ފިނިޕޭޖް

ވަސާޗޭގެ އެންމެ ފަހުގެ ކަލެކްޝަންގައި ދުއާ ލީޕާ

ލަވަކިޔުންތެރިޔާ ދުއާ ލީޕާ، 27، ޑޮނަޓެއްލާ ވަސާޗޭއާ ގުޅިގެން ވަސާޗޭގެ އެންމެ ފަހުގެ ކަލެކްޝަން ޑިޒައިންކޮށްފި އެވެ.

މިއީ ވަސާޗޭއިން ސެލެބްރިޓީއަކާއެކު މިފަދަ ކޮލޭބޮރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.

"ލަ ވެކެންޒާ"ގެ ނަން ދީފައިވާ މި ކަލެކްޝަންގައި ހިމެނެނީ ޗުއްޓީ ހޭދަކުރާއިރު ލާކަހަލަ ހެދުމެވެ. މީގެ ތެރޭގައި ބީޗަށް ދާއިރު ލާ ހެދުމާއި ސްކާޓާއި ޓޮޕް، ހަވީރީ ހެދުމާއި، ބޫޓު، ދަބަސް އަދި ބެލްޓްގެ އިތުރުން ދުއާ، ކާން ފިލްމް ފެސްޓިވަލްގައި އާ ލޯބިވެރިޔާ ރޮމޭން ގަވްރާސް އާއެކު ރެޑް ކާޕެޓްގައި ފެނުނުއިރު ލާފައިވާ ކަޅުކުލައިގެ ހެދުން ހިމެނެ އެވެ. އަދި ފިރިހެނުންނަށް ފަޓްލޫނު، ގަމީސް، ޓީ ޝާޓާއި މަތި އަދި ސޫޓް ހިމެނެ އެވެ.

މި ކަލެކްޝަން ދައްކާލާފައިވަނީ ފަރަންސޭސި ވިލާތުގެ ކާންގައި އޮތް ގިނަ ސެލެބްރިޓީން ދިޔަ ޝޯއެއް ގައެވެ.

ޑޮނަޓެއްލާ ބުނީ ދުއާއާ އެކުގައި މަސައްކަތްކުރުންވީ ވަރަށް ފުރިހަމަ ކަމެއްގެ ގޮތުގައެވެ. އަދި ދުއާ ބުނީ ޑޮނަޓެއްލާއާ އެކު މަސައްކަތްކުރިއިރު އޭނާ ތަސައްވަރު ކުރި ގޮތަށް ދިޔަ ކަމަށާއި އެއީ ވަރަށް ނާދިރުކަމެއް ކަމުގައެވެ.

ދުއާ އަކީ ވަސާޗޭއާ ގާތް ގުޅުމެއް އޮންނަ ތަރިއެކެވެ. އަދި ވަސާޗޭގެ ޑިޒައިންތައް ރެޑް ކާޕެޓްގައި އާއި އޭނާގެ ޝޯތަކުގައި ލުމުގެ އިތުރުން، ވަސާޗޭގެ ފޯލް-ވިންޓާ 2021 ކެމްޕޭންގެ މޫނަށްވެ، ސްޕިރިން-ސަމާ 2022 ފެޝަން ޝޯގައި މޮޑެލްކޮށްފައިވެ އެވެ.

ދުއާ މީގެ ކުރިން ޕެޕޭ ޖީންސް އަދި ޕޫމާއާއެކު ކޮލޭބޮރޭޓްކޮށްފައިވެ އެވެ.