( 6 ޖޫން 2023 އާ ގުޅޭ )
"އާނަ... ނުރޮއްޗޭ..." އަހަރެންގެ ކޯތާފަތުގައި ފައިސަލް ކަނާއަތްތިލަ ޖައްސާލިއެވެ. ފައިސަލްގެ އަތްތިލަ އެހާ ފިނީ ކީއްވެ ހެއްޔެވެ. ހަމައެއާއެކު އަހަރެން ހުރީ ރޮވޭގޮތްވެފައިކަން އެނގުނީ ފައިސަލް އެހެން ބުނީމައެވެ. އަހަރެން ވެސް ރޯކަށް ބޭނުމެއްނޫނެވެ.
"ޒިޔާން... އެ އަނިޔާވެރިޔާގެ ނަމަކީ ޒިޔާން." ފައިސަލްއަށް ބަލަން ހުރެ އަހަރެން ބުނީމެވެ.
އިނގިލިތަކުގެ ނުފުށުން އަހަރެންގެ ކޯތާފަތުގައި ފައިސަލް މަޑުމަޑުން ފިރުމާލިއެވެ. ދެން އޭނާ އަތް ތިރިކޮށްލައި އަހަރެންނަށް ބަލަން ހުރެ ވާހަކަދެއްކިއެވެ.
"އާނައަށް އެ ވާހަކަތައް ދައްކަން އުނދަގޫވަންޏާ ނުކިޔާދިނަސް އެންމެ ރަނގަޅު. އަހަރެންނަށް އެ ވާހަކަތައް މުހިންމެއްނޫން. އަހަރެމެން އެކަމެއް ތަޖުރިބާކޮށްފައިވާ ކޮންމެކަމެއް ސިކުނޑި ރައްކާކުރޭ. އަހަރެމެންގެ ޖަޒުބާތާއި އިޙްސާސްތަކާއި ގުޅިފާނަމަ ވަކިން އެ ހަނދާންތަކާއި ދުރުވާން ދަތިވާނެ. ޚާއްޞަކޮށް އަހަރެމެންގެ ހިތް ޖެހިފައިވާ ކަމެއްނަމަ އެ ހަނދާންތަކުން މިންޖުވުން ފަސޭހައެއްނުވޭ. އަމިއްލަ އިޚްތިޔާރަކާއިނުލާ ވެސް އެ ހަނދާންތައް އަހަރެމެންނަށް ދައްޗާއި ތުރާދޭން އާދޭ." ފައިސަލް ބުންޏެވެ. އެއީ ކިހާ ބޮޑު ތެދެއް ހެއްޔެވެ. އަހަރެން ވެސް ޒިޔާންގެ ބޭވަފާތެރިވީތީ ދެރަވަނީ ދެ މީހުން އެކުގައި ހޭދަކޮށްފައިވީ އުފާވެރި ވަގުތުތަކުގެ ހަނދާންތައް ހިތުގައި ރައްކާކުރެވިފައި ވާތީއެވެ. އަހަރެންގެ ހިތުން އޭނާއަށް ޚާއްޞަކަމެއް ދެވުނީތީއެވެ. އެކަމަކު މިހާރު އެ ހުރިހާ ހަނދާންތަކެއް އަހަރެންނަށް ހުރި ސަޒާއަކަށް ވެއްޖެއެވެ.
