީވޭތަ؟." އަހަރެންނަށް ވެސް އަހާލެވުނެވެ.

"ފައިސަލް ބަލާލާއިރަށް އާނަ އޭނައަށް އެބަ ސްމައިލެއްދޭ. ތި ދެ މީހުންގެ ޓިއުން ދިމާވެފައި ހުރި ކަހަލަ. އަހަރެމެން ކައިރިޔަށް އައިސްފަ ވެސް އޭނާ އިށީނީ އާނަ ކައިރީގައި." އިތޫ ބުންޏެވެ.

"އޭނާގެ ޕާސާނަލިޓީ އަހަރެންނަށް ވަރަށް ކަމުދޭ. މަޑުމައިތިރިވެފައި އެހާ އަނގަ ގަދަވެގެން ނޫޅޭތީ." އަހަރެން ބުނީމެވެ.

"ވަޓް... ޔޫ ލައިކް ހިމް." އިތޫ ދެ ލޯބޮޑުކޮށްލަމުން އަޖައިބުވެއްޖެކަން ދައްކާލިއެވެ.

"ސްޓޮޕް އިޓް. ތި ހީކުރާ ގޮތަކަށްނޫން. އެނގެއެއްނު އަހަރެން އަދި އެކަހަލަ ކަމަކާ ރެޑީއެއްނޫންކަން." އަހަރެން ނިކަން އަވަހަށް ބުނެލީމެވެ.

"އާނަ ރެޑީ ނޫނަސް އާނަގެ ހިތް ރެޑީއޭ. އަސްލު ތިހެން ހުރުމަށްވުރެ އަލުން ކަމެއް ފަށަންވީ. އޭރުން އޭނާގެ މަތިން ހަނދާންނެތޭނީ ވެސް. ލިސެން ޓު ޔޯ ހާޓް." އަހަރެންގެ ކަންފަތް ބުޑުގައި އިހުނަށްވުރެ ވެސް ސިއްރުން އިތޫ ބުނެލިއެވެ. އަހަރެން ކައިރިޔަށް ހިނިއައެވެ. އަހަރެން ހީކުރީ އިތޫ ބޭނުންވަނީ އަހަންނާއި ހޫދު ގުޅުވަން ކަމަށެވެ. ނަމަވެސް އޭނާގެ ވާހަކަތަކުން ދޭހަވީ އަހަރެންނަށް ކަމުދާ މީހަކު އޭނާ ބަލައިގަންނާނޭ ކަމެވެ. އޭނާ ބޭނުންވަނީ އަހަރެންގެ އެކަނިވެރިކަމާއި ލިބިފައިވާ ހިތާމައާ ދުރުވުމެވެ. އެހެން އެކަން ވާނީ އަލުން އަހަރެންގެ ހަޔާތަށް ބައިވެރިއަކު އައިސްގެންނޭ ހީވާކަހަލައެވެ. އަހަރެންނަށް އިތޫގެ ވާހަކައާ މެދު ވިސްނަން ހުރެވުނީ ފައިސަލްއަށް ނަޒަރު ހުއްޓާލައިގެންނެވެ.

ރޮށްޓާއެކީ ފިހުނު މަހާއި ކުކުޅާއި ސޮސެޖާއި ތަރުކާރީގެ އިތުރުން ދެ ވައްތަރެއްގެ މޭވާ ވެސް ތަށިތަކުގައި ހުއްޓެވެ. ބުއިމަކަށް ގެނެސްފައި ހުރީ ބޮޑު ކޯކު ފުޅީގެ ދެ ފުޅިއެވެ. ހޫދުއަށް ތަށްޓެއް ތައްޔާރުކޮށްދީގެން ގެންގޮސްދިނީ އިތޫއެވެ. ވަށައިގެން ޖަހާފައިވާ ލަކުޑި ރެއިލިންގައި ފޫޖައްސާލައިގެން އެންމެންނާ އެކަހެރިކޮށް ހޫދު އިނެވެ. އަހަރެންނާއި އިތޫއާ ކާން ތިބިއިރު އަހަރެމެންގެ ކައިރީ ޒަފަރާއި ފައިސަލް ވެސް އިނެވެ. އަހަރެންގެ އަނގައިގަ ކައްޓެއް ޖެހުނީތީ ފައިސަލް ކަންބޮޑުވެގެން އުޅުނެވެ. އޭގެ ފަހުން ކޮންމެ ފިހުނު މަސްކޮޅެއްގައި ކަށި ހުރިތޯ ފައިސަލް ބަލާފައި އަހަރެންގެ ތަށްޓަށް ލައިދެއެވެ. އަހަރެންގެ ކައިރީ އިނދެފައި ފައިސަލް ތެދުވެގެން ކާއެއްޗެހި އަތުރާފައި ހުރި މޭޒު ކައިރިޔަށް ދާން ހިނގައިގަތެވެ. ހަމައެވަގުތު ހޫދު ވެސް އެ ދިމާލަށް ދާތީ އަހަރެން ދުށީމެވެ. މޭޒުކައިރީ މަޑުކޮށްލައިގެން ތިބިއިރު ހޫދު ކޮންމެވެސް ވާހަކައެއް ފައިސަލް ކައިރީ ދެއްކިއެވެ. ނަމަވެސް އަހަރެމެން ތިބި ހިސާބަށް އެ މީހުންގެ އަޑެއް ނީވެއެވެ. އަހަރެންގެ ހިތް އަވަސްވާންވީ ކީއްވެކަމެއް ނޭނގެއެވެ. ހައިރާންވީ އޭގެ ދެ މީހުން އެކަކުއަނެކަކާ ބަދަލުކޮށްލި ނުރައްކާތެރި ބެލުމެވެ. ފައިސަލް ވެސް ހޫދު ދެއްކި ވާހަކައަށް ރައްދު ދޭތީ ފެނުނެވެ. އެމީހުން އެ ދައްކާ ވާހަކައެއް އެނގެން އަހަރެން އިނީ ކެތްމަދުވެފައެވެ. އެ ދެމެދުގައި ރަޙުމަތްތެރިކަމެއް ނެތޭ އަހަރެންގެ ހިތް ބުނަމުންދިޔައެވެ.

