ވާހަކަ

ގަހަނާ ފޮށި

( 4 ޖޫން 2023 އާ ގުޅޭ )

"އާނަ މާދަން އަންނާނަންތަ؟. އަހަރެން ވާހަކައެއް ބުނަން ބޭނުން. އަދިވެސް އަހަންނަށް މަޢާފެއް ވެސް ނުކުރަމެންނު... ޕްލީޒް. ބުނެބާ މާދަން އަންނާނަމޭ. އަހަރެން ބޭނުން އާނައާ މީޓުކޮށްލަން... ދެ މީހުން... އެކަނި. ޕްލީޒް." ހޫދު ބުންޏެވެ. އޭނާގެ އަޑުގައި ޖެހިލުންވުންވިއެވެ. އަހަރެންގެ ރުޅިގަނޑު އުތުރިގަނެދާނޭ ހީވާތީ ކަހަލައެވެ.

"ފައިސަލް ކައިރީ ކީކޭކީ." އަހަރެންނަށް ކެތްނުކުރެވިގެން އެހީމެވެ.

* * * * *

ރޭގަނޑު ނުވައެއް ޖަހަންވީއިރު އިހުނަށްވުރެ ވައިބާރުވެ ވާރޭ ކަނި ޖަހަންފަށައިފިއެވެ. މަޑުކުރަން ބޭނުންވިޔަސް އިތޫމެންނަށް ހުރަސް އެޅީ މޫސުމެވެ. އަހަރެމެން އޭރު ވެސް ތިބީ ހަޓުތެރޭގައެވެ. ކާރު ނެރެންވީތޯ ފައިސަލް އަހާލީ އަހަރެން ކައިރީއެވެ. ނަމަވެސް އެ އަޑު އިވި އެކަމަށް ރައްދު ދިނީ ޒަފަރެވެ.

"މިވަރަށް ވައިޖެހެންޔާ ގެއާ ހަމައަށް އަދި ދެވޭނެ. ކާރުގައި ދަންޏާ އަހަރެމެންގެ ސައިކު މިކޮޅުގައި ބަހައްޓަން ޖެހޭނެ. އެހެންވެ." ޒަފަރު ބުންޏެވެ.

އިތޫ ދިއުމުގެ ކުރީން އަހަރެންގެ ގައިގާ ބައްދާލިއެވެ. ވަކިވުމުގެ ސަލާމެއްގެ ގޮތުންނެވެ. އޭނާ މިރޭ އައީތީ މަންމައަށް ވެސް ގުޅާލެވިއްޖެއެވެ. އަހަރެމެން އަތުގުޅާލައިގެން ދޮރޯށި ކައިރިޔަށް ދާން ހިނގައިގަތީމެވެ. އަހަރެމެންގެ ކައިރީ ޒަފަރު ހުރިއިރު ފަހަތުން ހޫދާއި ފައިސަލް އައެވެ. ދޮރޯށި ކައިރިން އަހަރެން އެއްފަރާތްވެލައި ޖާގަ ހެދުމުން ވެސް ދޮރޯށިން ހޫދު ނުކުންނަމުން އަހަރެންގެ އަތުގައި ސިއްރުން އަތްޖައްސާލިއެވެ. އަދި ދޮރޯށި ކައިރީ ބަހައްޓާފައި ހުރި އޭނާގެ ސައިކަލަށް އެރީ އަހަރެންނަށް ބަލަމުންނެވެ. އެއިންކަމެއް އެނގުނު ކަމަށް އަހަރެން ނުހަދަމެވެ. އިތޫ ގޮވައިގެން ޒަފަރު ސައިކަލުގައި ނައްޓާލުމުން އަހަރެން އެތެރެއަށް ވަނީއެވެ. ދޮރޯށި ފެންނަ ހިސާބު ހަތަރުވަރަކަށް ފިޔަވަޅު ދުރުގައި ގޯތިތެރޭ ފައިސަލް މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ އަހަރެމެންނާއެކީ ނުނިކުންނަކަން އެނގުނީ ދެނެވެ. އަހަރެން އަރާ ހަމަވުމުން އަހަންނާއެކީ އޭނާ ވެސް އެނބުރި ހިނގައިގަތީ ގެސްޓްހައުސްގެ އެތެރެއަށް ވަންނާށެވެ.

