އާބަންކޯ

އާބަންކޯ އިން އިންތިޒާމުކުރާ ހުޅުމާލޭ ސާފުކުރުމުގެ ހަރަކާތަށް ބޮޑު ތަރުހީބެއް

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އާބަންކޯ އިން އިންތިޒާމުކޮށްގެން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ދުނިޔެ މަގޭ – ސާފު ހުޅުމާލެ މެގާ ކްލީނިން އިވެންޓަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އާބަންކޯ އިން ބުނެފި އެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ގައި ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދުންނެވެ. އަދި ހަރަކާތް ނިންމާލުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 10:45 ގައި ވޯޓާ ސްޕޯޓްސް އެކްޓިވިޓީއާ އެކުގަ އެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމާއި، ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ މުވައްޒަފުންނާއި، މިނިސްޓްރީތަކުގެ މުވައްޒަފުން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ. އަދި މާލެ އާއި ހުޅުމާލޭގެ ސްކޫލްތަކާއި، ހުޅުމާލެ ހޮސްޕިޓަލުން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.

މި އިވެންޓު ކުރިއަށް ގެންދިއުމުގެ މައިގަނޑު ސަބަބަކީ އާންމުންގެ މެދުގައި ޑެންގޫ ފަދަ ބަލިތައް ފެތުރުމާއި، މަދިރި އާލާވުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރަށް ބަލައި އެކަންކަން ހައްލުކުރުމުގެ އިތުރުން އާންމު ފަރުދުންނަށް އެބަޔަކު ދިރިއުޅޭ ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބާރުއެޅުމެވެ.

މިހަރަކާތުގެ ދަށުން ހުޅުމާލޭގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް ސާފުކުރުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ހުޅުމާލެ ޖުމްލަ ހަތް ސަރަހައްދަކަށް ބަހާލުމަށް ހަމަޖެހިފައިވާއިރު ބައިވެރިންގެ ތެރެއިން އެ ސަރަހައްދުތަކަށް ގްރޫޕްތައް ބަހާލާނެ އެވެ. އަދި ކޮންމެ ގްރޫޕަކަށްވެސް ވަކި ސަރަހައްދެއް ހަމަޖައްސާއިރު ފެނާއި، ކުނި އަޅާނެ އަދި ކުނި ކަހާނެ ސާމާނާއި، އަންގި ފަދަ ތަކެތި އެ ސަރަހައްދުތަކުން ލިބެން ހުންނާނެ އެވެ.

ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅިގެން ސާފުކުރުމުގެ އިވެންޓެއް ކުރިއަށްގެންދާއިރު، މި އަހަރު ތެރެއަށް ބަހާލައިގެން އެހެން ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް އާބަންކޯ އިން ވަނީ ނިންމާފަ އެވެ.