ވިޔަފާރި

އެސްއީޒެޑްގައި އިންޝުއަރެންސްގެ ވިޔަފާރި ފެށޭނީ 10 މިލިއަން ރުފިޔާއިން

Feb 7, 2016

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި އޯފްޝޯ އިންޝުއަރެންސްގެ ވިޔަފާރި ފެށޭނީ 10 މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ މަތީ އަދަދަކުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްްއެމްއޭ) އިން އާއްމުކޮށްފައިވާ "ސްޕެޝަލް އިކޮނޮމިކް ޒޯންގައި ހިންގޭ އޯފްޝޯ ބޭންކް ނޫން، މާލީ ވިޔަފާރިއާ ބެހޭ ގަވާއިދު" ގަވައިދުގައިވާ ގޮތުން އެމްއެމްއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ނޫން ގޮތަކަށް އޯފްޝޯ ބޭންކު ނޫން މާލީ ވިޔަފާރިއެއް ކޮށްގެން ނުވާނެ އެވެ.

މި ގަވާއިދުގައިވާ ގޮތުން އޯފްޝޯ ބޭންކް ނޫން ވިޔަފާރިތަކަށް ހުއްދަ ދެވޭނީ ކަނޑައެޅިފައިވާ ޝަރުތުތަކެއް ހަމަވުމުންނެވެ.

އެމްްއެމްއޭ އިން ބުނި ގޮތުގައި އޯފް ޝޯ އިންޝުއަރެންސްގެ ވިޔަފާރި ހިންގާ ފަރާތެއްގައި ކޮންމެ ވަގުތެއްގައި ވެސް 10 މިލިއަން ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ނުވަތަ އެމްއެމްއޭ އިން އެއަށްވުރެ ބޮޑު އަދަދެއް ކަނޑައަޅައިފިނަމަ ކެޕިޓަލްގެ ގޮތުގައި ބަހައްޓަން ޖެހެ އެވެ.

"...އޯފް ޝޯ ބޭންކު ނޫން މާލީ ވިޔަފާރީގެ ތެރޭގައި ހިމެނޭ އޯފްޝޯ އިންޝުއަރެންސް އެޖެންޓްކަން ނުވަތަ އޯފް ޝޯވް އިންޝުއަރެންސް ބްރޯކަރުކަން ކުރާ ކޮންމެ އިދާރާއަކުން ހުރިހާ ވަގުތެއްގައިވެސް އޮތޯރިޓީން ކަނޑައަޅާ އަދަދަށްވުރެ މަދުނޫން އަދަދެއް މިނިމަން އަންއިމްޕެއާޑް، ޕެއިޑް އަޕްކެޕިޓަލްގެ ގޮތުގައި ނުވަތަ އެސައިންޑް ކެޕިޓަލްގެ ގޮތުގައި ބަހައްޓަންވާނެ އެވެ،" އޯފް ޝޯ ބޭންކު ނޫން މާލީ ވިޔަފާރިއާ ބެހޭ ގަވާއިދުގައިވެ އެވެ.