ދުނިޔެ

ރަޝިއާއަށް ދަތިކުރުމާ ގުޅިގެން ޔޫކޭގައި ވަގުން ގިނަވަނީ

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމަށް ހުޅަނގަށް ގަބޫލުކުރެވުނު އެންމެ މޮޅު ގޮތަކީ އިގުތިސާދީ ގޮތުން ރަޝިއާއަށް ދަތިކުރުމެވެ.

އެހެން ނަމަވެސް، ޔުކްރޭން ހަގުރާމައަށް ދޮޅު އަރަހަރު ފުރެން އަންނައިރު -- ރަޝިއާއާ ދެކޮޅަށް ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން އެ ގައުމަށް އެކަށީގެންވާ ވަރުގެ މާޔޫސްކަމެއް ލިބިފައެއް ނުވެ އެވެ.

މިހެން ކަން އޮތް ނަމަވެސް ހުޅަނގުގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ވަނީ ގޯހެވެ. ރަޝިއާއަށް ދަތިކުރަން އަވަދިނެތި އުޅުނު އިނގިރޭސިންގެ ހާލަތު ވެސް އޮތީ ވަރަށް ދެރަވަރު ހާލަަތެއް ގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިވިލާތުގައި މިއީ އާދަޔާ ޚިލާފަށް ވަގުން ގިނަ ދުވަސްވަރެކެވެ. ވަގުން ވައްކަންކުރާ މައިގަނޑު ދާއިރާ އަކީ ރަޝިއާއަށް ފަތުއަޑުކިޔާފައި ވިކޭ ބާވަތްތަކާ ގުޅޭ ދާއިރާތަކެވެ.

ރަޝިއާއަށް ދަތިކުރަން ހުޅަނގުން އެޅި ފިޔަވަޅުތަކާ ގުޅިގެން ހުޅަނގުގެ ގައުމުތަކުގައި އުފައްދާ މެޝިންތައް ރަޝިއާއަށް ވިއްކުން ވަނީ މަނާކޮށްފަ އެވެ. އެއީ ދަނޑުވެރިކަން ނުވަތަ މަތިންދާބޯޓު މަރާމާތުކުރުމާ ބެހޭ އާލާތެއް ނަމަވެސް އެއިން އެކައެއްޗެއް ވެސް ރަޝިއާއަށް ނުވިއްކެ އެވެ.

އިނގިރޭސިވިލާތު ފުލުހުންނާ ހަވާލާދީފައި ހުރި ހަބަރުތައް ބުނާ ގޮތުން އެ ގައުމުގައި އުފެއްދާ ދަނޑުވެރިކަމާ ގުޅުން ހުރި މެޝިންތަކުން ވައްކަންކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއީ އެ މެޝިންތަކަށް ރަޝިއާއިން ވަރަށް ރަނގަޅު އަގެއް ލިބޭތީ ކަމަށް ފުލުހުން ބުނެ އެވެ.

ދަނޑުތަކުގައި ބޭނުންކުރާ ވެހިކަލްތަކާއި ދަނޑުތައް މެޕްކުރަން ބޭނުންކުރާ ޖީޕީއެސް މޮޑިއުލްތައްވެސް ވަރަށް ގިނައިން ރަޝިއާއަށް ބޭރުކުރާ ކަމަށް އިނގިރޭސި ފުލުހުން ބުނެ އެވެ.

އިނގިރޭސިވިލާތުގައި ދަނޑުވެރިކަން ކުރާ ސަރަހައްދުތަކުގައި އިރު އޮއްސިފައި އިރުއަރާއިރު ބޮޑެތި ލޮރީތަކާއި ފަސްގަނޑުޖަހާ މެޝިންތައް ދޮންކަޅު އަންގާވެސް ނުލައި ގެއްލޭކަން ފުލުހުން ބުނެ އެވެ. ގާޑުން ދަނޑުތައް ބަލަހައްޓަމުން ގެންދާއިރުވެސް ހާލަތަށް ބަދަލު ނާންނަ ކަމަށް ވެއެވެ.

ފުލުހުން ބުނާ ގޮތުން މިހާރު އޮތް އެންމެ ބޮޑު ބިރަކީ އިނގިރޭސި ސިނާއީ ފެކްޓަރީތަކުގައި ރަޝިއާއަށް ވިއްކޭ ވެޝިންތައް އުފައްދައި ވަގަށް އެކްސްޕޯޓް ކުރުމެވެ. މިއީ ގޭންގު ވިޔަފާރިއަކަށް ވެދާނެ ކަމެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.