ފިނިޕޭޖް

ދަ ރޮކްގެ "ހޮބްސް" ކެރެކްޓާއަށް ފިލްމެއް ހަދަނީ

ޑްވޭން "ދަ ރޮކް" ޖޯންސަން، 51، ފާސްޓް އެންޑް ފިއުރަސް ފްރެންޗައިޒްގައި ކުޅޭ ކެރެކްޓާ -- އޭޖެންޓް ލޫކް ހޮބްސް އަށް ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް ޔުނިވާސަލް ޕިކްޗާސް އިން އިއުލާންކޮށްފި އެވެ.

މި ހަބަރު ދަ ރޮކް ވަނީ އޭނާގެ އިންސްތަގްރާމްގައިވެސް ހިއްސާކޮށްފަ އެެވެ.

މިދިޔަ މަހު ރިލީޒްކުރި "ފާސްޓް އެކްސް" ގައި އެތައް ކެމިއޯއެއް ފެނި، ކްރެޑިޓްސްގެ ތެރޭގައި ދަ ރޮކްގެ ކެރެކްޓާ ފެނުމުން ފޭނުން ހައިރާންވި އެވެ.

އޭޖެންޓް ހޮބްސް އަށް އަދި ވަކި ނަމެއް ނުކިޔާ ފިލްމެއް ހަދާ ހަބަރުވީ ހައިރާން ކުރަނިވި ހަބަރަކަށެވެ. އެއީ ފާސްޓް އެންޑް ފިއުރިއަސް ފްރެންޗައިޒްގެ ލީޑް ރޯލް -- ޑޮމިނިކް ޓޮރޭޓޯގެ ރޯލް އަދާކުރާ ވިން ޑީސަލް، 55، އާ ދަ ރޮކް މައްސަލަ ޖެހި، އެ ރޯލަށް އަނބުރާ ނާންނާނެ ކަމަށް 2021 ގައި ދަ ރޮކް ބުނެފައިވާތީ އެވެ.

ދަ ރޮކް ބުނީ ކުރީގައި ޖެހިފައިވާ މައްސަލަތަކާ އެކުގައިވެސް ވިން އާއި އޭނާ އެތައް އަހަރެއް ވަންދެން ދެބެންގެ ގޮތުގައި އުޅެފައިވާ ކަމަށާއި އެކަން ހައްލުކޮށް މުސްތަގްބަލުގެ ބޮޑު ޕްލޭންތަކަށް ކުރިމަތިލާ ކަމަށެވެ. އަދި އެހެންވެ މި ފިލްމަށް އާއެކޭ ބުނުމަކީ ދަތި ނިންމުމެއް ނޫން ކަމަށް ދަ ރޮކް ބުންޏެވެ.

"ފާސްޓް އެކްސް"ގެ ޑައިރެކްޓަރު ލުއީ ލެޓޭރިއާ ބުނީ ދަ ރޮކް ފިލްމްގެ ކަންތައްތައް ބަލާލަން އައިސް، އޭނާއަށް ފިލްމް ކަމުދިޔަ ކަމަށާއި އެގޮތުން ކްރެޑިޓްސްގެ ކެމިއޯކުޅެން އެއްބަސްވީ ކަމަށެވެ.

ދަ ރޮކް މި ފްރެންޗައިޒްއާ ގުޅުނީ 2011 ވަނަ އަހަރު ނެރުނު ފަސްވަނަ ފިލްމު "ފާސްޓް ފައިވް" އިންނެވެ. އަދި ޖޭސަން ސްތޭތަމްގެ "ޑެކާޑް ޝޯ" ކެރެކްޓާއާ އެކު 2019 ގައި ނެރުނު މި ފްރެންޗައިޒްގެ ސްޕިން އޮފް "ހޮބްސް އެންޑް ޝޯ" ދަ ރޮކް ކުޅެފައިވެ އެވެ.