ރައްޔިތުންގެ މަޖިލިސް

އީވާގެ އިތުބާރު ނެތް މައްސަލަ މާދަމާއަށް އެޖެންޑާކުރަން އެމްޑީޕީން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކުރުމަށް އެމްޑީޕީން އެދިއްޖެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ސޮއި ކުރައްވާ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާއަށް ރޭ ފޮނުއްވި ސިޓީގައި ވިދާޅުވީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުން އިސްތިސްނާ ކުރެވޭ އެއްވެސް ހާލަތެއް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ލިބުމުން އެ ގަރާރު ލިބޭތާ މަދުވެގެން ތިން ދުވަސް ތެރޭގައި އެ ގަރާރުގެ ނޯޓިސް ދޭ ދުވަހުން ފެށިގެން 14 ދުވަހަށްފަހު ބާއްވާ ޖަލްސާއަށް ގަރާރު ހުށަހަޅަންޖެހޭ ކަމަށް ސިޓީގައިވެ އެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުމަށްފަހު މައްސަލަ ނެގީ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީ އެވެ. އީވާގެ މައްސަލަ އެޖެންޑާއިން ނެގުމުން އެމްޑީޕީން ވަނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން މަސައްކަތެއް މަޖިލީހުގައި ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އީވާ މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީގެ 50 މެންބަރުން ސޮއިކުރި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން އިސްނަންގަވައިގެން އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އީވާ އިސްވެ ހުންނަވައިގެން "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅުއްވަން ފެއްޓެވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (އ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ވަކިވީ ކަމަށެވެ.