އަހަރެންގެ ދިރިއުޅުން އަހަރެންވަނީ ވަކި ގޮތަކަށް ރާވާފައެވެ. ހަޔާތުގެ މިސްރާބު ގެންދާނޭ ތަސައްވުރެއްގެ ތަސްވީރު އަމިއްލަ ޚިޔާލުގައި ކުރަހައި ނިންމާފައެވެ. އުމުރުން ފަންސަވީސް އަހަރު ވާއިރު އަހަރެން އިންނާނީ މީހެއްގެ އަނތްބެއްގެ ގޮތުގައިކަން މާކުރީން ވެސް އަހަރެން އުޅުނީ ހިތުގައި އަޅައިގެންނެވެ. އަދި ކައިވެންޏަށް އެއް އަހަރަށްފަހު ކުއްޖަކު ހޯދަން އަހަރެން ބޭނުމެވެ. އަހަރެން ހޯދަން ބޭނުންވަނީ ތިން ކުދީންނެވެ. އެއްވެސް ގޮތެއްނެތިގެން ނޫނީ ވަޒީފާ ދޫކޮށްލުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ. އަހަރެންގެ ފިރިމީހާ ވާންޖެހޭނީ އަހަރެން ހޯދާ ފައިސާގައި ނުޖެހި އަހަރެން ގެންގުޅެވޭ ވަރުގެ ފިރިހެނަކަށެވެ. އޭގެ އިތުރުން ކައިވެންޏަށްފަހު ވެސް އަހަރެން އުޅޭން ބޭނުމީ އަހަރެންގެ މަންމަގެ ކައިރީގައެވެ. އެއީ މަންމަގެ އެހީތެރިކަން އަހަރެން އަބަދުވެސް ބޭނުންވާނެތީއެވެ. ފިރިހެނުންގެ ސިފައަށް ބަލާނަމަ އަހަރެން އެންމެ ގަޔާވާ ސިފައަކީ އެމީހުންގެ އިސްކޮޅެވެ. އަހަރެންނަށްވުރެ ކުރުވެގެން އެމީހަކު ނުވާނެއެވެ. އަހަރެން ޒިޔާން ޚިޔާރުކުރީ ނުހަނު ބޮޑަށް އޭނާއާމެދު ގަޔާވެގެންނެވެ. ކިރިޔާ ވެސް އަހަރެން ގަޔާނުވާ ގޮތެއް ހުރި ފިރިހެނެއްނަމަ އަހަރެންނާ އެކުވެރިކަން ބާއްވަން ވެސް އަހަރެން ފުރުޞަތެއް ނުދެމެވެ. އެހެންވެ ބައެއް ފިރިހެނުންގެ ނަޒަރުގައި އަހަރެން ނިކަން ފޮނި ބޮޑާ އަންހެންކުއްޖަކަށްވެއެވެ. އަހަންނަކީ އެހެން އަދި ބަޔަކު ދެކޭ ގޮތަކާމެދު ކަންބޮޑުވާނޭ ކަހަލަ އަންހެން ކުއްޖެއްނޫނެވެ. ނަމަވެސް ފުރަތަމަ ފަހަރަށް މީހުން ކިޔާނޭ އެއްޗިއްސާމެދު އަހަރެން ވިސްނާ ހާސްވީ ޒިޔާންގެ ސަބަބުންނެވެ.
އެއް އިމާރާތެއްގައި މަސައްކަތް ކުރާތީވެ އަހަންނާއި ޒިޔާން ފުރަތަމަ ދިމާވީ ލިފްޓު ތެރެއިންނެވެ. އެހެން ބައްދަލުވުން އާންމުވިއިރު ޒިޔާންއާއި އަހަރެންނާ ދެމެދު ހިނިތުންވުން ބަދަލުކުރެވެން ފަށައިފިއެވެ. ރައްޓެހިކަން މަޑުމަޑުން އުފެދި އެގޮތަށް ލިފްޓުން ދިމާވާ ފަހަރުތަކުގައި ވާހަކަދައްކަން ވެސް ފެށުނީއެވެ. ޒިޔާންގެ މިޒާޖު އަހަރެންނަށް ކަމުދިޔައިރު އަހަރެމެން ބޭރުތެރެއިން ބައްދަލުކުރާން ފަށައިފީމެވެ. ޒިޔާން އަހަރެންނަށް ލޯބި ހުށަހެޅީ ދެ މީހުން އެއްކޮށް ކޮފީއަކަށް ނުކުމެ އުޅެފައި ގެއަށް އައި ފަހުންނެވެ. އަހަރެމެންގެ އެކުވެރިކަމަށް ދެ މަސް ފުރުނު ރެޔެވެ. ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ޒިޔާން ގުޅާފައި އޭނާއަށް އެރޭ އެއްގޮތަކަށް ވެސް ނިދިނައިސްގެން އުޅޭކަން ބުންޏެވެ. އެރޭ އޭނާ ވާހަކަފެށީ އެފަދައިން ނަމަވެސް ކޯލު ނިމިގެންދިޔައީ ޒިޔާންއަށްވާ ހުރިހާ ގޮތެއްގެ އަސްލަކީ އަހަރެންކަން ބުނެދީފައެވެ. އެއްވެސް އަންހެންކުއްޖަކު ޚާއްޞަނުވާ ވަރަށް އޭނާއަށް އަހަރެން ޚާއްޞަވީއެވެ. އެ ހިތުން މަޤާމެއް އަހަންނަށް ޓަކައި ހުސްކުރެވުނީއެވެ. އޭރު އަހަރެން ވެސް ހުރީ ޒިޔާންދެކެ ލޯބިވެފައެވެ.
"އާނަ." ފައިސަލް ގޮވާލިއެވެ. އަހަރެންގެ ދެ އަތުގެ މުލައްދަނޑީގައި ހިފާލައި ފައިސަލް ކައިރިވެލިއެވެ.
