ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ސައޫދީ އަރަބިއްޔާއަށް ވަޑައިގެން ބޮޑުވަޒީރު، ވަލީއަހުދު މުހައްމަދު ބިން ސަލްމާއާ ޖިއްދާގައި ބައްދަލު ކުރައްވައިފި ކަމަށް ސައޫދީ ޕްރެސް އޭޖެންސީން ބުނެފި އެވެ.
ނިކޮލަސް މަދޫރޯ ސައޫދީއަށް ހޯމަ ދުވަހު ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ މައްކާ ސަރަހައްދުގެ ގަވަރުނަރުގެ އެހީތެރިޔާ ޕްރިންސް ބަދުރު ބިން ސުލްތާން އެވެ.
މަދޫރޯގެ މި ދަތުރާ ބެހޭ މާބޮޑު ތަފުސީލެއް -- ދެ ގައުމުން ކުރެ ގައުމަކުން އާންމުކޮށްފައެއް ނުވެ އެވެ. ސައޫދީން ބުނި ގޮތުން މަދޫރޯ ސައޫދީއަށް ވަޑައިގެން އުޅުއްވަނީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އަދި ދެ ގައުމަށް ޚާއްސަ މަޝްވަރާތަކަށް ކަމަށެވެ.
މަދޫރޯގެ މި ދަތުރުގައި ވިޔަފާއި ވަފުދެއް ވެސް ބައިވެރިވެ އެވެ. އަދި ޚާރިޖީ ވަޒީރާއި ޚާރިޖީ ސިޔާސަތާ ބެހޭ ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ވެސް ބައިވެރިވެ އެވެ.
ވެނެޒުއެލާގެ ޚާރިޖީ ވަޒީރު އީވާން އެދުއަރުދޯ ހީލް ޕިންތޯ މި ދަތުރުގައި ބައިވެރިވެ ވަޑައިގެން ސައޫދީގެ ޚާރިޖީ ވަޒީރު ފްރިންސް ފައިސަލް ބިން ފަރުހާންއާ ބައްދަލުކުރެއްވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
މަދޫރޯގެ މިދަތުރާ ބެހޭ ތަފުސީލީ ބަޔާނެއް ދެ ގައުމުގެ ޚާރިޖީ ވުޒާރާއިން ނެރެފައެއް ނުވެ އެވެ. އެހެން ނަމަވެސް، މަދޫރޯ މި ދަތުރު ކުރެއްވި ދަނޑިވަޅަކީ ސައޫދީން ތެލުގެ ބާޒާރަށް ނެރޭ ތެލުގެ އަދަދު ދަށްކޮށް ވަކި އަދަދެއްގައި ދެމެހެއްޓުމަށް ވިސްނާ ދަނޑިވަޅެކެެވެ.
ވެނެޒުއެލާ އަކީ ވެސް އޯޕެކްގެ ބިންގާ އެޅި ފަސް ގައުމުގެ ތެރޭގައި ހިމެނޭ މުހިންމު އަދި ތެލުގެ ބާޒާރުގެ ތިލަފަތް ހަމަކުރުމުގައި އޯޕެކުން ބަރޯސާކުރާ ގައުމެކެވެ. އޯޕެކްގެ އެއްވެސް ގައުމަކުން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ އަދަދު ދަށްކޮށްފި ނަމަ އަގުތައް އުފުލުމަކީ އާންމު ހާލަތެކެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ ތިޔަފަތް ހަމަކޮށް އޮތުމުން ތެޔޮ ވިއްކާ ކޮންމެ ގައުމަކަށް ވެސް ރަނގަޅު އާމްދަނީއެއް ލިބެ އެވެ. އެހެން ނަމަވެސް، މި ހަމަހަމަ ސިޔާސަތަށް ހުރަސްއެޅުމަށް ހުޅަނގަށް ނިސްބަތްކުރެވޭ ގައުމުތަކުން -- ވަކިވަކިން އޯޕެކް މެމްބަރު ގައުމުތަކާ މަޝްވަރާ ކުރެ އެވެ.
ވެނެޒުއެލާގެ ރައީސްގެ ހައިސިއްޔަތުން މަދޫރޯ ސައުދީއަށް ވަޑައިގެން އުޅުއްވާއިރު ދުނިޔޭގެ ތެލުގެ މާކެޓް ތިލަފަތް ހަމަކޮށް ދެމެހެއްޓުމަށް ވެސް މަޝްވަރާ ކުރައްވާނެ އެވެ. އަދި ހުޅަނގުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ސަމާލުވުމަށް ބަހުސްކުރައްވާނެ އެވެ.