ފިނޭންސް މިނިސްޓްރީ

މިމަހުގެ މުސާރަ 22 ވަނަ ދުވަހުގެ ކުރިން ދޭން އަންގައިފި

ބޮޑު އީދު ބަންދާ ގުޅިގެން ދައުލަތުގެ އިދާރާތަކުން މި މަހުގެ މުސާރަ 22 ވަނަ ދުވަހުގެ ކުރިން ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ދައުލަތުގެ އިދާރާތަކުން މިމަހު ދޭ މުސާރަ އެ މިނިސްޓްރީން ޕްރޮސެސްކުރާނެ އެންމެފަހު ތާރީހަކީ މިމަހުގެ 22 ވަނަ ދުވަސް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ބޮޑު އީދަށް މި މަހުގެ 25 އިން 29 އަށް ސަރުކާރު ބަންދުވާނެތީ އެވެ.

ޖޫން މަހުގެ މުސާރައާއި އިނާޔަތްތައް ތައްޔާރުކުރުމުގައި ސަރުކާރުގެ އިދާރާތަކުން އަމަލުކުރަންވީ ގޮތްވެސް ވަނީ ސާކިއުލާގައި ބުނެދީފަ އެވެ. އެގޮތުން ދުވަހުގެ އަދަދުން ހިސާބުކުރާ އިނާޔަތްތަކާއި، އިތުރު ގަޑީގެ ފައިސާ އަދި ގަޑީލާރި ހިސާބުކުރުމަށް މޭ 16 އިން ޖޫން 10ގެ ނިޔަލަށް ވަގުތު ބޭނުންކުރުން ހިމެނެ އެވެ.

އިތުރު އިރުޝާދެއްގެ ގޮތުން ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާގެ "އެކައުންޓްސް ޕޭޔަބަލް މޮޑިޔުލް"އާއި "އެޗްއާރް މޮޑިއުލް" ބޭނުންކުރާ އޮފީސްތަކުން މުސާރަ ވައުޗާތައްް މިމަހު 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޕޯސްޓްކޮށް ނިންމުން ހިމެނެ އެވެ.