ފިނިޕޭޖް

ނައޯމީ ވޮޓްސް އާއި ބިލީ ކްރޫޑްއަޕް ކައިވެނިކޮށްފި

"ކިންގް ކޮންގް" އެކްޓްރެސް ނައޯމީ ވޮޓްސް، 54، އާއި "ދަ މޯނިން ޝޯ"ގެ އެކްޓަރު ބިލީ ކްރޫޑްއަޕް، 54، ކައިވެނިކޮށްފި އެވެ.

ނައޯމީ މި ހަބަރު ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހު އިންސްތަގްރާމްގައި ޕޯސްޓްކުރި ފޮޓޯއަކުންނެވެ.

މި ފޮޓޯގައި ނައޯމީ ހުދު ކުލައިގެ ލޭސް ވެޑިން ޑްރެސް ޒާތުގެ ހެދުމެއް ލައިގެން މާބޮޑިއެއް ހިފައިގެން ހުރިއިރު، ބިލީ ހުރީ ނޫކުލައިގެ ސޫޓަކާއި ހުދު ގަމީހެއް ލައިގެންނެވެ. އަދި ދެމީހުން ހުއްޓިގެން ހުރިހެން ހީވަނީ ގްރީކް ކޮލަމްސް ހުރި ކޯޓެއްގެ ސިޑިމަތީގައި ހެންނެވެ. މި ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ "ކައިވެނިކޮށްފިން" ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ޕޭޖް ސިކްސް އިން ވަނީ ނައޯމީ އާއި ބިލީ އެމީހުންގެ ނިއު ޔޯކް އެޕާޓްމަންޓް ބިލްޑިންއަށް ވަންނަނިކޮށް ފޮޓޯތަކެއް ނަގައި ޕޯސްޓްކޮށްފަ އެވެ. މި ފޮޓޯތަކުގައި ފާހަގަކޮށްފައިވަނީ ދެމީހުން ކައިވެނި ކުރާ ޒާތުގެ ހެދުން ލައިގެން އަދި ކައިވެނީގެ އަގޮޓި އަޅައިގެން ހުރި ކަމެވެ. އަދި ނައޯމީ އުފަލުން ފޮޅިފައިވާ ކަންވެސް ފާހަގަކުރި އެވެ.

ނައޯމީ ޕޯސްޓްކުރި ފޮޓޯގައިވެސް ދެމީހުން ހުރީ ޕޭޖް ސިކްސްގެ ފޮޓޯތަކުގައި ލައިގެން ހުރި ހެދުމުގަ އެވެ. ޕޭޖް ސިކްސް އިން ބުނި ގޮތުގައި ނައޯމީގެ ހެދުމަކީ އޮސްކާ ޑި ލަ ރެންޓާގެ ސްވީޓްހާޓް ވޯޓާ ލިލީ ގިޕިއުއާ ހެދުމެކެވެ.

ނައޯމީ އެންގޭޖްމަންޓް އަގޮޓި ބެލެވޭ އަގޮޓިއެއް އަޅައިގެން ހުއްޓާ ފެނިފައިވަނީ މިދިޔަ އޭޕްރިލް ގައެވެ. އެކަމާ ގުޅޭގޮތުން ނައޯމީއާ އޭރު ސުވާލުކުރުމުން އޭރު އެނާ ވަނީ އޮޅުވާލާފަ އެވެ.

މި ދެމަފިރިން ލޯބީގެ ގޮތުން ގުޅުނު ކަމަށް އަޑުއެރީ 2017 ގައި އެކުގައި "ޖިޕްސީ" ސީރީޒް ކުޅުމަށްފަހު ގައެވެ. އެހެންނަމަވެސް ދެމީހުން އެކަމާ ބެހޭގޮތުން އެއްވެސް ބަހެއް ނުބުނެ އެވެ. ނައޯމީ އާއި ބިލީ ލޯބީގެ ގޮތުން ގުޅުނުކަމަށް ރަސްމީކޮށް ހާމަކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސްގެ ރެޑް ކާޕެޓުންނެވެ.

މިއީ ބިލީ އަދި ނައޯމީގެ އަލަތު ކައިވެންޏެވެ. ނައޯމީގެ ކުރީގެ ލޯބިވެރިޔާ އެކްޓަރު ލީވް ޝްރައިބާއަށް ދެ ކުދިން ލިބިފައިވާއިރު، ބިލީގެ ކުރީގެ ލޯބިވެރިޔާ އެކްޓްރެސް މެރީ ލުއީޒް ޕާކާއަށް އެއް ކުއްޖަކު ލިބިފައިވެ އެވެ.