ލައިފްސްޓައިލް

ހިތުގެ ބަލި މީހުންނަށް ބީޓް ރޫޓު ޖޫހުން ފައިދާ ކުރޭ: ދިރާސާ

ހަ މަސް ވަންދެން ކޮންމެ ދުވަހަކު ބީޓްރޫޓް ޖޫސްތައްޓެއް ބުއިމަކީ ހިތުގެ މައްސަލަ ޖެހިގެން ސްޓަންޓް ލައްވާފައި ތިބޭ މީހުންނާއި އެންޖައިނާ ހުންނަ މީހުންނަށް ވަރަށް ފައިދާ ހުރި ގޮތެއް ކަމަށް ފަހުގެ ހޯދުމަކުން ހާމަވެއްޖެ އެވެ.

ބީޓްރޫޓު ޖޫސް ބޯނަމަ މިފަދަ މީހުންނަށް ހާޓް އެޓޭކްގެ ނުރައްކާ ކުޑަވާ ކަމަށާއި ރިޕީޓްކޮށް ސްޓަންޓް ލެއްވުންފަދަ ޕްރޮސީޖާ ހަދަން ޖެހުން ވެސް މަދުވާނެ ކަމަށް ބްރިޓީޝް ކާޑިއޯވެސްކިއުލާ ސޮސައިޓީ ކޮންފަރެންސަށް ހުށަހެޅި އާ ރިސާޗެއްގައި ބުނެފައި ވެއެވެ.

ބްރިޓިޝް ހާޓް ފައުންޑޭޝަނާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު އެންޑް ކެއާ ރިސާޗްއިން ފަންޑުކޮށްގެން ހަދާފައިވާ މި ދިރާސާގެ ރިޕޯޓް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގައި މެންޗެސްޓާގައި ބޭއްވި ކޮންފަރެންސަކަށެވެ.

މި ދިރާސާގައި ބައިވެރިކުރީ ލަންޑަންގެ ސެންޓް ބާތޯލޯމިއު ހޮސްޕިޓަލާއި ކުއީން މޭރީ ޔުނިވަސިޓީން ފަރުވާ ހޯދި ބަލި މީހުންތަކެކެވެ. އެންޖައިނާ ނުވަތަ ހިތުގެ ލޭހޮޅިތައް ހިމަވުމުގެ މައްސަލަ ހުރި ބަލި މީހުންގެ ތެރެއިން ދިރާސާގައި ބައިވެރިކުރި މީހުންގެ 16 ޕަސެންޓް މީހުންނަށް ސްޓަންޓް ލެއްވިތާ ދެ އަހަރު ފަހުން ސީރިއަސް ހިތުގެ މައްސަލަތައް އިތުރަށް ކުރިމަތިވި ކަމަށާއި ބީޓް ރޫޓް ޖޫސް ދިނުމުން މިއަދަދު 7.5 ޕަސެންޓަށް ދަށްކުރެވުނު ކަމަށް ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.

ކޮރޮނަރީ ހާޓް ޑިޒީޒް ހުރެގެން އިނގިރޭސިވިލާތުގެ އެތައް ހާސް މީހުންނަކަށް ކޮންމެ އަހަރަކު ސްޓަންޓް ލައްވަން ޖެހެ އެވެ. މިއީ އެންޖައިނާގެ ސަބަބުން ހިމަވެފައިވާ ލޭހޮޅިތައް ފުޅާކުރުމަށް ލައްވާ އެއްޗެކެވެ.

މިގޮތަށް ސްޓަންޓް ލައްވާ މީހުންގެ 10 ޕަސެންޓް މީހުންގެ ފަސް އަހަރު ތެރޭގައި އަނެއްކާވެސް ހަމަ މި މައްސަލަ ކުރިމަތިވެ އެވެ. ސްޓަންޓް ލެއްވުމަށްފަހު ބީޓްރޫޓް ޖޫސް ކޮންމެ ދުވަހަކު ތައްޓެއް ބުއިމަށް އިރުޝާދު ދީގެން ސްޓަންޓް އަލުން ލައްވަން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަން ދަށް ކުރެވޭ ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ރިސާޗަރުން ބުނާ ގޮތުގައި ބީޓްރޫޓު ޖޫހުން ހިތުގެ ބަލި މީހުންނަށް އެހީތެރިކަން ލިބެނީ އޭގައި އިންއޯގަނިކް ނިޓްރޭޓް އެކުލެވޭލެއް ގިނަކަމުންނެވެ.

މި ޓްރަޔަލްގައި ބައިވެރިކުރި ބަލި މީހުންގެ ތެރެއިން އެއްބައި މީހުންނަށް ބީޓްރޫޓު ޖޫހުގައި އެކުލެވޭ އިންއޯގަނިކް ނިޓްރޭޓް ނަގާފައި ބޯން ދިނުމުން ރަނގަޅު ނަތީޖާއެއް ފެނިފައެއް ނުވެ އެވެ. އެހެންކަމުން ހިތުގެ މައްސަލަތަކަށް އެހީތެރިވެދެނީ ބީޓްރޫޓުގައި އެކުލެވޭ މި މާއްދާއިންކަން ޔަގީން ކުރެވިފައި ވެއެވެ.