ރައްޔިތުންގެ މަޖިލިސް

ރިފްއަތުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމުމުން ހޫނުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން މަޖިލިސް ހޫނުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވީ ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް ރިފްއަތު މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭ އަމަލެއް ކުރައްވާފައިވާ ކަމަށް ބުނެ އިމްތިޔާޒު މައްސަލައެއް ހުށަހެޅުމުން އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ރައީސް ނަޝީދު ނިންމެވުމުންނެވެ.

އިމްތިޔާޒު މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އެވެ. އެ މައްސަލައަށް ބަހުސް ކުރަން މަޖިލީހުން ފާސްނުވި ނަމަވެސް އެ މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅިފައިވާކަން މަޖިލީހުގެ ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

އިމްތިޔާޒު މައްސަލަ ހުށަހެޅިފައި ވަނިކޮށް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވިއިރު ސަރުކާރަށް ތާއީދުކުރާ މެންބަރުން ވިދާޅުވީ އިމްތިޔާޒު މައްސަލަ ބަހުސްކުރަން ފާސްނުވުމުން ޖަލްސާ ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށެވެ.

ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމެވިކަން އިއުލާނު ކުރެއްވުމަށްފަހު ރައީސް ނަޝީދު ނިންމެވީ އެޖެންޑާގައި ދެން އޮތް މައްސަލައާއެކު ކުރިއަށް ދިއުމަށެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން ވަނީ ނުރުހުންފާޅުކޮށް ރިޔާސަތުގެ މޭޒު ކައިރީގައި އިހުތިޖާޖުކޮށްފަ އެވެ.

އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރަން ފެށުމުން ރައީސް ނަޝީދު ވަނީ މަޖިލިސް ސަޔަށް މެދުކަނޑާލައްވާފަ އެވެ.