ސޯފާތަކުން ގޮނޑިއެއްގައި އަހަރެމެން އިށީނދެ ތިބީމެވެ. ފައިސަލް އިނީ އަހަރެންގެ ކަނާއަތް ފަރާތުން ގެސްޓްހައުސްއަށް ވަންނަ ދޮރާ ދިމާގައެވެ. އަހަރެންގެ ސިކުނޑީގައިވީ ހޫދުގެ ޚިޔާލުތަކެވެ. ކެއުމުގައި އެންމެން ތިބިއިރު އަހަރެންގެ ކައިރިޔަށް އައިސް އޭނާ ދެއްކި ވާހަކަތަކެވެ. ފައިސަލްއާ ދެ މީހުން ދެއްކީ ކޮންވާހަކައެއް ކަމެއް ހިލާ އޭނާ ނުބުންޏެވެ. އެނގެން އެހާ ބޭނުންވާނަމަ ފައިސަލް ކައިރިން އޮޅުންފިލުވާށޭ ބުންޏެވެ. މާދަން އެގެއަށް އަހަރެން ގެންދަން ހޫދު އެހާ ބޭނުންވަނީ ކޮންގަސްދެއްގައިކަމެއް ނޭނގެއެވެ. އޭނާ ބުނަން ބޭނުންވާ ބޮޑު ވާހަކައަކަށް އޮންނާނީ ކޮންވާހަކައެއް ހެއްޔެވެ. އަދިވެސް މަޢާފަށް އެދެން ބޭނުންވަނީ ކަންނޭނގެއެވެ. އެކަމަކު މަޢާފުކޮށްގެން އޭނާގެ ކައިރިން ސަލާމަތްވެވި ދާނެބާއެވެ. އަހަންނަށް އެއްވެސް ޔަގީންކަމެއް ނެތެވެ.

"އާނަ." ފައިސަލް އަހަންނަށް ގޮވާލިއެވެ.

އޭނާގެ ނަޒަރު ވަނީ އަހަންނަށް އަމާޒުކޮށްލެވިފައެވެ. އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި އިންވަރުން ފައިސަލް އެގޮތަށް އަހަރެންނަށް ބަލަން އިނީ ކިހާއިރެއް ވަންދެންކަމެއް ނޭނގެއެވެ. އަހަރެން އެއްޗެކޭ ނުބުނެ ފައިސަލްއަށް ބަލަން އިނީ އޭނާ ވާހަކައެއް ދައްކަން ފުރުޞަތު ދީގެންނެވެ.

"މާބޮޑަށް ވަރުބަލިވީތަ؟." ފައިސަލް އަހާލިއެވެ. ނޫނެކޭ ބުނަން އަހަރެން މަޑުމަޑުން ބޯހޫރާލީމެވެ.

"މާބޮޑަށް ދަން ނުވަނީސް އަހަރެން މިދަނީ ގްރިލް ސާފުކޮށްލަން. އަބްދުލްއަކަށް ނޭނގޭނެ އެކަން ކުރާކަށް. އާނަ މިތާ މަޑުކުރާނީތަ... އޯކޭ އަހަންނާއެކީ އަޔަސް." ފައިސަލް ބުންޏެވެ.

