އައްޑޫ ސިޓީ

އައްޑޫގެ ތިން މަޝްރޫއެއް ނިމިއްޖެ، ސަރުކާރާ ހަވާލުކޮށްފި

އައްޑޫ ސިޓީގައި އިންޑިއާގެ އެހީއާއެކު ކުރިއަށް ގެންދިޔަ ތިން މަޝްރޫއެއް ނިމި، ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފި އެެވެ.

ސަރުކާރަށް ރަސްމީކޮށް މި މަޝްރޫއުތައް ހަވާލުކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އައްޑޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތު ގައެވެ.

ނިމުނު ތިން މަޝްރޫއުގެ ތެރޭގައި ހިމެނެނީ އައްޑޫގެ ގައުކެޑި އާއި މަރދޫ ގުޅުވާލާ ހަންކެޑެ ބްރިޖުގެ މަޝްރޫއާއި، އައްޑޫގައި ބިން ހިއްކުމުގެ މަޝްރޫއާއި، އައްޑޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއެވެ.

މި މަޝްރޫއުތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

މި މަޝްރޫއު ތަކުގެ ސަބަބުން އައްޑޫ އިތުރަށް ތަރައްގީވެ، އިގްތިސާދީ ގޮތުން ކުރި އެރުމަށް ލިބޭ އެހީއަކަށް ވެގެންދާނެ ކަމަށް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވި އެވެ.

މިމަޝްރޫއުތަކުގެ ސަބަބުން ދަތުރު ކުރުމަށް ލުއިފަސޭހަތަކެއް ލިބި، ފަތުރުވެރިކަން ބޮޑަށް ފުޅާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.