"އަހަރެން... އާނަ ބޭނުމޭ ބުނެއްފިއްޔާ." ފައިސަލް ބުންޏެވެ.
"އައި ޑޯންޓް ނޯ. ކުއްލިއަކަށް... ފައިސަލް... އަހަރެންނަކީ މިރަށު މީހެއްވެސްނޫން." އަހަރެންނަށް ބުނަންވީ ކީކޭކަމެއް ނޭނގުނީއެވެ. ފައިސަލްއާއެކީ ހޭދަވީ މަދު ވަގުތުކޮޅެއް ނަމަވެސް އަހަރެންގެ ހިތަށް ނޭނގޭ ގޮތްތަކެއް ވެއްޖެއެވެ. އެކަމަކު ދުލުން ހާމަކުރާން ޖެހިލުންވަނީއެވެ. ސިކުނޑިއާއި ޟަމީރު އަހަންނާއި ފައިސަލްއާ ދެމެދު ހުރި ފަރަގު މަޝްވަރާކުރާން ފެށީމައެވެ.
"އަހަރެން ޝަރުތުކުރީން ވެސް އެއްވެސް ކަމަކަށް. ނޫނީ އާނަގެ ޝަރުތުތަކެއް ހުރީތަ؟." ފައިސަލް ބުންޏެވެ. އަހަރެން ނޫނެކޭ ބުނާން ބޯހޫރާލީމެވެ.
"ފުރުޞަތެއް ނުދީ އެކަން ނުވާނޭ ބުނަން އެނގޭނެތަ؟. އަހަރެމެންނަށް މުސްތަޤްބަލް އެނގޭނެތަ؟. އާނަ ހީކުރިންތަ މިރަށަށް އައިސް އަހަރެންނާ ބައްދަލުވާނޭ. އަހަންނާއި ހަމައަށް އާނަ ގެނައީ ތަޤްދީރު ނޫންކަމެއް ކިހިނެއް އެނގެނީ." ފައިސަލް އިހުނަށްވުރެ އަހަރެންނާ ކައިރިޔަށް ފިޔަވަޅު އަޅާލިއެވެ.
ފައިސަލްއަށް ބަލަން ހުރިވަރަކަށް އަހަރެންގެ ފައިން ވާގިދުވާން އުޅޭހެން ހީވަނީއެވެ. ހިތްވަނީ އިންތިހާއަށް އަވަސްވެފައެވެ. މިވަގުތު އަހަރެންނަށް ކުރެވޭ އިޙްސާސްތަކުގެ އަސްލަކީ ހިތުގައި އޮތް ލޯބިކަމެއް ނޫނީ ހެއްލެމުން މިދަނީ އެހެން ޖަޒުބާތަކަކަށް ކަމެއް ދެނެގަންނާނޭހާ ބާރު ސިކުނޑީގައި ނެތެވެ. ފައިސަލްގެ ކައިރިޔަށް ދާހިތްވަނީއެވެ. އޭނާގެ ފުށުން އެއްވެސް އުނިކަމެއް އަހަރެންނަކަށް ނުފެނެއެވެ. ވިދާލިވިދުވަރާއެކީ ޖެހި ބާރު ގުގުރި ބަހަނާއަކަށް ހެދުމަށްފަހު އަހަރެން ފައިސަލްގެ ގައިގާ ބައްދާލީމެވެ. އެހިނދު އޭނާ ވެސް އަހަރެންގެ ގައިގާ ހިފަހައްޓާލީ ނުހަނު ބާރަށެވެ. ތޫފާނީގެ ރޭގެ ފިނީގެ ތެރެއަށް ހަވާނަފްސު ގަދަވެގަތީއެވެ. ތިން އަހަރު ވަންދެން އަހަރެން ޒިޔާނަށް ޓަކައި ތެދުވެރިކަމާއެކު ހުރިހުރުން ބޭކާރުވީއިރު ދެން ވެސް އެހެންނުވާނޭ ބުނާކަށް ނޭނގެއެވެ. އެއަށްވުރެ ހިތުގެ ލަގަން އިސްކޮށް އެ ހަނދާންތަކާއި ދުރަށްދެވޭނެ އެހެން ގޮތެއް ޚިޔާރުކުރުން އަހަރެންނަށް ގޯސް މަގެއްކަމުގައި ނުވިއެވެ. ޟަމީރުގެ އަނގައިގާ އަތްއެޅީ އަހަރެންގެ ވިސްނުން ގޯހޭ ބުނެދާނޭތީއެވެ.
