އަފްގާނިސްތާން އަތުން މިއަދު 3-2 ސެޓުން ބަލިވި ނަމަވެސް ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލަށް ހިނގައްޖެ އެވެ.
ސެމީފައިނަލުގައި ރާއްޖެ ނުކުންނާނީ ސަރަހައްދުގެ އެންމެ ގަދަ ގައުމު ކަމަށްވާ އަދި ގޭމްސް ބާއްވާ އިންޑިޔާއާ ދެކޮޅަށް މާދަމާ އެވެ.
މިއަދުގެ މެޗުގައި ރާއްޖެ އަށް ފުރަތަމަ ސެޓް ގެއްލުނީ 25-19 އިންނެވެ. ނަމަވެސް ޖެހިގެން އައި ސެޓް 20- 25އިން ކާމިޔާބުކޮށް އުއްމީދު އާކުރި ނަމަވެސް މި ނަތީޖާއިން ރާއްޖެ ތިން ވަނަ ސެޓުން ބަލިވި އެވެ. ނަމަވެސް ހަތަރު ވަނަ ސެޓް 19-25އިން ކާމިޔާބުކޮށް ފަހު ސެޓަށް ދިޔަ އެވެ. އެންމެ ފަހުން ސެޓް ގެއްލި ރާއްޖެ މެޗުން ބަލިވީ 15-12އިން އަފްގާނިސްތާން ކާމިޔާބު ހޯދުމުންނެވެ.
ނަމަވެސް ރާއްޖެ ސެމީ އަށް ދިޔައީ ޕޮއިންޓްގެ ގޮތުން ބަނގްލަދޭޝް އާއި އަފްގާނިސްތާނަށްވުރެ ކުރި ލިބުމުންނެވެ. މި ދެ ގައުމަށް ތިން ޕޮއިންޓް ލިބިފައިވާއިރު ރާއްޖެ އަށް ގްރުޕުގެ ދެ ވަނަ ލިބުނީ ހަތަރު ޕޮއިންޓާއެކުގަ އެވެ. އެއްވަނަ ލިބުނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކުރީ ޕާކިސްތާނަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ގައުމީ އަންހެން ވޮލީބޯޅަ ޓީމު ވެސް ވަނީ ޖާގަ ހޯދައިފަ އެވެ.
ހުކުރު ދުވަހު ފެށި ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު އީދުގައި އަންހެން ވޮލީ ޓީމު ސެމީ އަށް ދިޔައީ އިއްޔެ ޕާކިސްތާން ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓްތައް ރާއްޖެ ހޯދީ 23، އާއި 12 އަދި 19 ޕޮއިންޓް ޕާކިސްތާނަށް ދީފަ އެވެ.
މިއީ މިހާތަނަށް ގައުމީ އަންހެން ޓީމު ސަރަހައްދީ މުބާރާތެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. މި ފަހަރު ޓީމުގެ ކޯޗަކީ ކުރީގެ އެއްވަނަ ލިބަރޯ އަހުމަދު އަދީލް (ބޭބެ) އެވެ.
ފުރަތަމަ ސެޓް ރާއްޖެ ހޯދީ ބަންގާޅަށް 17 ދީފަ އެވެ. މެޗު ކުޅުނު ހޯލުން 15 ވަރަކަށް މިނިޓަށް ކަރަންޓް ކަނޑައިގެންދިއުމުން މެޗު މެދުކަނޑާލަންޖެހުނު ވަގުތުކޮޅަކަށް ފަހު ރާއްޖެ ދެ ވަނަ ސެޓް ގެންދިޔައީ 25-20އިންނެވެ. ފަހު ސެޓް ހޯދީ 25-23 އިންނެވެ.