އާބަންކޯ

ޖާހުގެ އެޕާޓްމަންޓްތައް 30 ދުވަސް ތެރޭގައި ނިންމަން ނޯޓިސް ދީފި

ޖާހު އިންވެސްޓްމަންޓްސް އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "ދަ ގާޑަންސް" އެޕާޓްމެންޓްތަކުގެ މަސައްކަތް 30 ދުވަސް ތެރޭގައި ނިންމަން އަންގާ ނޯޓިސް ދީފި އެވެ.

ޖާހް އިންވެސްޓްމަންޓްގެ ނަމުގައި "ދަ ގާޑަންސް" އެޕާޓްމަންޓްތައް އަޅަން ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. މަސައްކަތް ނިންމަން އޭރު ދިނީ ދެ އަހަރުގެ މުއްދަތެކެވެ.

މެދު ފަންތީގެ ހައުސިން މި މަޝްރޫއު ނުނިމި ދިގުލައިގެން ދިއުމާ ގުޅިގެން އެތަނުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ އެތައް ބައެއްގެ ޝަކުވާތައް އާބަންކޯއަށް އަދި ސަރުކާރުގެ ކަމާ ގުޅޭ އެތައް އިދާރާއަކަށް ހުށަހަޅާފައިވެ އެވެ.

ޖާހްގެ މައްސަލައިގައި އާބަންކޯ އިން މިއަދު މީޑިއާއަށް ފޮނުވި ބަޔާނެއްގައި ބުނެފައިވަނީ ޖާހްގެ މައްސަލަ އިތުރަށް ބެލުމަށްފަހު ޖާހު އިންވެސްޓްމަންޓަށް މަސައްކަތް ނިންމުމަށާއި، އާބަންކޯއަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީ ނޯޓިސް ވެސް ދީފައިވާ ކަމަށެވެ.

ނޯޓިސް ދިނުމުގެ ކުރިން އެކި ފަހަރުމަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް ޖާހު އިންވެސްޓްމަންޓަށް ދީފައިވާ ކަމަށްވެސް އާބަންކޯ އިން ބުނެފައިވެ އެވެ.

ޖާހްގެ އެޕާޓްމަންޓްތައް އެޅުމުގައި އުޅޭ ބިދޭސީންނަށް މުސާރަ ނުދީގެން އެމީހުން މިދިޔަ ދެތިން މަހުގެ ތެރޭގައި އެމީހުން މުޒާހަރާވެސް ކޮށްފައިވެ އެވެ.

ދައުލަތަށް ޓެކްސް ނުދައްކާ ކުންފުނިތަކުގެ ތެރޭގައިވެސް ޖާހް އިންވެސްޓްމަންޓް ހިމެނެ އެވެ.