"އާނަ... ވީ ޝުޑުންޓް..." ފައިސަލް އަހަރެން ދުރުކޮށްލުމާއެކު އަހަރެންގެ ނިތްކުރީގައި ނިތްކުރި ޖައްސާލުމާއެކު ބުންޏެވެ. ފައިސަލް އެފަދައިން އިސްނަގައި ދެ ހަށިގަނޑު ދުރުކޮށްނުލިނަމަ އިރުއަރަންވާއިރަށް އަހަރެމެންގެ ދެމެދުގައި ކަންތައްވާނޭ ގޮތެއް ވެސް ނޭނގެއެވެ. އަހަރެން މަޑުމަޑުން ފައިސަލްއާ ދުރަށް ޖެހިލީމެވެ. ވަށައިގެންވީ ރެއިލިން ކައިރީ އައިސް ހުއްޓިލީމެވެ. އަސްކަނިން އޮހެމުންދިޔަ ފެންތަކުގެ ތެރެއަށް ދެއަތްދިއްކޮށްލުމާއެކު ފެނާއެކު ދެއަތްތިލަ ގެނެސް މޫނުގައި ޖައްސާލީމެވެ.
"އެތެރެއަށް ދަމާ." އަހަރެންގެ ފަހަތުގައި ހުއްޓިލަމުން ފައިސަލް ބުންޏެވެ.
"ސޮރީ." އަހަރެންނަށް ކަންތައްކުރެވުނު ގޮތް ވަރަށް ރަނގަޅައަށް އަހަރެންނަށް އެނގޭތީ ބުނީމެވެ.
"ސޮރީ ބުނަންޖެހޭވަރު ކަމެއް ނުހިނގައެއްނު. ތި ހުތުގެ ރުހުމާނުލާ އަހަރެން އެއްވެސް ކަމެއްނުކުރާނަން. އެވެސް އާނަގެ ޖަވާބެއް ނުލިބެނީސް." ފައިސަލް ބުންޏެވެ. ހަމައެކަނި ބައްދާލި ބައްދާލުމަކުން ވެސް އަހަރެމެން ދެ މީހުންވީ އެއް ހާލެއްގައިކަން ބުނާން އަހަރެންނަށް އެނގެއެވެ. އަވަސްވެފައިވީ އެ ހިތުގެ ތެޅުން އަހަރެން އަޑުއެހީމެވެ. އެ ހަށިގަނޑަށްވެރިވި ހަރުކަށިކަން އަހަރެންނަށް އިޙްސާސް ކުރެވުނެވެ. ނަމަވެސް ފައިސަލް އަމިއްލަ ނަފްސު ހުއްޓުވީތީ އަހަރެންނަށް އޭނާ ބަލައިގަތުން ވަކިން ފަސޭހަވެގެން ހިނގައްޖެއެވެ. ހިތަށް ތަފާތު އުފާވެރިކަމެއް ހާސިލުވީ ކަހަލައެވެ. އަހަރެން ލަދުގަތީ ވެސް ދެނެވެ.
ހަޓުން ނުކުތުމާއެކު އަހަރެމެން ދެ މީހުން ވެސް ވާރޭގައި ޖެހުނީއެވެ. ފައިސަލް ދެއަތްތިލަ އަހަރެންގެ ބޯމައްޗަށް ދިމާކޮށްލިއެވެ. އެތަންފެނި އަހަރެން ކައިރިޔަށް ހިނިއައެވެ. އެހާ ކުޑަކުޑަ ހަރަކާތަކުން ވެސް އަހަރެންނަށް ފާޅުވީ މައުސޫމްކަންވީ ލޯބިވެތިކަމެވެ.
"އާނަ ތެމިދާނެތީ." ހިނިތުންވުމަކާއެކު ފައިސަލް ބުނެލިއެވެ. އަހަރެންގެ ހުނުން ބާރުވެލިއެވެ. އޭނާގެ ދެއަތްތިލައިގެ ހިޔަލުން އަހަރެން ފޮރުވާލެވިދާނެ ހެއްޔެވެ. ދެ މީހުން ދުވަމުން އައިސް ގެސްޓްހައުސް ތެރެއަށް ވަނީމެވެ.
