އެމްޑީޕީ

މަޖިލީހުގެ ރިޔާސަތާ ގުޅޭގޮތުން ޝަކުވާއާއި ކަންބޮޑުވުން

ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި އަތަކަށް ބުރަވެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަޖިލީހުގެ ނިޒާމު މިއަދު ގެއްލުވާލި ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ބުނެފި އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ ބުދަ ދުވަހުގެ ޖަލްސާ އަށެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާގައި މެންބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންދިއުން މަޑުޖައްސާލީ ގާނޫނީ މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރައްވާ އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަންޖެހޭ ކަމަށް ވިދާޅުވުމަށްފަހު އެެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި ބަންޑާރަނައިބްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭނީ މަޖިލީހަށް ހާޒިރުވެވަޑައިގެން މަޖިލީހުގެ ތަޅުމުގަ އެވެ. ރިފްއަތު އެ ދުވަހު މަޖިލީހަށް ޖަވާބުދާރީވީ ލިޔުމުންނެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި މަޖިލީހަށް ހާޒިރުވެގެން ކަމަށްވިޔަސް އަދި ލިޔުމުންވިޔަސް ބަންޑާރަނައިބް އިހްތިޔާރު ކުރައްވާ ގޮތަކަށް ޖަވާބުދާރިވުމަކީ އޭނާއަށް އޮތް ގާނޫނީ ހައްގެކެވެ. އިދިކޮޅު މެންބަރުންވެސް އަދި ސަރުކާރަށް ތާއީދުކުރާ މެންބަރުންވެސް ސަބަބު ދައްކަވަނީ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ)އާއި މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެވެ. މި ދެ މާއްދާގައިވެސް އޮންނަނީ އެއް އިބާރާތެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަންޑާރަނައިބް ހާޒިރުވެވަޑައިގެން އިންނަވަނިކޮށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް ފުރުސަތު ދެއްވުމުން އޭނާ ފުރަތަމަ ވިދާޅުވަމުން ގެންދެވީ ބަންޑާރަނައިބް ކުރީ ދުވަހުގެ ޖަލްސާއަށް ހާޒިރު ނުވެ މިއަދުގެ ޖަލްސާއަށް ހާޒިރުވުމަކީ ހެއްދެވުނު ގޯހެއް ކަމަށް ވިދާޅުވާންޖެހޭނެ ކަމަށެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން އެކަމަށް ހުރަސް އަޅުއްވަން ފެއްޓެވުމާއި މައްސަލަ ހުށަހެޅުއްވުމަށް އާދަމް ޝަރީފް ބޭނުން ނުވާނަމަ މަޖިލީހުގެ އެހެން މަސައްކަތްތަކަށް ދިއުމަށް އެ މެންބަރުން ޕްރެޝަރު ކުރައްވަން ފެއްޓެވުމުން ރިޔާސަތުން ވެސް އެންގެވީ މައްސަލަ ހުށަހެޅުއްވުމަށްފަހު އެވެ. ރިޔާސަތުން ތަކުރާރުކޮށް އެދެން ފެށުމުން އާދަމް ޝަރީފް ވަނީ އެތައް އިރެއް ހޭދަކުރައްވައިގެން މައްސަލަ ހުށަހަޅުއްވާފަ އެވެ. އޭނާ މައްސަލަ ހުށަހެޅުއްވުމަށް ފަހުން ގިނަ ވަގުތު ނެންގެވީ އިދިކޮޅު މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި ރިފްއަތު ގޯސް ހެއްދެވި ކަމަށް ތަކުރާރުކޮށް ވިދާޅުވާން ފެށުމުންނެވެ.

އާދަމް ޝަރީފް މައްސަލަ ހުށަހަޅުއްވަމުން ގެންދަވަނިކޮށް ނިޒާމު ގެއްލިފައިވާތީ އާއި ރަސްމީ ހުސްވަގުތުކޮޅަށް ވަގުތު ދޭންޖެހޭތީ ދެތިންފަހަރު މަޖިލިސް މެދުކަނޑާވެސް ލިއެވެ. އެތައް އިރެއްފަހުން އާދަމް ޝަރީފް މައްސަލަ ހުށަހެޅުއްވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ ބަންޑާރަނައިބް އބްރާހީމް ރިފްއަތަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވާފަ އެވެ. ނަމަވެސް ރިފްއަތު ޖަވާބުދާރީ ވަނީ ހުށަހެޅި މައްސަލައިގައިވާ ސުވާލުތަކަށް ޖަވާބު ނުލިބޭ ގޮތަށް ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ގެންދެވީ ތަކުރާރުކޮށް ރިފްއަތަށް ހުރަސް އަޅުއްވަމުންނެވެ.

