ދުނިޔެ

އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ޓެކްނޮލޮޖީ އީރާން ލިބިގެންފި

ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން އެކަމަކު އެމެރިކާ އިސްވެ އޮވެ އީރާނަށް އިގުތިސާދީ ގޮތުން ދަތިކޮށްފައި އޮންނަތާ ޒަމާނަށް ވީހައި ދުވަހެއް ވެއްޖެ އެވެ. އެކަމަކުވެސް، އީރާނަށް ހުައްޓުމެއް ނައެވެ.

އީރާނަށް ލިބިފައި ހުރި ތެލާއި ގުދުރަތީ ގޭހުގެ ހިޔާވަހިކަމުގައި އެ ގައުމަކީ މިއަދު ފުދުންތެރި ގައުމެކެވެ. އެއީ ސަރަހައްދީ އަސްކަރީ ގަދަފަދަ ބާރެކެވެ. ނުބައި ނުލަފާ ޔަހޫދީ އިޒްރޭލު ކުރިމަތީގައި އީރާނަށް ހިފަހައްޓާލެވެނީ އަސްކަރީ ގޮތުން ލިބިގެންފައި ހުރި ތަނަވަސްކަމާ ހެދި އެވެ.

މިހެން ކަން އޮއްވައި، އީރާނުން މިވަނީ އަސްކަރީ ގޮތުން އަނެއްކާވެސް ޖީލެއް ކަޑައްތުކޮށްފަ އެވެ. މި ފަހަރު އަޑަށް ވުރެ ބާރަށް ދަތުރުކުރާ -- ހައިޕާސޮނިކް މިސައިލެވެ.

ހައިޕާސޮނިކް މިސައިލަކީ ދުނިޔޭގައި އަދި ވަރަށް މަދު ގައުމަކަށް ނޫނީ ލިބިގަނެވިފައި ހުރި ޓެކްނޮލޮޖީއެއް ނޫނެވެ. އީރާނުން ހެދި ނުހެދިއެއް އަންގައިވެސް ނުލައި އަޑަށް ވުރެ ބާރަށް ދަތުރުކުރާ "ފައްތާޙް" މިސައިލްތައް އީޖާދުކުރުމުން އެންމެ ބޮޑަށް ހޮޑުލަވާ ގައުމަކަށް އިޒްރޭލު ވާނެ އެވެ.

އީރާންގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސްގެ އޭރޯސްޕޭސް ފޯސް އިން ބުނާ ގޮތުން މިހައި ތަނަށް ހެދި ހުރިހާ ޓެސްޓެއް ކާމިޔާބެވެ. އަދި ހައިޕާސޮނިކް ކެޓަގަރީއަށް މިސައިލްތައް ބަރާބަރަށް ފެތޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އީރާނުން ހޯދި މި ކާމިޔާބީއާ މެދު އެ ގައުމުގެ ރައީސް ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އީރާނުން މިސައިލް އުފައްދަން ޖެހެނީ ދުޝްމަނުންގެ ކުރިމަތީގައި ބަސްބުނުމަށް ކަމަށް ވެސް ރައީސީ ވިދާޅުވި އެވެ.

ދުޝްމަނުން އީރާނަށް ހަމަލާދީފައި ބަނޑު ފުރެންދެން ހޭންތިބޭކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސީ ވިދާޅުވި އެވެ. އީރާނަށް ހަމަލާއެއް ދީފި ނަމަ އެ ތަނެއް އަންދާލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާނަށް ހަމަލާދީފި ނަމަ އެ ބަޔަކު ތިބެން ޖެހޭނީ ބިރުން ކަމަށްވެސް ރައީސީ ވިދާޅުވި އެވެ.

އީރާނަކީ ސަރައްދީ ނުރައްކަލެއް ކަމަށް ބައެއް ގައުމުތަކުން ގަބޫލުކުރިއެއް ކަމަކު އެކަން އޮތީ އެގޮތަށް ނޫން ކަމަށް ރައީސީ ވިދާޅުވި އެވެ. އީރާނުގެ ހަމަލާތައް އަމާޒު ވާނީ ދުޝްމަނުންނަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާން ދެކެ ބިރުގަންނަ ބަޔަކީ ދުޝްމަނުން ކަމަށް ވެސް ރައީސީ ވިދާޅުވި އެވެ. އީރާނަށް ކަމޭހިތާ ނަމަ އެ ބަޔަކަށް ކަމޭހިތުމުގައި އީރާން ދެމި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.