ފެންފޮޅާލާފައި އަހަރެން ސޯފާގައި އިށީނީމެވެ. ފައިސަލް ކޮޅަށް ހުންނަން ފެށުމުން އަހަރެން ގޮވާލީމެވެ. ނިދަންދާންވީތޯ އަހަރެން ފައިސަލް ކައިރީ އަހާލީމެވެ. އޭނާ އިރުކޮޅަކު އަހަރެންނަށް ބަލަން ހުރެފައި ދެ ފަރާތަށް ބޯހޫރާލިއެވެ. ޓީވީ ހުޅުވާފައި ފައިސަލް އައިސް އިށީނީ އަހަރެންގެ ކައިރީގައެވެ. ފައިސަލް ޗެނެލް ބަދަލުކުރަނިކޮށް ހިންދީ ލަވަ ޗެނެލަކަށް ލެވުމުން އަހަރެން އޭނާގެ އަތުގައި ހިފެހެއްޓީމެވެ. އިރުކޮޅަކު އެ ޗެނެލްގައި ބަހައްޓާލަ ދިނުމަށް އަހަރެން ބުނީމެވެ. ދައްކަމުންދިޔައީ އިހުގެ ހިންދީ ލޯބީގެ ލަވައެވެ.
"އާނަ ވަރަށް ލަވަ އަޑުއަހަން ދޯ." ފައިސަލް އަހާލިއެވެ. އަހަރެން ހޫންއެކޭ ބުނެ ބޯޖަހާލީމެވެ.
"ރެއިން އެންޑް މިއުޒިކް... މިވަގުތާ ވަރަށް ގުޅޭ." އަހަރެން ބުނީމެވެ. ފައިސަލް ހީނލި އަޑު އިވުނެވެ.
އަހަރެން އެކަކުއަނެކަކާ ވާހަކަނުދައްކާ ތިބީއެވެ. މަޑުމަޑުން އަހަރެން ފައިސަލްގެ ގައިގާ ލައްވެލީމެވެ. ގެސްޓްހައުސްގެ ދޮރުން ބޭރަށް ބަލަން އިނީ ވެހެންމުންދިޔަ ވާރޭއަށެވެ. އެގޮތުގައި ގަޑިއެއްގެ އިރަށްވުރެ ގިނައިރު ފާއިތުވެގެން ދިޔަކަން އެނގުނީ ފައިސަލް ހަރަކާތެއްކޮށްލީމައެވެ.
"އާނަގެ ނިދި ނެތީތަ؟. ކޮފީއެއް ބޯނަންތަ؟. އަހަރެން ކޮފީއެއް ބޯން މިއުޅެނީ." ފައިސަލް ތެދުވަމުން ވާހަކަދެއްކިއެވެ.
"ކޮޓަރިއަށްވުރެ މިތަން މާ އަރާމު." އަހަރެން ބުނެލީމެވެ. ހަޤީޤަތުގައި ކޮޓަރީގައި އެކަނި އޮންނަން އަދިވެސް އަހަރެން ތައްޔާރުނޫނީއެވެ.
"އެކަމަކު އަހަރެން މިދަނީ." ފައިސަލް ބުނެލިއެވެ.
"ކޮންތާކަށް؟. ނިދަންތަ؟." އަހަރެން ހިސާބަކަށް ނުތަނަވަސްވިއެވެ. އަހަރެންނަށް ބަލަން ހުރެފައި ފައިސަލް ހީނލައިފިއެވެ.
"ކޮފީ ހަދަން." ހެވިފައި ހުރެ ފައިސަލް ބުނެލިއެވެ. އެއާއެކު އަހަރެންނަށް ވެސް ހީނލެވިއްޖެއެވެ.
ފައިސަލް ބަދިގެއަށް ގޮސް ވަނެވެ. ސޯފާގެ އަތްގަނޑުގައި ލެނގިލައިގެން ސޯފާއަށް ދެފައި ނަގައިގެން އަހަރެން އިނީ ޓީވީ ބަލާށެވެ. ޓީވީއިން އަންނަމުންދިޔަ ލަވައާ އެއްވަރަށް އަހަރެން ވެސް މަޑުމަޑުން ލަވަކިޔަމުން ދިޔައީމެވެ. ފައިސަލް ދިޔަތާ ގިނައިރެއްނުވެއެވެ. މީހަކު އަހަންނަށް ބަލަން ހުރިހެން ހީވާންފެށީ ކީއްވެކަމެއް ބުނެދޭކަށް ނޭނގެއެވެ. އަދި އެވެސް ގެސްޓްހައުސް ދޮރުކައިރީގައި މީހަކު ހުރެގެން ބަލާހެންނެވެ. ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހޭފަދަ ފިނިކަމެއް ބީހިލިހެން ހީވިއެވެ. ސީދާ ނުބަލަންވެގެން ލޮލުގެ ހިމަކޮޅުން އަހަރެން ދޮރާދިމާއަށް ބަލާލީމެވެ. ދޮރުކައިރީ ހިޔަންޏެއް ހުރީތީ ފެނުނެވެ. ހީވަނީ ދޮރުކައިރީ ފާރުގައި ލެނގިލައިގެން ހުރި މީހެއްގެ ހިޔަނި ތަޅުމަށް އެޅިފައި ހުރީހެންނެވެ. އަހަންނަށް ހިންދިރުވާލެވުނެވެ. ތެދުވެގެން ބަދިގެއަށް ދުއްވައިގަންނަން ހިތަށް އެރިއެވެ. ނަމަވެސް ހިރިލާކަށް ނުކެރުނެވެ. ޓީވީ ބަލާކަމަށް ހެދުނަސް އަހަރެންގެ ހުރިހާ ސަމާލުކަމެއްވަނީ ދޮރުކައިރީ އެ ހުރި މީހާގެ ހިޔަންޏަށެވެ.