ރިފްއަތު ޖަވާބު ދެއްވަނީ ހުށަހެޅި މައްސަލައަށް ނޫން ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ނިޒާމީ މައްސަލަ ނަންގަވާ އެ މައްސަލަ ފާހަގަކުރެއްވުމުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ. އަދި މަޖިލީހުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ރިފްއަތަށް އެންގެވި އެވެ. ޖަވާބުގައި ރިފްއަތު ވަނީ އޭނާ އަމަލުކުރައްވަނީ އޭނާއަށް ގާނޫނީ ވާޖިބު އަދާކުރެއްވުމުގެ ގޮތުން ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސްއަށް ރައްދުވެސް ދެއްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ މުޅި ޖަލްސާ ދިޔައީ ނިޒާމު ގެއްލިފައިވާ ޖަލްސާއެއްގެ ގޮތުގަ އެވެ. މިޖަލްސާ މިއަދު މެންދުރުފަހުގެ ދަންފަޅީގައި ނިންމާލީވެސް މަޖިލީހުގެ ނިޒާމު ގެއްލިފައިވާތީ އެކަން އިއުލާންކުރުމަށްފަހު އެވެ. އޭރު ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕްގެ މީޑިއާ ކޯޑިނޭޓަރު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމު ގެއްލުވާލާ މަޖިލިސް ހުއްޓުވާލީ އިދިކޮޅު މެންބަރުންނާއި މަޖިލީހުގެ ރައީސް ގުޅިގެން ކަމަށް ތުހުމަތުކުރައްވާފަ އެވެ. މަޖިލީހުގައި މިއަދު އިދިކޮޅު މެންބަރުން ގޮނޑިކޮޅުން ތެދުވެ ރިޔާސަތުގެ މޭޒުކޮޅުގެ ކައިރިއަށް އަދި ބަންޑާރަނައިބާ ވަރަށް ގާތަށް ވަޑައިގެންނެވި ނަމަވެސް އެ މެންބަރުންނަށް އެއްވެސް ފިޔަވަޅެއް ރިޔާސަތުން ނާޅުއްވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ސަރުކާރަށް ތާއީދުކުރައްވާ މެންބަރަކު ގޮނޑިކޮޅުން ތެދުވެވަޑައިގަންނަވާއިރަށް އެ ބޭފުޅެއްގެ ނަން އިއްވާ ހިސާބަށް ކަންކަން ގެންދެވި ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕާލިމެންޓްރީ ގުރޫޕް ގަބޫލުކުރާ ގޮތުގައި މިއޮތީ ވަރަށް ބޭއިންސާފުން ރިޔާސަތުން ކަންތައް ކުރައްވާފައި،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވައިދާއި ޒަމާންވީ އުސޫލުތަކާ ވެސް ހިލާފަށް އަމަލުކުރައްވަމުން ގެންދެވި ކަމަށް މިއަދު ފާހަގަކުރެއްވުނު ކަމަށެވެ. އެގޮތުން ވިދާޅުވީ މިއަދުގެ ޖަލްސާއަކީ ވަޒީރުންނާ ސުވާލުކުރުމަށް މެންބަރުންނަށް ލިބޭ ފުރުސަތު ގޮތަށް އޮތް ފުރުސަތެއް ނޫން ކަމަށެވެ. އޭގެބަދަލުގައި މިއަދުގެ ޖަލްސާއަކީ ބަންޑާރަނައިބްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިފައިވާތީ އެމަނިކުފާނަށް ގާނޫނުއާސާސީން ލިބިދޭ ޖަވާބުދާރީވުމުގެ ހައްގުގެ ބޭނުން ހިފަން އޮތް ޖަލްސާއެއް ކަމަށެވެ. އެކަމަކު މަޖިލީހުގެ ރިޔާސަތުން މިއަދުވެސް ބޭނުންވީ މިއަދުގެ ޖަލްސާއަކީ ވަޒީރުންނާ ސުވާލުކުރުމަށް ބާއްވާ ފަދަ ޖަލްސާއަކަށް ހެދުމަށް ކަމަށެވެ. މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވައިދާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރެއްވި ނަމަވެސް އެމަނިކުފާނު މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުން ލަސްވަނީ އެމަނިކުފާނަކީ އެމްޑީޕީގެވެސް ރައީސް ކަމަށްވާތީ ކުރާ އިހްތިރާމެއްގެ ސަބަބުން ކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ.

"މިދަންނަވަނީ ސަބަބު. ޕާޓީގެ ރައީސް ވީމާ އަޅުގަނޑުމެން ކުރާ އިހްތިރާމެއް ވެސް އެބައޮވޭ. ޓަސްލާފައި އެކަން ކުރަން، އެއަށްވުރެ ވާހަކަދައްކައިގެން ހައްލު ހޯދޭނެތޯ އަޅުގަނޑުމެން ބަލަމުން މިދަނީ. އެހެންވީމާ އެއީ އޭގެ ހަމައެކަނި ސަބަބަކީ. ކުރަން ނުކެރުން ނޫންނަމަ ކުރަން ބޭނުން ނުވުން، އެއެއް ނޫން،" މުހައްމަދު ވިދާޅުވި އެވެ.