ހިޔާ ޓަވަރެއްގެ ދެ އެޕާޓްމަންޓް އުސޫލާ ހިލާފަށް އެއްކޮށްލުމާ ގުޅިގެން އެތަން ހުސްކުރުމަށްފަހު ހަވާލުކުރުމަށް އެންގި އެންގުން މުރާޖައާކޮށް ދެ އެ ޕާޓްމަންޓް ކުރިން ހުރި ގޮތަށް ހެދުމަށް -- ދެ އެޕާޓްމަންޓްގެ މެދު ފާރު ރޭނުމަށް އިތުރު ހަތް ދުވަހުގެ މުއްދަތެއް ދީފި އެވެ.
ހިޔާގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލައިގައި މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު އާބަންކޯ އިން ވަނީ ދެ އެޕާޓްމަންޓްގެ ވެރިން ކޮންމެ މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަންގާފަ އެވެ. ތަން ކުރިން ހުރި ގޮތަށް ހެދުމަށް 10 ދުވަހުގެ މުއްދަތެއްވެސް ދިނެވެ. އެކަމަކު އެންގުންތަކަށް އަމަލުނުކުރުމުން ތަން ހުސްކުރުމަށްފަހު 14 ދުވަހުގެ ތެރޭގައި ހަވާލުކުރުމަށް މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު ދިން ނޯޓިސްގެ މުއްދަތުވެސް ވަނީ ހަމަވެފަ އެވެ. ނަމަވެސް އާބަންކޯ އިން ދީފައިވާ ތާރީހުތަކާ އެއްގޮތަށް އެޕާޓްމަންޓްތަކުގެ ވެރިން ޖޫރިމަނާ ފައިސާއެއް ނުދައްކަ އެވެ. އަދި އެޕާޓްމަންޓްތައް ކުރިން ހުރި ގޮތަށް ތަން ބަދަލުކޮށް، ތަން ހަވާލުކޮށްފައެއް ވެސް ނުވެ އެވެ.
މިމައްސަލައިގައި އާބަންކޯގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކުރިން ޖޫރިމަނާ ކުރި އެޕާޓްމަންޓް ތަކުގެ ވެރިން އެ ކުންފުންޏަށް ސިޓީއެއް ފޮނުވައި މަޝްވަރާކުރުމަށް އެދުމާ ގުޅިގެން އެ ބޭފުޅުންގެ ހުށަހެޅުންތަކަށް ބަލައި ދެ އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ހެދުމަށް އިތުރު ހަތް ދުވަސް ދީފައިވާ ކަމަށެވެ.
ހިޔާ ދެ އެޕާޓްމަންޓްގެ އެއްބަސްވުން ބާތިލްކޮށް އެ ތަންތަން އަތުލަން ނިންމި ނިންމުން އަލުން މުރާޖައާ ކުރީތޯ ދެންނެވުމުން މީޑިއާ އޮފިޝަލް އެކަން ދޮގެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ހިޔާގެ އެއްވެސް އާއިލާއެއް މަގުމަތިކޮށްލުމަކީ އާބަންކޯގެ ސިޔާސަތެއް ނޫން ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެން ކުރިން ފިޔަވަޅުތަކެއް މި ދެ އެޕާޓްމަންޓްގެ ވެރިންނަށް އެޅީ އެހެން މީހުންނަށްވެސް މެސެޖެއް ދިނުމަށް. މިފަދަ ކަންކަން ކުރުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުނެދީ އަންގައިދިނުމުގެ ގޮތުން އަޅުގަނޑުމެން ފިޔަވަޅުތަކެއް އެޅީ. އަޅުގަނޑުމެން އެބޭފުޅުންނަށް އިތުރު ފުރުސަތެއް މިދިނީ އެބޭފުޅުންގެ ހުށަހެޅުންތަކަށް ބަލާފައި،" އޭނާ ވިދާޅުވި އެވެ.
ދެ އެޕާޓްމަންޓްގެ ވެރިންނަށް އެތަންތަން ކުރިން ހުރި ގޮތަށް ހެދުމަށް ހަތް ދުވަހުގެ މުއްދަތެއް ދިންއިރު ޖޫރިމަނާ ފައިސާ ދެއްކުމުގައި އެއްވެސް ލުޔެއް ދީފައިވާނެތޯ ދެންނެވުމުން އޮފިޝަލް ވިދާޅުވީ އެއްވެސް ފަރާތަކަށް ބުރައެއް އުފުލަން ޖެހޭގޮތަށް ކަންކަން ކުރުމަކީ އާބަންކޯގެ ސިޔާސަތެއް ނޫން ކަަމަށެވެ. ޖޫރިމަނާ ދެއްކުމަށް ލުޔެއް ދިން ކަމަކަށް ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ.
ދެ އެޕާޓްމަންޓް ހުސްކުރަން އާބަންކޯ އިން އެންގުމުން އެޕާޓްމަންޓްތަކުގެ ވެރިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި އެތަން އަތުލުން ހުއްޓުވުމުގެ އަމުރެއް ހޯދަން ކުރިން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެ އެވެ.
މި ދެ އެޕާޓްމަންޓުގެ އިންޓީރިއާ ހެދުމުގެ މަސައްކަތް ކުރިއިރު އާބަންކޯ އިން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް ދެ އެޕާޓްމަންޓްގެ ވެރިން ގުޅިގެން ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި އެތަން ހުރީ ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަށް ބަދަލުކޮށްފަ އެވެ. މިކަން ކުރުމުގައި އިސްކޮށް ހުރީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ހައްގުގައި މަސައްކަތް ކުރަން ކަމަށް ބުނެ އުފެއްދި "ހިޔާ ޔޫނިއަން"ގެ ނައިބް ރައީސް އަހްމަދު ޝަމާލް އެެވެ.
ހިޔާ ފްލެޓްތައް ހަވާލުކުރިއިރު އާބަންކޯ އިން ވަނީ އެއްވެސް އެޕާޓްމަންޓެއްގެ އިންޓީރިއާ އަށް ބަދަލު ގެންނަނަމަ އާބަންކޯގެ ހުއްދަ ނެގުމަށް އަންގާފަ އެވެ. އަދި އެ އެންގުމާ ހިލާފަށް އަމަލުކުރާ މީހުން ޖޫރިމަނާކުރާނެ ކަމަށްވެސް ކުރިން ބުނެފައިވެ އެވެ.