އާބަންކޯ

އާބަންކޯއާ ހަވާލުކުރި ހިންމަފުށި ޖަލުގެ މަސައްކަތްތައް ނިންމާލައިފި

އާބަންކޯ އިން ހިންމަފުށީ ޖަލުގައި ކުރަން ހަވާލުވި މަސައްކަތްތައް ނިންމާލައިފި އެވެ.

އާބަންކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށް ގެންދިޔަ މި މަސައްކަތަކީ މާލެ ޖަލު ހިންމަފުއްޓަށް ބަދަލުކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ.

މާލެ ޖަލު މިވަގުތު ހިންގަމުންދަނީ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތާ ޖެހިގެންނެވެ. ސަރުކާރުން ނިންމާފައިވަނީ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި ކިޔަވައިދޭން ފެށުމުގެ ކުރިން މާލެ ޖަލުގައި ތިބި ގައިދީންނާއި އެތަނުގައި ކުރަމުން ދިޔަ މަސައްކަތްތައް ހިންމަފުށި ޖަލަށް ބަދަލުކުރުމަށެވެ.

އާބަންކޯ އިން ހިންމަފުށީ ޖަލުގައި މަސައްކަތްތަކެއް ކުރުމަށް ހަވާލުވީ ރައީސް އޮފީހުން އެދިގެން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އާބަންކޯގެ ފަރާތުން ހިންމަފުށި ޖަލުގައި ތަރައްގީކުރީ މީގެކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބައު އިމާރާތެކެވެ. އެތަނުގައި މިހާރު ވާނީ ހަ ބްލޮކް ހިމެނޭ ގޮތަށް އިމާރާތްތަކެއް ހަދާފަ އެވެ.

އާބަންކޯ އިން ބުނީ ޖާގައިގެ ގޮތުން މީގެއިން ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީންނަށް ތިބެވޭނެ ކަމަށެވެ. އަދި ގައިދީން ބޭނުންކުރުމަށް 12 ފާހަނައިގެ ފާހަނަ ބަރިއެއް އެތަނުގައި އިމާރާތްކޮށްފައިވެ އެވެ. އަދި މައި އިމާރާތުގެ އޮނިގަނޑާއި، ކަރަންޓުގެ މަސައްކަތާއި، މަރާމާތަށް ބޭނުންވާ ހުރިހާ ކަމެއް އާބަންކޯ އިން ކޮށްފައިވެ އެވެ.

އާބަންކޯއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ނިންމާލުމަށްފަހު އެ ކުންފުނިން މިހާރު ވާނީ އެތަން ކަރެކްޝަނާ ހަވާލުކޮށްފަ އެވެ.

އާބަންކޯގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހުޅުމާލެ ތަރައްގީކުރުމާއި، ހުޅުމާލެއަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނެ އެވެ. ނަމަވެސް އާބަންކޯގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން އެ ކުންފުނިން އަންނަނީ އާންމު މުޖުތަމައަށް ބޭނުންވާ އެހެނިހެން ބައެެއް މަސައްކަތްތައް ވެސް ކުރަމުންނެވެ. އެގޮތުން ހިންމަފުށީ ޖަލުގެ މަސައްކަތަކީ ވެސް ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށްވެސް އާބަންކޯ އިން ބުނެފައިވެ އެވެ.