ރަޝިއާގައި އުފައްދާ ޓޭންކްތައް ގަތުމާ ބެހޭ ގޮތުން ސަފީރުންގެ ފެންވަރުގައި -- ރަޝިއާ އާއި ކުވޭތުން މަޝްވަރާތައް ފަށައިފި އެވެ.
ރަޝިއާ އިން ކުވޭތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލަޑިމިއާ ޝެލްޓޯފް ދޯހާގައި ނޫސްވެރިނަށް ވިދާޅުވި ގޮތުގައި، ރަޝިއާގައި އުފައްދާ އަސްކަރީ އާލާތްތައް މިހާރުވެސް ކުވޭތުގައި ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ރޮކެޓް ލޯންޗަރާއި އަސްކަރީ އުޅަނދު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ގައުމުގެ ދެމެދުގައި މިހާރު ކުރެވޭ މަޝްވަރާތަކަކީ، ސަފީރު ވިދާޅުވި ގޮތުގައި ރަޝިއާގައި އުފައްދާ ޓޭންކްތައް ގަތުމާ ބެހޭ ގޮތުން ކުރެވޭ މަޝްވަރާތައް ކަމަށެވެ.
ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާގައި ހަތިޔާރު އުފައްދާ އަދަދު މިހާރު ވަނީ ވަރަށް ބޮޑުތަން އިތުރުކޮށްފަ އެވެ. ހަތިޔާރު ވިއްކުމާއި އަސްކަރިއްޔާ ޒަމާނީ ކުރުމަކީވެސް ރަޝިއާ އިން މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ.
ރަޝިއާގެ ރައީސް ލަދިމިއާ ޕޫޓިން މިދާކަށް ދުވަހު ވަނީ އެ ގައުމުގައި ހަތިޔާރު އުފައްދާ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހަތިޔާރުގެ ރޭހުގައި ނޭޓޯއަށް ރަޝިއާ ބަލިނުކުރެވޭނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.
ހަތިޔާރު އުފައްދާ އަދަދު އިތުރުކުރެއްވުމުގެ ވިސްނުންފުޅުގައި ޕޫޓިން ވަނީ ޓޫލާ ސިޓީއަށް ވެސް ވަޑައިގެންފަ އެވެ. މިއީ ވެރިރަށް މޮސްކޯގެ ދެކުނުގައި އޮންނަ އަދި ހަތިޔާރު އުފައްދާ ކާރުޚާނާތައް ގިނަ ސިޓީ އެކެވެ.
ޓޫލާ ސިޓީގެ ސިނާއީ ސަރަހައްދަށް ވަޑައިގެން ޕޫޓިން ވަނީ އަމިއްލަ އުފެއްދުންތައް އިތުރުކުރެއްވުމަށް ބާރުއަޅުއްވާފަ އެވެ.
އަސްކަރިއްޔާއަށް ޒަމާނީ ޓެކްނޮލޮޖީ ތައާރުފުކުރުމުގައި އާންމު ފަރުދުންގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ޕޫޓިން އެދިވަޑައިގެންނެވި އެވެ.
ރަޝިއާ އާއި އީރާންއާ ދެމެދު ހަދާފައި އޮތް އަސްކަރީ އެއްބަސްވުމުގެ ތެރެއިން އީރާންގައި އަސްކަރީ ޖެޓްތައް އުފެއްދުމަށް މަޝްވަރާކުރާ ކަމަށް އީރާންގެ އަސްކަރިއްޔާ އިން ވެސް ވަނީ ބުނެފަ އެވެ.
ރަޝިއާއާ އެކު ގާތް ގުޅުމެއް ބާއްވާ ފައިދާ ހޯދައި އަސްކަރީ ސިނާއަތު ފުޅާކުރަން އިންޑިއާ ވެސް ވަނީ މަޝްވަރާ ފަށާފަ އެވެ.
އިންޑިއާގެ ވިސްނުމަކީ މިސައިލުން ރައްކާތެރިކޮށްދޭ ނިޒާމުތައް އިންޑިއާގައި އުފެއްދުމާއި އަދި ރަޝިއާގެ ފައިޓަރު ޖެޓްތައް -- އިންޑިއާ އަށް ކަމުދާ ގޮތަށް ޑިޒައިން ބަދަލުކޮށް އަދި އިންޑިއާގައި އުފެއްދުމެވެ.
މިހުރިހާ ކަމަކަށް ބަލާއިރު، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިއާގެ އަސްކަރީ ސިނާއަތަށް ވަނީ ކުރިއެރުންތައް އައިސްފަ އެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ އަސްކަރިއްޔާއަށް ވެއްދުމަށް ހިތްވަރު ލިބުނު ހަނގުރާމއެއް ގޮތުގައި ޔުކްރޭން ހަނގުރާމަ ރަޝިއާއަށް ވަނީ ވެފަ އެވެ.