ތިމާވެށި

ޕްލާސްޓިކް ކުނިން އާ ތަކެތި އުފައްދަން ފެސިލިޓީއެއް ހަދައިފި

ރާއްޖޭގައި ފުރަތަމަފަހަރަށް މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފި އެވެ.

ދަ ކޮކާ-ކޯލާ ފައުންޑޭޝަނާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގުޅިގެން ގާއިމުކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ އިފްތިތާހުކޮށްދެއްވީ އާބަންކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު ގައިސް އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މި އަހަރުގެ ޝިއާރު ކަމަށްވާ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން"ގެ ދަށުން ފެށުނު މި މަސައްކަތަކީ އިގްތިސޯދީ ގޮތުންވެސް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމުގައި އާބަންކޯއިން ބުނެ އެވެ.

އެ ކުންފުނިން ބުނީ މި ފެސިލިޓީގެ ސަބަބުން އާމުންނަށްވެސް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

މެޓީރިއަލް ރިކަވަރީ ފެސިލިޓީ ގާއިމުކުރުމަށް ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ވަނީ މޯޕާއަށް 150،000 ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފަ އެވެ.

މިފެސިލިޓީގައި ވަނީ ޕްލާސްޓިކްގެ ބާވަތްތައް ފިއްތާ މެޝިނަށް ބަހައްޓާފަ އެވެ. އަދި ހިދުމަތުގައި ބޭނުންކުރުމަށް ބަރުދަން ބަލާނެ އާލާތްތަކާއި، ފޯކްލިފްޓަކާއި ޕިކަޕެއް ވެސް އޮތްއިރު ބޭލްކޮށްފައިވާ ޕްލާސްޓިކް ބަހައްޓާނެ ހާއްސަ ތަނެއް ވެސް ހަދާފައިވެ އެވެ.

މޯޕާއަކީ ރާއްޖޭގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް އަލުން ބޭނުންކުރުމަށް އަލުން ހިތްވަރު ދޭ އަދި އެކަމަށް އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރާ ބައެކެވެ. މޯޕާއިން މީގެކުރިން ވަނީ ގްރޭޓާ މާލެ ޕްލާސްޓިކް ޕްރޮޖެކްޓް ފަދަ މަޝްރޫއުތައްވެސް ހިންގާފަ އެވެ.