ފައިސަލް ނަސީމް

އެންމެ އިސްކަން ދެނީ ދީނީ ހޭލުންތެރިކަން އިތުރުކުރަން: ނައިބު ރައީސް

ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމަކީ ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައްކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވި ޢިލްމުވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު އޮތީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ޤުރުއާން މުބާރާތްތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތައް ކުރިއަށް އޮތްތަނުގައިވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

ސަރުކާރުން ކުރިޔަށްގެންދާ ތަރައްގީގެ މަސައްކަތްތަކާއެކު މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާ ނައިބު ރައީސް ފައިސަލް ވިދާޅުވީ މީހުން ބިނާކުރުމަށާއި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކެއް އުފެއްދުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށެވެ.

އެގޮތުން އާ ދިރާސީ އަހަރާއެކު ސްކޫލުތަކާއި މުޖުތަމައަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް އަމާޒުކޮށް އިތުރަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ ހެދިބޮޑުވެގެން އަންނަ ޖީލުތަކަކީ ދީނަށް ލޯބިކުރާ، އިލްމީ އަދި ތަހުޒީބު ބަޔަކަށް ހެދުމަށާއި މުޅި މުޖުތަމައުގެ ހެވާ ލާބައަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.