ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަޝްވަރާތައް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މަޝްވަރާތައް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފަށައިފި އެވެ.

މަޝްވަރާތަކުގައި ނިންމާ ގޮތެއް ހާމަކުރުމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަޝްވަރާތައް ފަށާފައި މިވަނީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތިން ދުވަހަށް އެޖެންޑާކުރުމަށްފަހުވެސް މައްސަލައިގައި ގޮތެއް ނިންމިފައިނުވާތީ އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކޮށްފައި ވަނިކޮށެވެ.

ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ފުރަތަމަ އެޖެންޑާކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހަށެވެ. އެ ދުވަހު ރިފްއަތު ޖަވާބުދާރީ ވެވަޑައިގެންނެވީ ލިޔުމުންނެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާ އާއި މިއަދުގެ ޖަލްސާގައިވެސް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަތުމަށް ރިފްއަތު މަޖިލީހަށް ވަޑައިގެންނެވި ނަމަވެސް މައްސަލައިގައި ގޮތެއް ނިންމާފައި ނުވެ އެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުން ސޮޔާއެކު ވަނީ ހުށަހަޅާފަ އެވެ.