ފިނިޕޭޖް

"ޓޮޕް ގަން: މެވްރިކް"ގެ އާ ބޮކްސް އޮފީސް ރިކޯޑް

ޓޮމް ކްރޫޒްގެ "ޓޮޕް ގަން: މެވްރިކް" ރިލީޒްކުރީ މިދިޔަ އަހަރުގެ މޭ 27 ގައެވެ. މި ފިލްމް ރިލީޒްކުރިތާ އަހަރެއް ފާއިތުވީއީރު މި ފިލްމް ދަނީ އަދިވެސް ރިކޯޑް މުގުރަމުންނެވެ.

މިގޮތުން "ޓޮޕް ގަން: މެވްރިކް"ގެ ބޮކްސް އޮފީހުގެ އާމްދަނީ ވަނީ 1.5 ބިލިއަން ޑޮލަރަށް އަރާފަ އެވެ. އަދި މިއީ މިހާތަނަށް އެމެރިކާގައި ފަސްވަނައަށް އެންމެ ހިނގި ފިލްމަށް ވަނީ ވެފަ އެވެ.

މީގެ އިތުރުން މި ފިލްމަކީ 2022ގައި ބޮކްސް އޮފީހުގައި އެންމެ ފުރަތަމަ އެއް ބިލިއަން ހުރަސްކުރި ފިލްމެވެ. އެއް އަހަރު ފަހުން މި ފިލްމް ވަނީ "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އަށް ފަހު 2022 ގައި ދެވަނައަށް އެންމެ ބޮޑަށް ހިނގި ފިލްމަށް ވެފަ އެވެ. އަދި މިއީ ޓޮމް ކްރޫޒްގެ ގިނަ އަހަރުވީ ފިލްމް ކެރިއާގައި ބޮކްސް އޮފީހުގައި އެންމެ ހިނގި ފިލްމެވެ.

"ޓޮޕް ގަން: މެވްރިކް" އަދިވެސް ޖަޕާންގެ ސިނަމާތަކުގައި އަޅުވައިފާވާއިރު، ޓޮމް ކްރޫޒްގެ "ދަ ލާސްޓް ސަމުރާއީ" އަށް ވުރެ ބޮޑަށް މި ފިލްމު ހިނގާ، ޖަޕާންގެ ބޮކްސް އޮފީހުގެ އާމްދަނީ 101 މިލިއަން ޑޮލަރަށް އަރާފައިވެ އެވެ.

މި ފިލްމަށް ލިބުނު ކާމިޔާބީގެ ތެރޭގައި ހަ އެކަޑަމީ އެވޯޑްސް ނޮމިނޭޝަންގެ ތެރެއިން "ބެސްޓް ސައުންޑް" ކެޓެގަރީ އިން އެވޯޑް އަދި ބަފްޓާ އާއި ގޯލްޑަން ގްލޯބް ފަދަ އެވޯޑްތަކުގެ ނޮމިނޭޝަންސް ލިބިފައިވެ އެވެ.

ޖޯސެފް ކޮސިންކީ ޑައިރެކްޓް ކުރި މި ފިލްމާއި ޓޮމް ކްރޫޒްއާ ބެހޭގޮތުން މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ސްޓީވަން ސްޕީލްބާގް ބުނީ މީހުން ގިނައިން ސިނަމާތަކަށް ފިލްމް ބަލަން އަނބުރާ އަންނަން ފެށީ ޓޮމް ކްރޫޒްއާ ހެދި ކަމަށެވެ.

"ޓޮޕް ގަން: މެވްރިކް" އަކީ ޓޮމް ކްރޫޒް 1986 ގައި ކުޅުނު "ޓޮޕް ގަން"ގެ ސިކުއެލް އެވެ. އަދި މި ފިލްމުގައި ދައްކުވައިދެނީ އެމެރިކާގެ ނޭވީ ފައިޓާ ޕައިލެޓެއްގެ ވާހަކަ އެވެ. އަދި ސިކުއެލްގައި ދައްކަނީ ފުރަތަމަ ފިލްމްގެ 30 އަހަރު ފަހެވެ. "ޓޮޕް ގަން"އަށް ވެސް ވަނީ އޮސްކާ އެވޯޑް ލިބިފަ އެވެ. އަދި 36 ފަހުން ހެދި ސިކުއެލްގެ ކާމިޔާބީއާ ގުޅިގެން ފޭނުންނާއި ބައެއް ކާސްޓް މެމްބަރުން އިތުރު ސިކުއެލްއެއް ހަދަން ބޭނުންވެ އެވެ.