ފިނިޕޭޖް

"ހޯކަސް ޕޯކަސް 3" ހަދަނީ

ޑިޒްނީއިން މިދިޔަ ސެޕްޓެމްބަރު މަހުގައި ރިލީޒްކުރި "ހޯކަސް ޕޯކަސް 2"ގެ ކާމިޔާބީއަށްފަހު "ހޯކަސް ޕޯކަސް 3" ހަދާނެ ކަމަށް ބުނެފި އެވެ.

އޭން ފްލެޗާ ޑައިރެކްޓްކުރި "ހޯކަސް ޕޯކަސް 2" ވަނީ ޑިޒްނީ ޕްލަސްގެ ސްޓްރީމްކުރާ ރިކޯޑް މުގުރާލާފަ އެވެ. މިއީ 30 އަހަރު ކުރިން ނެރުނު ކުޑަކުދިންގެ ފިލްމް "ހޯކަސް ޕޯކަސް"ގެ ސިކުއެލް އެވެ.

"ހޯކަސް ޕޯކަސް"ގެ ތިންވަނަ ފިލްމްގެ ކާސްޓާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައިނުވާއިރު މި "ހޯކަސް ޕޯކަސް"ގެ ނެރެފައިވާ ދެ ފިލްމްގެ ލީޑް ރޯލް ކުޅުނު ބެޓް މިޑްލާ، ކެތީ ނަޖީމީ އަދި ސާރާ ޖެސިކާ ޕާކާ ވަނީ ތިންވަނަ ފިލްމް ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.

މި ފިލްމްގައި މި ތިން ތަރިން އަދާކުރަނީ އެއްބަނޑުއެއްބަފާ ތިން ވިޗުންގެ ރޯލެވެ. މި ތިން ވިޗުން ޒުވާންކަންމަތީ ހުރުމަށް ކުޑަކުދިންގެ ފުރާނައާ ކުޅެ އެވެ. ފުރަތަމަ ފިލްމްގައި މި ތިން ވިޗުން އަލުން ދިރި، 1993 އަށް އައިސް ޒުވާންވުމަށްޓަކައި ކުޑަކުދިން ހޯދުމަށް އުޅެ އެވެ.

ދެވަނަ ފިލްމުގައިވެސް އެމީހުން އަލުން ދިރި، އެމީހުން މެރުމުގައި އިސްކޮށް އުޅުނު މީހާގެ ދަރިފަސްކޮޅުން ބަދަލުހިފަން އުޅެ އެވެ. މި ފިލްމްގެ ކާސްޓްގައި ވިޓްނީ ޕީކް، ބެލިސާ އެސްކޮބޭޑޯ، ލިލިއާ ބަކިންހަމް، ހެނާ ވަޑިންހަމް އަދި ސޭމް ރިޗަޑްސަން ހިމެނެ އެވެ.

"ހޯކަސް ޕޯކަސް 2"ގެ ލިޔުންތެރިޔާ ޖެން ޑިއެންޖެލޯ ބުނީ އެ ފިލްމަށް އޮރިޖިނަލް ކާސްޓް މެންބަރުން ކަމުގައިވާ އޮމްރި ކެޓްޒް، ތޯރާ ބާޗް އަދި ވިނެސާ ޝޯގެ ކެމިއޯއެއް ހިމަނަން މަސައްކަތްކުރި ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ނުވީ ކަމަށެވެ. އަދި ތިންވަނަ ފިލްމުގައި މެކްސް (އޮމްރި) އަދި އެލިސަން (ވިނެސާ) އާއި، ޑެނީ (ތޯރާ) ކެލިފޯނިއާގައި ދިރިއުޅޭ ތަން ފެނިގެންދާ ކަމަށް އުއްމީދުކުރާ ކަމަށް ޖެން ބުންޏެވެ. ތޯރާއަށް ދެވަނަ ފިލްމްގައި ކެމިއޯ ނުހެދުނީ ޝެޑިއުލްގެ ސަބަބުންނެވެ.