މުހައްމަދު ނާޒިމް

ގެދޮރު ހަދަން ނަގާ ލޯނަށް އެމްއެންޕީގެ ސަރުކާރެއްގައި ގެރެންޓީ ދޭނަން: ނާޒިމް

ގެދޮރު ހެދުމަށް އާންމުން ނަގާ ލޯނަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސަރުކާރެއްގައި ގެރެންޓީ ދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ކ. ކާށިދޫގައި އެމްއެންޕީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ވިޔަފާރިވެރިންގެ ލޯނުތަކަށް ސަރުކާރުން ގެރެންޓީދޭއިރު އާންމުންނަށް ގެރެންޓީ ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ.

ރާއްޖޭގެ ވިޔަފާރިއަކަށް ސަރުކާރަކުން 130 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީދީފައިވާ ކަމަށާއި ސަރުކާރުން ގެރެންޓީދޭނަމަ އާންމުންނަށްވެސް ލޯނު ނުދޭންވީ ސަބަބެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭންކަށް މި ދެނީ ގެރެންޓީ. އޭނަ ނުދެއްކިޔަސް އަޅުގަނޑުމެން ލާރި ދޭނަމޭ އޭނައަށް ލޯނު ދޭށޭ،" ނާޒިމް ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ ކާށިދޫ އާއި ގާފަރު ފަޅު ހިއްކައިގެން ފަތުރުވެރިކަމުގެ ނަފާ ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ލޯންޗުފަހަރުގައި ކަނޑުގަދަ ދުވަސްތަކުގައި ދަތި އުނދަގުލުގައި ކާށިދޫއަށް ކުރާ ދަތުރުތަކަށް ނިމުން ގެނެސްދީ ކާށިދޫއަށް އެއާޓެކްސީގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅު އާންމުކުރައްވާނެ ކަމަށާއި ކަނޑުން ގެއްލުނު ސަރަހައްދު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.