އެޓާނީ ޖެނެރަލް

ސަލީމު ކުރެއްވީ ދަށު ދަރަޖައިގެ އަމަލެއް: އޭޖީ އޮފީސް

ބަންޑާރަނައިބް އޮފީހުގެ ދެ އަންހެން މުވައްޒަފަކަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު އަނގަ ބަހުން ފުރައްސާރައަށްވާ ގޮތަށް ވާހަކަދެއްކުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބަންޑާރަނައިބް އޮފީހުން ބުނެފި އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ރިފްއަތާ އެކު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ ހާޒިރުވީ ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައި ނުގެން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތުމުން އިދިކޮޅު މެންބަރުން ގެންދެވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިފްއަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ނިޒާމީ މައްސަލަ ނަންގަވައިގެން މެންބަރުން ފާޑު ވިދާޅުވަމުން ގެންދަވަނިކޮށް މެންބަރު ސަލީމުވެސް ނިޒާމީ މައްސަލައެއް ނެންގެވި އެވެ. މަޖިލީހުގެ ރިޔާސަތުން ފުރުސަތު ދެއްވުމުން ސަލީމު ވަނީ ރިފްއަތާ އެކު ތިއްބެވި ދެ އަންހެން ބޭފުޅުންނަކީ "18 އަހަރު ނުފުރޭ ދެ ކުދިންތޯ"އޭ ވިދާޅުވެ ސުވާލެއް އުފައްދަވާފަ އެވެ.

"ބަންޑާރަ ނައިބުގެ ދެ ފަރާތުގައި ތި ތިއްބެވީ 18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން ކަމަށް އަޅުގަނޑަށް ޝައްކުވާތީ، އެކަން ޔަގީންކޮށްލަދޭން އަޅުގަނޑު ބޭނުންވޭ،" ސަލީމް އެއްސެވި އެވެ.

ސަލީމު އެގޮތަށް ވިދާޅުވުމުން ނިޒާމީ މައްސަލައެއް ނަންގަވާ އެއީ ފުރައްސާރައެއް ކަމަށް ވިދާޅުވެ އެކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނެސްދެއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމު އެެވެ.

ސަލީމުގެ ވާހަކަފުޅާ ގުޅިގެން ބަންޑާރަނައިބް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިފްއަތާ އެކު މަޖިލީހަށް ވަޑައިގެންނެވި ހަދީޖާ ޝަބީން އާއި ފާތިމަތު ހަލީމް އަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އިލްމީ، ގާބިލް އަދި 16 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ވަކީލުން ކަމަށެވެ.

"މިއޮފީހުގައި މަސައްކަތް ކުރައްވާ އެއްވެސް ބޭފުޅެއްގެ ޖިންސަށް ނިސްބަތްކޮށް، ފުރައްސާރަކޮށް، ކުޑައިމީސް ބަސް ބުނުމަކީ މިއޮފީހުން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ތިން ބާރުން ކުރެ އެއްބާރުގައި ރައްޔިތުން ތަމްސީލު ކުރެއްވުމަށްޓަކައި ހިމެނޭ މެންބަރަކު ބަންޑާރަނައިބް އޮފީހުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ދެ ބޭފުޅުންގެ ޖިންސުގެ ސަބަބުން އެ ބޭފުޅުންގެ ގާބިލްކަމާއި ތަޖުރިބާއާ މެދު ސުވާލު އުފައްދަވައި ވާހަކަ ދެއްކެވުމަކީ އެ އޮފީހަށާއި ރާއްޖޭގައި މަސައްކަތް ކުރާ އެންމެހާ އަންހެން ވަކީލުން ހިމެނޭ ގޮތުން އަންހެން ބޭފުޅުންނަށް އިހްތިރާމު ކުޑަކުރެއްވުމުގެ ދަށު ދަރަޖައިގެ އަމަލެކެވެ.

"މުޖުތަމައެއްގެ ގޮތުގައި ހުރިހާ ބޭފުޅުންގެ މަގުސަދަކަށް ވާނީ އަދި މަސައްކަތް ކުރަންވާނީ މިންތީގެ ހަމަހަމަކަން ގާއިމުކޮށް އަންހެނުންނާ މެދު މުޖުތަމައުގައި ގެންގުޅޭ ނުރަނގަޅު ނުވަތަ ބޯދާ ތަސައްވުރުތައް ނައްތާލައި އަންހެނުން ބާރުވެރިކުރުވުމަށެވެ. ހުރިހާ ފަންތިއެއްގެ މަގާމުތައް އަދާކުރުމުގެ ފުރުސަތު ފަހިކުުރުމާއި އަންހެނުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ގަދަރާއި އިހްތިރާމް ލިބިދެވޭނެ ވެށްޓެއް ގާއިމުކުރުމަކީ އެންމެންގެވެސް ޒިންމާ އެކެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

މިޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސަލީމްގެ ވާހަކަފުޅާ މެދު ކަންބޮޑުވުން ފާޅުކުރައްވާ އެގޮތަށް މުހާތަބު ނުކުރެއްވުމަށް ސަލީމަށް ދަންނަވާފަ އެވެ.

"އެއްވެސް އިއްޒަތްތެރި މެމްބަރަކު މިތަނަށް ވަޑައިގަންނަވާ ހާއްސަކޮށް ޖިންސުއްލަތީފުންނާ ގުޅޭ ގޮތުން ކުޑައިމީސްވާ ގޮތަށް ވާހަކަ ނުދެއްކުމަށް ވަރަށް ބޮޑަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.

ސަލީމުގެ ވާހަކަފުޅަށް ބައެއް އާންމުންވެސް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.