އިންޑިއާ ސަރުކާރުގެ އެހީއާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ 10 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު އެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ތާރީހީ ގުޅުން މި ސަރުކާރު އައިފަހުން ވަރަށް ބޮޑަށް ވަރުގަދަ ވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ މަސައްކަތްތައް އިންޑިއާގެ އެހީތެރިކަމާ އެކު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓާ އޮފް ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާޒް ވީ މުރަވީދަރަން މިރަސްމިއްޔާތުގައި ވިދާޅުވީ އިންޑިއާ އިން ދޭ ހިލޭ އެހީއާއި ލޯނު ފައިސާގައި ރާއްޖެ ތަރައްގީވާ ތަން ފެނުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ.
ސޮއިކުރި އެއްބަސްވުންތައް:
- މާލޭގައި އާޓް ސެންޓަރެއް ގާއިމުކުރުން
- އައްޑޫ ސިޓީ ހިތަދޫ ދެ ސަރަޙައްދަކާއި ގދ. ވާދޫ އަދި ހއ. ދިއްދޫގައި އައުޓް-ޑޯ ޖިމް ގާއިމުކުރުން
- ށ. މިލަންދޫގައި ދުވާ ޓްރެކެއް ތަރައްގީކުރުން
- ޅ. ހިންނަވަރު ކައުންސިލްގެ އިދާރީ އޮފީސް ތަރައްގީކުރުން
- ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ހިންގުން
- ނ. ކެނދިކުޅުދޫ، ލ. ގަން، ކުޅުދުއްފުށި އަދި ފުވައްމުލަކުގެ ހަތަރު ސްކޫލަކަށް ސްކޫލް ބަސް ފޯރުކޮށްދިނުން
- ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ޔުނިޓެއް ގާއިމުކުރުން
އިންޑިއާ ސަރުކާރުން ވަނީ މި ރަސްމިއްޔާތުގައި އެންޓި ޓީބީ ބޭސް ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.