ދިރާގު

ބޮޑީބޯޑިން ލީގުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ނެޝަނަލް ބޮޑީބޯޑިން ލީގު 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

ނެޝަނަލް ބޮޑީބޯޑިން ލީގު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކ. ތުލުސްދޫގައި ހަތަރު އިވެންޓެއްގެ މައްޗަށެވެ.

މިގޮތުން "ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2023" ގެ ނަމުގައި ލީގުގެ ފުރަތަމަ އިވެންޓް އޮންނާނީ މިމަހުގެ 17 އިން 23 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގައެވެ. އަނެއް ތިން އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު އެވެ.

ނެޝަނަލް ބޮޑީބޯޑިން ލީގުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑް، ނާޔާ ޝަރީފު ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގު 2023ގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ބޮޑީބޯޑިން ކުރިއަރަމުން ގޮސް، ދިވެހި އެތުލީޓުން މި ކުޅިވަރުގެ ބައިނަލްއަގުވާމީ ފެންވަރުގައި ރޭންކް ކުރެވިފައިވާތަން ފެނުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް،" ނާޔާ ޝަރީފު ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްބީބިއޭގެ ރައީސް އަބްދުﷲ އަރީފު ވަނީ ރާއްޖޭގައި ބޮޑީބޯޑިން ކުރިއެރުވުމަށް ދިރާގުން ދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.

"އެކުންފުނީގެ ޑިޖިޓަލް އެހީތެރިކަމާއި ހައި ސްޕީޑް ކަނެކްޓިވިޓީގެ ސަބަބުން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އިވެންޓްތައް އެކިކަންކޮޅުތަކުގައި ތިބޭ ފަރާތްތަކަށް ގެނެސްދީ ވާދަވެރި ބޮޑީބޯޑިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަށް މަގުފަހިވިކަމަށްޓަކައިވެސް އެކުންފުންޏަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އަބްދުﷲ އަރީފު ވިދާޅުވި އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަފާތު ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.