ފައިސަލް ތެދުވުމުން އަހަރެން ވެސް އޭނާއާއެކު ދާން ތެދުވީ އެކަނި ނީންނަން ވެގެންނެވެ. ގެސްޓްހައުސްއަށް ވެރިވެފައި އޮންނަ ހިމޭންކަން ތަފާތެވެ. ޚާއްޞަކޮށް ރޭގަނޑެވެ. ކައިރީގައި ބަޔަކު ދިރިނޫޅޭތީކަމަށް ވެދާނެއެވެ. އަނެއްކާ އެއްފަރާތުން ފެންނަން އޮންނަނީ ގަސް ބޯ ޖަންގައްޔެވެ. އެފަދަ ވިސްނުމެއްގައި އަހަރެން ހިނގަމުން އަންނަނިކޮށް މިއަދު ދެ ފަހަރެއްގެ މަތިން އަންހެނަކު ފެނުނުކަން ހަނދާން ވިއެވެ. އަހަރެން ހުރީ ފައިސަލް ކައިރީ އަހާލަން ހިތުލައިގެންނެވެ. ނަމަވެސް އިތޫމެން އައުމާއެކު އަހަރެން ހަނދާންނެތުނީއެވެ.

"މިހިސާބަށް މީހުން އައިސް އުޅޭތަ." ފައިސަލްގެ ފަހަތުން ގާތައް މަތިން އައިސް ހަޓަށް ވަންނަމުން އަހަރެން އަހާލީމެވެ.

"ކިހިނެއްވީ؟." ފައިސަލް އަހާލީ އަހަންނަށް ބަލާލުމެއްނެތިއެވެ.

"މަސްބާނަން އަހަރެމެން ދިޔައިރު އަތިރިމަތީގައި މީހަކު ހުރިތަން ދުށީން. ހެދުމެއް ލައިގެން ހުރިހެން ހީވަނީ. ފައިސަލް ކައިރީ އެހީމެންނު. އެނގޭތަ... ފަހުން ވެސް އަހަރެން ދުށީން. މިއޮއް ދިމާ ގަސްތަކުތެރެއަށް އަންހެނަކު ވަދެގެން ދާތީ." އަހަރެން ބުނީމެވެ.

"ވެދާނެ ބަޔަކު އައިސް އުޅުނީކަމަށް. އާނަ ހީކުރީ ޖިންނިއެކޭ ދޯ." ފައިސަލް އަހަންނާ ދިމާކޮށްލި ކަހަލައެވެ. އޭނާ ބަލާލިއިރު ތުންފަތުގައިވި ފަނޑު ހިނިތުންވުން އެކަމަށް ހެކިދެއެވެ.

"ނޫން." ނިކަން އަވަހަށް އަހަރެން ބުނެލީމެވެ. ކިތަންމެ ބިރުގަތަސް ބިރުގަންނަ ކަމަކަށް އަހަރެން އެއްބަހެއްނުވާނަމެވެ. އަހަރެން ބުނިގޮތުން ކަންނޭނގެއެވެ. ފައިސަލް ހޭންފެށިއެވެ. އޭނާގެ ހުނުމުގައި އެވާ ޖާދޫއެއް އަހަރެންނަކަށް ނޭނގެއެވެ. އެސްފިޔަޖަހާލުމެއްނެތި އަހަރެން ފައިސަލްއަށް ބަލަން ހުރީމެވެ. އަދި މަޑުމަޑުން އެ މޫނު ފެންނަ ހިސާބުގައި އައިސް މަޑުކޮށްލީމެވެ. ވަށައިގެންވީ ލަކުޑި ރެއިލިން ހުރީ އަހަރެންގެ ބުޑާ ހަމައަށެވެ. ރެއިލިންގައި ލެނގިލައިގެން ފައިސަލްގެ ހަރަކާތްތަކަށް ގެއްލި އަހަރެން ހުރީމެވެ. އަހަރެން ހީކުރީ ގްރިލް ސާފުކުރަން ވަރަށް ގިނައިރު ވާނެކަމަށެވެ. އޭނާ ސާފުކުރީ އެއްޗެހި ފިހެން ބޭނުންކުރި ދަގަނޑު ނަރުގަނޑެވެ. އޭގައި ކާއެއްޗެހި ހަރުލާފައި ހުރުމުންނެވެ. އެކަން ކޮށްފައި ފައިސަލްގެ އަތައް ލައްވާފައި އޮތް ރަބަރު އަންގި ބާލައި އޭނާ ގެނައި ބާލިދީ ތެރެއަށް ލައިފިއެވެ. ދެން އޭނާ ގެންގުޅުނު ފެންފުޅި ހިފައިގެން އައިސް ހަޓުން ބޭރަށް އަތްދިއްކޮށްލައި ދެ އަތް ދޮވެލިއެވެ.