"މިއޮއް ވިއްސާރައިގައި ކާކު އަންނާނީ މިހިސާބަށް؟. މީހަކު ފާރަލަނީތަ؟. ގަސްދުގައި އަހަރެން ބިރުގަންނަވަން މަސައްކަތް ކުރާ ކަހަލަ." އަހަރެންގެ ހިތަށް އަރަންފެށިއެވެ.
ފައިސަލް އަވަހަށް އަންނާނެނަމައޭ ހިތަށް އެރިއެވެ. ބިރުން އިންދާ ވެސް އަހަރެންނަށް ބޭރަށް ބަލާލެވުނީ ވިދާލީމައެވެ. ގުގުރީގެ އަޑު އިވުމުގެ ކުރީން އަހަރެންނަށް ހަޅޭލަވައިގަނެވިއްޖެއެވެ. ދޮރުކައިރީގައި ހިޔަނިނެތްއިރު ވާރޭ ތެރޭގައި ދުރުގައި އެހެރީ މީހެކެވެ. ތެމިފޯވެފައެވެ. ހެދުންތަތްވެ ދިގު އިސްތަށިގަނޑުން މޫނު ފޮރުވިފައެވެ. ގައިގަ ގަސްފަޅާފައި ހުރި ކަހަލައެވެ. ރަނގަޅަށް ސިފަވަކިވާވަރަކަށް ބަލާކަށް ނުކެރުނެވެ. ސޯފާއިން ފޭބުމުގެ ބަދަލުގައި އޭގެ ބިއްދޮށަށް ފުންމާލެވުނީ ކިހިނެއްކަމެއް ވެސް އަހަރެންނަށް ނޭނގެއެވެ. ފައިސަލްއޭ ގޮވަމުން ބަދިގެއަށް ވަންނަން އައީ މަރަށް ފިލަން ދުވާ މީހެއް ހެންނެވެ. ފައިސަލް ވެސް ހަލުވިކޮށް ނުކުމެގެން އައީތީ އަހަރެން ލައިގަތީ އޭނާގެ ގައިގައެވެ.
"އެތާ... ބޭރުގަ... ދޮރުން ބޭރުގައި... މީހަކު... ނޫން... އެއްޗެއް... އެއްޗެއް އެބަހުރި." ބިރުން އަވަދިވެފައިވާ މީހަކު ފަދައިން އަހަރެންނަށް ވާހަކަދައްކަން އުނދަގޫވިއެވެ. އިޝާރާތެއްކޮށްލަން ނުކެރުނުތާ ފަސްއެނބުރި ބަލާލާކަށް ވެސް އަހަރެންނަކަށް ނުކެރުނެވެ. އަހަރެންނަށް ހުރެވުނީ ފައިސަލްގެ ޓީޝާޓުގައި ހިފައިގަނެގެންނެވެ. އޭނާ ކުރިޔަށް ހިނގައިގަތުމުން އަހަރެން ވަނީ އޭނާގެ ފުރަގަހަށެވެ.
ދޮރުމައްޗަށް ފައިސަލް ނުކުތެވެ. ބޭރު ބަލާލިއެވެ. އޭނާގެ ކޮނޑާ ދިމާއިން ބޯއަރިކޮށް އަހަރެން ވެސް ސިއްރުން ބަލާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދޮރުމަތީ ހިޔާކޮށްފައި އޮތް ތަނަށް ފައިސަލް ނުކުތެވެ. އަހަރެން ދޮރުކަނީގައި ހިފަހައްޓާލައިގެން ހުރީ ބިރުން ނުކުންނަން ނުކެރިފައެވެ. ފައިސަލް ބޭރު ބަލާފައި އައިސް ވަނެވެ. އަދި ދެ ފަރާތުގައި ހުޅުވާފައި ހުރި ކުޑަދޮރުތައް ލެއްޕުމަށްފަހު އޭނާ އައިސް ގެސްޓްހައުސްގެ މައިދޮރު ވެސް ލައްޕާ ތަޅުލިތަން އަހަރެން ދުށީމެވެ. ހަމަޖެހުމުގެ ނޭވާއެއް އަހަންނަށް ދޫކޮށްލެވުނެވެ. ފައިސަލް އެއްވެސް ސުވާލެއް އަހަރެންނާ ނުކުރެއެވެ. އަހަރެން ބިރުގަނެފައި ހުރީމާ އެކަމާ ސުވާލުކުރަން ބޭނުންނުވީ ކަންނޭނގެއެވެ. އަހަރެން ވެސް އެ ވާހަކަ ދައްކާކަށް ބޭނުމެއްނޫނެވެ. ކޮފީޖޯޑު ބަލާ ބަދިގެއަށް ފައިސަލް ދިއުމުން އަހަރެން މިފަހަރު އޭނާގެ ފަހަތުން ހިޔަންޏެއްހެން ދިޔައީމެވެ.
