އެޗްޕީއޭ

ޑެންގީ އާއި ރޯގާ ޖެހޭ މިންވަރު ދަށަށް

ޑެންގީއާއި އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކުރި އަދަދު ދައްވެއްޖެ އެވެ.

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު މެއި މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ ކުރާ އަދަދު ދަށްވެފައިވެ އެވެ.

އެޕްރީލް މަހު ޑެންގީހުން ޖެހިގެން 320 ކޭސް ރިޕޯޓްކޮށްފައިވާއިރު މެއި މަހު އެ އަދަދު އުޅެނީ 212 ގައެވެ.

އަރިދަފުސް ރޯގާ ޖެހިގެން 29،970 ކޭސް ރިޕޯޓްކޮށްފައިވާއިރު މެއި މަހު އެ އަދަދު އެ އުޅެނީ 13،361 ގައެވެ.

އިންފުލެންޒާގެ އަލާމާތް ހުރެގެން ޓެސްޓް ކުރެވުނު އަދަދު ވަނީ އޭޕްރީލް މަހަށް ވުރެ މެއި މަހު އިތުރުވެސް ވެފަ އެވެ.

އެޕްރީލް މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި އަދަދަކީ 3،044 ކޭސް އެވެ. އެކަމަކު މެއި މަހު ރިޕޯޓް ކުރީ 1،848 ކޭސް އެވެ.

ޑެންގީއާއި އަރިދަފުސްރޯގާއާއި އިންފުލެންޒާއާއި ބޭރަށް ހިންގުންފަދަ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ސައިބޯނި ލައިގެން ރަގަޅަށް އަތްދޮވުމަށާއި ކާބޯތަކެތި ތައްޔާރުކުރާއިރު ސާފުތާހިރު ކަމަށް އިސްކަންދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އަދި ގިނައިން ހޮޑުލެވި ވަރުދެރަވާނަމަ ގިނަގިނައިން ދިއާ އެއްޗެހި ބޭނުންކުރުމަށާއި ހުންއައިސް ބޮލުގަ ރިއްސާނަމަ ލަސްނޮކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެދިފައިވެ އެވެ. އަދި މިފަދަ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.