އެނބުރި ދާން ބުނުމުގެ ބަދަލުގައި ފައިސަލް އައިސް މަޑުކޮށްލީ އަހަރެން ހުރި ދިމާ ރެއިލިން ކައިރީއެވެ. އޭނާ ބަލާލުމުން އަހަރެން ހިނިތުންވެލީމެވެ. އެވަގުތު ނިކަން ބޮޑަށް ވިދާލިއެވެ. މުޅިތަން އަލިވެގެންދިޔައެވެ. ވިދުވަރު ގަދަވީ ވަރަކަށް އެއާ ގުޅިގެން އިވޭ ގުގުރީގެ އަޑު ގަދަވާނޭކަން އަހަރެންނަށް އެނގެއެވެ. ދެއަތްއުރާލައި ހަޓުގެ އެތެރެއަށް ކުޑަކޮށް ޖެހިލެވުނީ އެހެންވެއެވެ. އެ ހަމަހިމޭން މާޙައުލުގެ ސަބަބުން ކަންފަތް ބުޑުން ގުގުރައިގަތް އަޑު އިވުނު ކަހަލައެވެ. އެހާ ވިސްނައިގެން ނަފްސު ތައްޔާރުކޮށްގެން ހުރި އިރު ވެސް އަހަރެން ދިޔައީ ސިއްސައިގެނެވެ. އަހަންނަށް ވީގޮތް ފެނި ފައިސަލް އަހަރެންގެ ކައިރިޔަށް ޖެހިލިއެވެ.

"ގުގުރާއަޑު އިވުމުން ބިރުގަނޭތަ." ފައިސަލް އަހާލިއެވެ.

"ބިރެއްނުގަނޭ. އެހާ ބާރުއަޑެއްވީމަ... ހީވީ ކަންފަތްބުޑުން އިވުނުހެން." އަހަރެން ބުނީމެވެ. ވާރޭ ބޯކޮށްލީ ކުއްލިއަކަށެވެ. ހިސާބަކަށް ހަޓުގެ ރެއިލިން ކައިރިން އެތެރެއަށް ފެންވިއްސަންފެށިއެވެ.

"ވިދާ ގުގުރުމާއެކީ ބޯކޮށް ވާރޭ ވެހޭއިރު އަހަރެންނަށް ވަރަށް ކަމުދޭ." ބޭރަށް ނަޒަރު އަމާޒުކޮށްލައިގެން ހުރެ ފައިސަލް ބުންޏެވެ. އަހަރެން ވެސް ހުރީ ވެހެންފެށި ވާރޭއަށް ބަލާށެވެ. އެއީ ހިތަށް ފިނިކަން ގެނެސްދޭ މަންޒަރެކެވެ.

"ވާރެއާ ތެމޭ ހިތެއް ނުވޭތަ؟." ފައިސަލް އަހާލިއެވެ.

"ގުގުރާއިރު ނުކެރޭނެ. އަނެއްކާ ރޭގަނޑު މާބޮޑަށް ފިނިވާނެ." އަހަރެން ބުނީމެވެ.

"ތެތްމާލައިފިއްޔާޔޯ." ފައިސަލް ކުއްލިއަކަށް އަހަރެންގެ އަތަށް ދަމާލިއެވެ. ރެއިލިން ކައިރިން ބޭރަށް ފައިސަލް ކަނާއަތް ދަމާލިއެވެ. އަސްކަނިން ފޭބި ފެނުން އޭނާގެ އަތް ތެތްމާލުމާއެކު އަހަރެންނާ ދިމާއަށް ފޮޅާލިއެވެ.

