ޔުކްރޭންގެ އިމުގައި ނޫން ތަނެއްގައި ބޭނުންނުކުރުމަށް ޝަރުތުކޮށް ބެލްޖިއަމުން ޔުކްރޭނަށް ފޮނުވި ހަތިޔާރު -- ރަޝިއާއަށް ހަމަލާ ދޭން ބޭނުންކޮށްފައިވާތީ ބޮޑު މައްސަލައަކަށްވެ ތަހުގީގު ފަށައިފި އެވެ.
ބެލްޖިއަމްގެ ޑިފެންސް މިނިސްޓަރު ލުޑިވިން ޑިޑޮންޑާ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ރަޝިއާއަށް ހަމަލާދިނުމަށް ބެލްޖިއަމުން ސަޕްލައިކުރި ހަތިޔާރު ޔުކްރޭނުން ވަނީ ބޭނުންކޮށްފަ އެވެ. އެކަން ހިނގާދިޔަ ގޮތް އޮޅުފިލުވައި ދިނުމަށް ޔުކްރޭންގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބެލްޖިއަމްގެ ޚާރިޖީ ވަޒީރު ވެސް ވަނީ އެކަން ހިނގާފައިވާ ގޮތް ޔުކްރޭނުން އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ރަޝިއާ-ޔުކްރޭން ހަނގުރާމާގައި، ޔުކްރޭނަށް ހަތިޔާރު ސަޕްލައިކުރީ -- ބެލްޖިއަމުން ބުނި ގޮތުގައި، އެ މީހުންގެ އަމިއްލަ ދިފާއުގައި އަދި އަމިއްލަ ފަސްގަނޑުގައި ދުޝްމަނުންނަށް ހަމަލާދިނުމަށް ޝަރުތުކޮށެވެ.
އެހެން ގައުމަކަށް ހަތިޔާރު ވިއްކުމާއި ހަނގުރާމަވެރި ނުވަތަ ޖިހާދީ ގުރޫޕަކަށް ހަތިޔާރު ނުދިނުމަށް ޔުކްރޭނުން އެއްބަސްވެފައިވާ ކަމަށްވެސް ބެލްޖިއަމުން ބުނެ އެވެ.
ރަޝިއާގެ ހުޅަނގު ސަރަހައްދެއް ކަމަށްވާ ބެލްގޮރޯޑްއަށްް މެއި 22 ގައި ޖިހާދީ ގުރޫޕެއް ހަތިޔާރާ އެކު ވަދެގަނެ އާންމުންގެން މީހަކު ވަނީ މަރާލާފަ އެވެ. އެ މީހުންގެ ހަމަލާތަކުގައި އިތުރު 13 މީހަކަށް ބޮޑެތި އަނިޔާ ލިބިފައިވާ ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެ އެވެ.
ރަޝިއާ ސިފައިން އޭގެ ތެރެއިން 70 ޖިހާދީއަކު މަރާލައި ހަތިޔާރު އަތުލައި ބެލިއިރު އެއީ ބެލްޖިއަމާއި ޗެކްރިޕަބްލިކުން ސަޕްލައިކޮށްފައި ހުރި ހަތިޔާރު ކަމަށް ރަޝިއިން ވަނީ ބުނެފަ އެވެ.
މި ހާދިސާއާ ގުޅިގެން ރަޝިއާ އިން ވަނީ ބެލްޖިއަމަށް ޝަކުވާ ހުށަހަޅާފަ އެވެ. އަދި ބެލްޖިއަމްއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ބުނެފަ އެެވެ.
ރަޝިއާގެ މި އިންޒާރުން ބެލްޖިއަމް ވަނީ ނުތަނަވަސްވެފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ސާފުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ޔުކްރޭން ހަނގުރާމާގައި ރަޝިއާ ބަލިކުރުމަށްޓަކައި މުޅި ޔޫރަޕްހެން ދަނީ ޔުކްރޭނަށް ވާގިވެރިވަމުންނެވެ. އެ ގައުމުތަކުގައި އުފައްދާ ހަތިޔާރުގެ އިތުރުން އެހެން ގައުމުތަކުން ހަތިޔާރު ގަނެގެން ވެސް ދަނީ ޔުުކްރޭނަށް ސަޕްލައިކުރަމުންނެވެ.