ފައިސަލް އެނބުރި އަހަރެންގެ ކައިރިޔަށް އައިއިރު އޭނާގެ މޫނުމަތިން ކަމެއްވީކަމުގެ ކުޑަ ވެސް އަސަރެއް ނުފެނެއެވެ. އޭނާ އަހަރެންނާ ވާހަކަދެއްކީ އެހެންޏާ ވެސް ވާހަކަދައްކާ އާދައިގެ ގޮތުގައެވެ. ޒަފަރުގެ ފެށި ވާހަކައަށް އެންމެންގެ ސަމާލުކަން ދެވިފައިވީ ނަމަވެސް އަހަރެންނަށް އެކަމެއްނުވިއެވެ. ކާހިތް ވެސް ކެނޑުމާއެކު އަހަރެން ތަށި ހިފައިގެން ތެދުވީއެވެ. އަހަރެންނާ އެއްވަރަށް ހޫދުގެ ނަޒަރު ދަތުރުކުރަމުން ދިޔަކަން އިޙްސާސް ކުރެވެއެވެ. ތަށި ބަހައްޓާފައި އެނބުރި އިތޫމެން ކައިރިޔަށް ދިއުމުގެ ބަދަލުގައި އަހަރެން ރެއިލިން ކައިރިއަށް ޖެހިލައި އެތަނުގައި އަތް އަޅުވާލައިގެން މަޑުކޮށްލީމެވެ. ކައިރިޔަށް ހޫދު އަންނަން މިނެޓެއް ވެސް ނުނެގިއެވެ.

"މާދަން އަންނާނަންތަ؟." ހޫދު އަހާލިއެވެ. އަހަރެން ބަލާލީ ސުވާލުގެ ނަޒަރުންނެވެ. އެއާއެކު އަނެއްކާ ވެސް ހޫދު ވާހަކަދެއްކިއެވެ.

"މާދަންނޫން އަނެއް ދުވަހު އަހަރެން ފުރަން. ދެން އާދެވޭނީ ދެ ހަފްތާ ފަހުން... ވަރަށް މަޑުކުރާހިތްވޭ." ހޫދު ބުންޏެވެ.

"ކީއްކުރަން." އަހަރެންނަށް ބުނެވުނީ ވެސް ފޫހިކަމާއެކުއެވެ. އެކަމަކު މިފަހަރު އެއީ ގަސްދުގައެއް ނޫނެވެ.

"އާނަ މާދަން އަންނާނަންތަ؟. އަހަރެން ވާހަކައެއް ބުނަން ބޭނުން. އަދިވެސް އަހަންނަށް މަޢާފެއް ވެސް ނުކުރަމެންނު... ޕްލީޒް. ބުނެބާ މާދަން އަންނާނަމޭ. އަހަރެން ބޭނުން އާނައާ މީޓުކޮށްލަން... ދެ މީހުން... އެކަނި. ޕްލީޒް." ހޫދު ބުންޏެވެ. އޭނާގެ އަޑުގައި ޖެހިލުންވިއެވެ. އަހަރެންގެ ރުޅިގަނޑު އުތުރިގަނެދާނޭ ހީވާތީ ކަހަލައެވެ.

"ފައިސަލް ކައިރީ ކީކޭކީ." އަހަރެންނަށް ކެތްނުކުރެވިގެން އެހީމެވެ.

(ނުނިމޭ)