"ދެން ނޫން." އަހަރެން ދެކޮޅު ހަދާލީމެވެ. ފައިސަލް ހޭންފެށިއެވެ.

"ވާހަކައެއް އަހާލަންތަ؟." ދެ މީހުން ހީނހީނފައި ހިމޭންވި ވަގުތު އަހަރެން އަހާލީމެވެ. އެއާއެކު ފައިސަލް ބޯޖަހާލާފައި އަހަރެންނާ ކައިރިޔަށް ފިޔަވަޅެއް އެޅިއެވެ.

"ފައިސަލްއާ ހޫދު ދެއްކީ ކޮންވާހަކައެއް." އަހަރެން އަހާލީމެވެ.

"ބުނަންވީތަ؟." އަހަރެންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން ހުރެފައި ފައިސަލް ބުނެލިއެވެ. އެނގެން ބޭނުންވެފައި ހުރިވަރުން އަހަރެން އަވަހަށް ބޯޖަހާލީމެވެ.

"އޭނައާ އާނަ ކިސްކުރިއޭ. އަހަރެންނާ އެކަހަލަ ގުޅުމެއްނެތްކަން އެނގެޔޭ." ފައިސަލް ބުންޏެވެ.

"ވަޓް... ހައު ޑެއާ..." ވަގުތުން އަހަރެން ރުޅިގަދަވިއެވެ.

"އޭނާ ދޮގު ހެދީ ދޯ. އަހަންނަށް ހީވިއޭ... އަހަރެން ބުނިން އަހަރެން ނުކުރާކަމެއްނޫނޭ ތިކުރެވުނީ. އަނެއްހެން ދޮގެއް ނޫންތާ އެއީ ދޯ. އިންޓެންޝަން ތަފާތު ވިޔަސް އާނަގެ ލިފްސްގައި އަހަރެންގެ ތުންފަތް ނުޖެހޭކަމަކަށް ނުވާނެ." ފައިސަލް ބުންޏެވެ. އަހަރެން ކައިރިޔަށް އައި ރުޅި ހިނދުނީ ލަދުންނެވެ. ފައިސަލް ބުނި ގޮތުންނެވެ.

"ޔޫ..." އަހަރެން ފައިސަލްގެ ކޮނޑުގައި ތަޅައިގަތީމެވެ. އޭނާ ފެށީ ހޭށެވެ.

"ރުޅިއައީތަ؟." އަހަރެން އަނެއްފަރާތަށް އެނބުރި ފައިސަލްއަށް ފުރަގަސްދިނުމުން އަހާލިއެވެ. އޭނާ ކައިރިވެލުމުން މޫނު ނުދައްކަންވެގެން މޫނުގައި ދެ އަތް އަޅައި ފޮރުވީމެވެ. ރަކިވެ ލަދުގަނެފައި ހުރިވަރު ފައިސަލްއަށް އަހަރެންގެ މޫނުން ފެންނަން ބޭނުންނުވީއެވެ. ރުޅިއަޔަސް ލަދުގަތަސް އަހަރެންގެ މޫނު ނިކަން އަވަހަށް ރަތްވާނެއެވެ.

"ގިލިގިލި ހުރޭތަ؟. މޫނުން އަތް ނުނަގަންޏާ ގިލިގިލިކޮށްޓާނަން." އަހަރެންގެ ދާދި ގާތުގައި ފައިސަލް ހުރެ ބުންޏެވެ. އޭނާ އަހަރެންގެ މޫނު ބަލަން އުޅޭއިރަށް އެހެން ކޮޅަކަށް އަހަރެން އެނބުރިލަމެވެ. އަހަރެންގެ އުނަގަނޑުގައި ހިފައި ދަމާލުމާއެކު ބަނޑުގައި ފައިސަލްގެ އިނގިލިތައް ހިންގާލިއެވެ. އަހަރެންގެ ހިނިގަނޑު ފަޅައިގެން ގޮސް މޫނުން ދެ އަތް ތިރިކޮށްލެވުމާއެކު ފައިސަލްގެ އަތުގައި ހިފެހެއްޓީމެވެ.

