ހުޅުމާލެ

ހުޅުމާލެ ސާފުކުރުމުގެ ބޮޑު އިވެންޓެއް ހޮނިހިރު ދުވަހު

Jun 6, 2023

ދުނިޔޭގެ ތިމާވެށީގެ ދުވާހާ ގުޅިގެން އާބަންކޯއިން އިފްތިތާހުކޮށްފައިވާ "ދުނިޔެ މަގޭ ކެމްޕޭން"ގެ ދަށުން ހުޅުމާލޭ ސާފުކުރުމުގެ ބޮޑު އިވެންޓެއް ބާއްވަން ނިންމައިފި އެވެ.

މިއިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވާ ހޮނިހިރު ދުވަހު އެވެ.

އިވެންޓު ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހެނދުނު 7:30 ގައި ޗެނަލް ޕާކު ބީޗް ސަރަހައްދުންނެވެ.

މިސަރަހައްދުން ފެށިގެން ހުޅުމާލޭގެ ޖުމްލަ ހަތް ސަރަހައްދެއް މި އިވެންޓުގައި ސާފުކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ ފޭސް އެކެއް އަދި ފޭސް ދޭއްގައި މީހުން ދިރިއުޅޭ ސަރަހައްދުތަކެވެ. މި ސަރަހައްދުތައް ސާފުކުރަން ހަމަޖެހިފައިވަނީ ވަކިވަކި ޓީމުތަކަކަަށް ބަހާލައިގެންނެވެ. ހޮނިހިރު ދުވަހުގެ 10:45 ގައި ސާފުކުރުމުގެ އިވެންޓް ނިންމާލުމަށް ހަމަޖެހިފައިވަނީ ވޯޓާ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި އިވެންޓަކީ އާބަންކޯއިން ވަރަށް ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން މި ހަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި، ސަރުކާރު ކުންފުނިތައް އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.

ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން އާބަންކޯއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފްކޮށްފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ގިނަ ކަންތައްތަކެއް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

އާބަންކޯ އިން ބުނީ ހުޅުމާލެ އަކީ ތިމާވެއްޓާއި ރައްޓެހި ސްމާޓް ސިޓީއަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް މި ކެމްޕޭންގެ ދަށުން ލިބިގެންދާނެ ކަމަށެވެ.