ދިވެހިރާއްޖެއާ އެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާ އެކަން އިއުލާންކޮށްފި އެވެ.
އިނގިރޭސިވިލާތުން މިކަން އިއުލާންކުރުމާ އެކު ދިވެހި ސަރުކާރުން ވަނީ އެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.
މި މަސައްކަތް ފެށުމަށްޓަކައި ދިވެހިރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމިއްޔާތަކަށް ހުރި އުނދަގޫތަކާއި ގޮންޖެހުންތައް ދެނެގަތުމަށާއި، ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަތުމަށްޓަކައި ޚިޔާލު ހުށަހެޅުމަށް މިއަދު ހެނދުނު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އާންމުކޮށް އިއުލާންކޮށްފަ އެވެ.
ދިވެހިރާއްޖެއަކީ މި ވަގުތު ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއި ކޮށްފައި ނުވާ އަދި ޕްރިފަރެންޝަލް މާކެޓް އެކްސެސް ނުލިބޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރުވާ އުފެއްދުންތެރިކަން އިތުރުކޮށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް އެތެރެކުރެވޭނެ މަގުތައް ފަހިކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށެވެ. މިގޮތުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 އިންސައްތަ ޓެކްސް ކަނޑާލުމަށްޓަކައި ފާއިތުވީ ހަތަރު އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.
މިމަޝްވަރާ ތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިގްތިސާދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ އުގަމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށް ވުރެ އިތުރުވެގެންދާނެ ކަމަށްވެސް ދިވެހި ސަރުކާރުން ބުނެ އެވެ.