އަހަރެމެން ދެ މީހުން ސަމާސާއާއި ސަކަރާތުގައި ޖެހިފައި ތިބީ އަހަރެމެންގެ އަމިއްލަ ދުނިޔެއެއްގައެވެ. އަހަންނަށް ފައިސަލްގެ ގާތްކަން އިޙްސާސް ކުރެވުނުއިރު ދެ މީހުންނަށް ތިބެވުނީ އެކަކުއަނެކަކުގެ އަތުތެރޭގައެވެ. ހުނުން މަޑުވެ ފައިސަލްއާ ހަތަރުކަޅި އަހަރެން ހަމަކޮށްލީމެވެ. އަހަރެން އެންމެ ހައިރާންވީ ފައިސަލްގެ ގާތްކަމާ އަހަރެންގެ ހިތާއި ނަފްސު ދެކޮޅު ނުހަދާތީއެވެ. އެ އަތުގެތެރެއިން ސަލާމަތްވެގެން ދުރަށްދާން އަހަރެން ބޭނުންނުވާ ކަހަލައެވެ. މާނަވީ ބެލުމަކުން ފައިސަލް ބަލަމުންދިޔައެވެ. އެ ދެ ލޯ ވެސް އަހަރެންގެ އިޙްސާސްތައް ދެނެގަންނަން މަސައްކަތް ކުރާ ކަހަލައެވެ.

"ފައި...ސަލް." ފައިސަލްގެ ނަމުން އަހަރެން ގޮވާލީމެވެ. އަހަރެންގެ އަޑުގައިވަނީ ކޮންކަހަލަ ޖަޒުބާތެއްކަމެއް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ ފައިސަލްގެ ނަން ކިޔާލުން ކުއްލިއަކަށް އަހަރެންގެ ދުލަށް ދަތިވީކަމެވެ.

"އާނައަށް އަހަރެންދެކެ ލޯބިވެވިދާނެ." ފައިސަލް ބުނެލިއެވެ. އެ ނޭވާގެ ހޫނުކަން އިޙްސާސްވާހާ މޫނާއި މޫނު ކައިރިކޮށްލުމާއެކުއެވެ. އަހަރެންނަށް ހިންދިރުވާލެވުނެވެ. ފައިސަލް މަޑުމަޑުން އަހަރެންގެ ގައިން ދޫކޮށްލިއެވެ. ދެން ލަސް ގޮތަކަށް ފަހަތަށް ދެތިން ފިޔަވަޅު އަޅާލައި ދުރަށް ޖެހިއްޖެއެވެ. އޭނާ އެނބުރިލައި ވާރޭއަށް ނަޒަރު ހުއްޓާލި ގޮތުން ހީވީ އަހަންނަށް ނުބަލަން ގެނައި ހަރަކާތެއް ހެންނެވެ. ފުންނޭވާއެއް ދޫކޮށްލެވުމާއެކު އަހަރެންނަށް ހަމަޖެހޭނެ ވަގުތު ލިބުނެވެ. އަދި ފައިސަލް ފަދައިން އަހަރެން ވެސް ރެއިލިން ކައިރީ ހުއްޓިލީ ވެހެމުންދިޔަ ވާރޭއަށް ނަޒަރު އަމާޒުކޮށްލައިގެންނެވެ.

"ކީއްވެ އަހަންނަށް ލޯބިވެވެންވީ؟... ފައިސަލްއަށް އަހަރެންދެކެ ލޯބިވެވިއްޖެއްޔާޔޯ." އަހަރެން ބުނެލީމެވެ.