* * * * *
މެރިފައިވި ދެ ލޯ އަހަރެން ހުޅުވާލީމެވެ. އޮވެވުނީ އެނދުގައެވެ. ފުންމައިގެން އަހަރެންނަށް ތެދުވީމެވެ. ރޭގައި ފައިސަލްއާއެކީ ކޮފީބުއިމަށްފަހު ދެންވީ އެއްވެސް ކަމެއް އަހަރެން ހަނދާނެއްނެތެވެ. އަހަރެންގެ ކޮޓަރީގައި އެނދުގައި އޮންނަން ޖެހުނީ ކިހިނެއްކަމެއް ނޭނގުނެވެ.
"ހުވަފެނެއްތަ؟." އަހަރެންނަށް ބުނެލެވުނެވެ. ފޯނު ކޮބާތޯ ހޯދާލީމެވެ. އެއާއެކު ފޯނުނެތްކަން ހަނދާންވިއެވެ. ކޮޓަރިތެރެއިން ނުކުމެވެން ހުރި ދޮރު ކައިރިޔަށް ގޮސް ފަރުދާ ދޭތެރެއިން ބޭރު ބަލާލީމެވެ. ވާރޭވެހުނަސް ދުނިޔެ މައްޗަށް އިރުއަރާފައިކަން އޮތީ އެނގެއެވެ. ކޮޓަރީގައި ހުރި ފާޚާނާގެ ދޮރު ހުޅުވި އަޑު އިވުނީ އެވަގުތެވެ.
"ފައިސަލް..." އަހަރެންނަށް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ.
"ގުޑްމޯނިންގް." ފައިސަލް ބުންޏެވެ.
"އަހަރެން ރޫމްގައި... ކިހިނެއް." އަހަރެންނަށް ބުނެވުނެވެ.
"ކޮފީބޮއެ ނިމޭގޮތަށް ތިނޫނީ އެހާ އަވަހަށް ނިދާ މީހަކު ނުދެކެން. ރޫމަށް އަންނަން ބޭނުންވީ އާނަ. އަހަރެން ކައިރީ ބުނީ އާނައަށް ނިދެންދެން މަޑުކޮށްދޭށޭ. ވަރަށް ބިރުގަނެއޭ. އެންމެފަހުން އަހަރެންނަށް ވެސް ނިދުނީ." ފައިސަލް ކިޔާދިނެވެ. ރޭގައި އަހަރެން ވަރަށް ބިރުންކަން ހުރީ ހަނދާންވިއެވެ. ފައިސަލް މަޑުކުރިކަން ނަސީބެކޭ ހިތަށް އެރިއެވެ. އިތުރު އެއްވެސް ކަމަކާ ވިސްނާކަށް އަހަރެން ބޭނުމެއްނޫނެވެ. ސުވާލު އުފެދޭންވީ ސަބަބެއް ވެސް ނެތީއެވެ. ރޭގައި ނިދޭނެކަމަކަށް ވެސް އަހަރެން ހިޔެއްނުކުރަމެވެ. އެއްވެސް ކަހަލަ އުނދަގުލެއް ކުރެވުމެއްނެތި ފުން ނިންޖަކުން ނިދުނުކަން ނަސީބެކެވެ.
"އިތޫމެންގެއިން މިއަދު ސައިބޯނީ. ތަންކޮޅެއް ކުރީން އެކޮޅަށް ދާން ބޭނުން." އަހަރެން ބުނީމެވެ.
"ހިތްހަމަނުޖެހުނީތަ؟. އަހަރެން މިކޮޓަރީގައި ނިދީމަތަ؟." ފައިސަލްއަށް އަހަރެންގެ ނިންމުން ދޭހަވީ މުޅިން ތަފާތުކޮށްކަން އެނގުނީ އޭނާ ސުވާލުކުރަންފެށީމައެވެ.