"ކިހިނެއް އެނގެނީ އާނަދެކެ އަހަންނަށް ލޯބި ނުވެވޭކަމެއް ވެސް." ފައިސަލް ބުންޏެވެ. ހައިރާންކަމާއި އެއްވަރަށް އަހަރެންނަށް ސިހުން ވެސް ލިބުނެވެ. ފައިސަލްއަށް ބަލާލެވުނު އޭނާ ހުރީ އަހަރެންނަށް ބަލާށެވެ. އެ ތުންފަތުގައި ލުއި ހިނިތުންވުމެއްވާއިރު އެ ދެ ލޮލުގައި ވަނީ އަހަރެން އަޖައިބުވާވަރުގެ ބޭގަރާރުކަމެވެ. ފައިސަލްގެ ފުށުން މީ އަހަރެން އަދި ނުދެކޭ ސިފައެކެވެ. ކުރިޔަށް ދެވެން އުޅެފައި ވެސް އަހަރެންގެ ފިޔަވަޅު ހުއްޓުނެވެ. ހިތުގެ ނާރަކަށް ވާންވެލި ފަދަ ފުން ތަދެއްގެ އިޙްސާސް މޭގައި އުފަންވެގެން އައެވެ. އެވީ ކިހިނެއްކަން އަހަރެންނަށް އެނގެއެވެ. އިސްޖަހާލީ އެހެންވެއެވެ.

"ކިހިނެއްވީ؟. އާނަ ނުރުހޭ އެއްޗެއް އަހަރެންނަށް ބުނެވުނީތަ؟." ފައިސަލް ސުވާލުކުރިއެވެ. އަހަރެންނަށް އައި ބަދަލު އޭނާއަށް ފާހަގަވީކަން ޔަގީނެވެ.

"ލޯބިވާން އަހަރެން ބިރުގަންނަނީ." އަހަރެން ބުނީމެވެ. އަހަރެންގެ ހަނދާނާއި ޚިޔާލުތަކުގައިވީ ޒިޔާންއެވެ. އެ ލޯބިން އަހަރެންގެ ހިތް ހަލާކުވެފައިވާ މިންވަރެވެ.

"ލޯބިވާން ބިރުގަންނަ ވަރަށް އާނަގެ ހިތުގައި ޖެއްސީ ކާކު؟." ފައިސަލްގެ އަޑުގައިވީ ސީރިއަސްކަމެވެ. އެނގެން ބޭނުންވެފައި ހުރިކަން އޭނާގެ ދެ ލޮލުން ފެނެއެވެ. އަހަރެން އިތޫއަށް ވެސް ހުރިހާ ހަޤީޤަތެއް ކިޔައެއް ނުދެމެވެ. އެކަމަކު ފައިސަލްއަށް ކިޔާދޭން ހިތް ބުންޏެވެ. އެކަމާ އަހަރެންގެ ޟަމީރު ވެސް ދެކޮޅެއް ނުވިއެވެ. ބޭވަފާތެރި ލޯތްބެއްގެ ދާސްތާން އަހައި ފައިސަލް ހަމްދަރުދީ ނުވާނެބާއެވެ.

"އާނަ... ނުރޮއްޗޭ..." އަހަރެންގެ ކޯތާފަތުގައި ފައިސަލް ކަނާއަތްތިލަ ޖައްސާލިއެވެ. ފައިސަލްގެ އަތްތިލަ އެހާ ފިނީ ކީއްވެ ހެއްޔެވެ. ހަމައެއާއެކު އަހަރެން ހުރީ ރޮވޭގޮތްވެފައިކަން އެނގުނީ ފައިސަލް އެހެން ބުނީމައެވެ. އަހަރެން ވެސް ރޯކަށް ބޭނުމެއްނޫނެވެ.

"ޒިޔާން... އެ އަނިޔާވެރިޔާގެ ނަމަކީ ޒިޔާން." ފައިސަލްއަށް ބަލަން ހުރެ އަހަރެން ބުނީމެވެ.

(ނުނިމޭ)