ފައިސަލް ގަސްދުކޮށްގެން ހުރީ ދެ މީހުން އެކުގައި ހެނދުނުގެ ނާސްތާ ކުރާށެވެ. އަހަރެން އެހާ އަވަހަށް އިތޫމެންގެއަށް ދާން ނިންމަފާނޭ އޭނާ ހިޔެއްނުކުރެއެވެ. ފައިސަލް ބޭނުންވާ ގޮތް ހަދައިދޭން އަހަރެންގެ ހިތް އެދުނެވެ. އެހެންވެ ސައިބޮއެގެންކަން ދާނީ އަހަރެން އެއްބަސްވީމެވެ.
ހެނދުނު ދިހައެއް ޖަހަން އުޅެނިކޮށް ފައިސަލްއާއެކީ ކާރުގައި އަހަރެމެން ނުކުތީމެވެ. ކާރު ތެރެއިން އިވެންފެށި ލޯބީގެ ހިންދީ ލަވައާއެކީ އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކުރީން އެ ކާރުގެ ތެރެއިން އެއީ އިވޭ އަޑެއްނޫނެވެ. ފައިސަލް ލަވަ ޖަހައިދިނީ އަހަންނަށެވެ. އިތޫމެންގެއާ ހަމައަށް އާދެވެންދެން ވެސް ފައިސަލް ވާހަކައެއް ނުދައްކައެވެ. އަހަރެން ވެސް ހިމޭންވެފައި އިނީ އެހެންވެއެވެ.
"ކޮންއިރަކުން ބަލާ އަންނަންވީ." ދޮރޯށި ކައިރިއަށް ކާރު މަޑުކޮށްލުމާއެކު ފައިސަލް އަހާލިއެވެ.
"މިރޭ ޓެންތާޓީކަން ހާއިރު އޯކޭވާނެ. އަދި ފޯނު ނަގަން ދާން ޖެހޭނެއެއްނު." އަހަރެން ބުނީމެވެ.
"އަހަރެން ފޯނު ނަގާފައި ބާއްވާނަން. އޯކޭތަ." ފައިސަލް ބުންޏެވެ.
"އެކަމަކު އޭރުން ކިހިނެއް ބަލާ އަންނަން ގުޅާނީ." އަހަރެން ބުނީމެވެ.
"ދިހަގަޑިބައިގަ އާނަ ތިބުނީނު އަންނާށޭ. އެހެންވީމަ ނުގުޅިޔަސް އަހަރެން އަންނާނަން." ފައިސަލް ބުންޏެވެ.
އަހަރެން ކާރުގެ ދޮރުފަތް ހުޅުވާލި ވަގުތު އަތުގައި ފައިސަލް ހިފާލިއެވެ. އަހަރެމެންގެ ހަތަރުކަޅި ބައްދަލުވިއެވެ. ދެ ބުމަ ހިއްލާލަމުން އަހަރެން ބޮލުން އިޝާރާތްކޮށްލީ ކިހިނެއްވީހޭ އަހާލުމަށެވެ. މަޑުމަޑުން އަހަރެންގެ އަތްތިލައަށް އޭނާ ބާރުކޮށްލިއެވެ. ދެން އަތުގައި އޭނާގެ ބޮޑުވައި އިނގިލިން ފިރުމާލިއެވެ. އެއްވެސް އެއްޗެކޭ ނުބުނޭ ފައިސަލް ބަދަލުކޮށްލީ މާނަވީ ފަނޑު ހިނިތުންވުމެކެވެ. ނަމަވެސް އެ ދެ ލޮލުން އަހަރެންނަށް ފެންނަން ހުރީ ފައިސަލް އެތައް ވާހަކައެއް އެވަގުތު ބުނަން ބޭނުންވެފައި އިންކަމެވެ. އޭނާ މަޑުމަޑުން އަހަރެންގެ އަތުން ދޫކޮށްލީމާ ކާރުން ފޭބީމެވެ.
"ތި އައީތަ؟." ދޮރޯށިން އެތެރެއަށް ވަނުމާއެކު ފުރަތަމަ ވެސް އިވުނީ ހޫދުގެ އަޑެވެ. އެ އަޑާއެކު ވެސް އަހަރެންގެ މޫޑު ހަރާބުވެގެން ހިނގައްޖެއެވެ. ޚާއްޞަކޮށް އޭނާ ފައިސަލް ކައިރީ ދެއްކި ވާހަކަ ހަނދާނަށް އައީމައެވެ.
(ނުނިމޭ)