ވާހަކަ

ގަހަނާ ފޮށި

( 9 ޖޫން 2023 އާ ގުޅޭ )

"ތި އައީތަ؟." ދޮރޯށިން އެތެރެއަށް ވަނުމާއެކު ފުރަތަމަ ވެސް އިވުނީ ހޫދުގެ އަޑެވެ. އެ އަޑާއެކު ވެސް އަހަރެންގެ މޫޑު ހަރާބުވެގެން ހިނގައްޖެއެވެ. ޚާއްޞަކޮށް އޭނާ ފައިސަލް ކައިރީ ދެއްކި ވާހަކަ ހަނދާނަށް އައީމައެވެ.

ޓީޝާޓާއި ސޯޓުބުރީގައި ހޫދު ހުރީ ތެމި ފޯވެފައެވެ. ހީވަނީ ކޮންމެވެސް މަސައްކަތެއްގައި އޭނާ އުޅެނީ ހެންނެވެ. އެއް އަތުގައި މަރުތޭލެއް ވެސް އޮތެވެ. އަހަރެން ފެނުމުން މިފަހަރު އެ މޫނުން ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ރޭ އޭނާ އަހަރެން ކައިރީ ކުރި އާދޭސް ހަނދާން އެބަހުއްޓެވެ. ހޫދު މަޢާފަށް އެދުނިއްޔާ އެއްފަހަރެއް ކަމަށް މަޢާފުކުރާނީއޭ ހިތުގައި އޮތެވެ. އެހެންވިޔަސް އޭނާ ދެއްކި ވާހަކަ އިވުނު ކަމަށް ނުހަދާ ގޭތެރެއަށް އަހަރެން ވަނީމެވެ.

"އިތޫ ވެއްޖެ ކޮޓަރީގައި." ފަހަތުން ދޮރުމަތީގައި ހުރެފައި ހޫދު ބުނި އަޑު އިވުނެވެ.

އޭނާ އެހެން ބުނީތީ އަހަރެން ވަދެގެން އައިސް ހުއްޓުނީ އިތޫގެ ކޮޓަރި ދޮރުމަތީއެވެ. އޭރު އެ ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. އެތެރޭގައި ބަޔަކު އުޅޭތީވެ އަޑުގަދައެވެ. ބޯދިއްކޮށްލައި އަހަރެން ބަލާލީމެވެ. ވާހިދު ދޮންބެއާއި އިތޫ ފާޚާނާ ކައިރީ ތިއްބެވެ. އަހަރެން އެތެރެއަށް ވަނުމާއެކު އެމީހުން ބަލާލައިފިއެވެ.

"އާނަ. ސައިބޯންވީނު." އިތޫއަށް އަހަރެން ފެންނައިރަށް ބުނެފިއެވެ.

"ސައިބޮއެގެން މިއައީ. މީ ކޮންކަމެއް." އަހަރެން ބުނީމެވެ.

"ފާޚާނާގެ މަސައްކަތްތައް ނިންމާލަނީ. ހިނގާ ބޭރަށް." އިތޫ މިހެން ބުނެ އަހަރެންގެ އަތުގައި ހިފާލައިގެން ކޮޓަރިން ނުކުތީއެވެ. އަހަރެމެން އައިސް ސިޓިންރޫމު ސޯފާގައި އިށީނީމެވެ. އެއާއެކު އިތޫ ވާހަކަދެއްކިއެވެ.

"ޝައްކެއްގެ މަތީ މިހުންނަނީ އާނަ އަންނާނެ ކަމެއް ޔަގީންނުވާތީ. ފޯނެއް ވެސް އޮތީއެއްނޫން ގުޅާލާފައި އަހާލާކަށް." އިތޫ ބުންޏެވެ.

"މިއައީނު. ފޯނު ވެސް މިއަދު ލިބޭނެ." އަހަރެން ބުނީމެވެ.

"ދޮންބެދައްތައަށް ގޮވާބަލަ." ދޮރުމަތިން ހޫދުގެ އަޑު އިވުނެވެ. އަހަރެންގެ ކައިރީ އިނދެފައި އިތޫ ތެދުވެގެން ގޮސް ސީރަތުގެ ކޮޓަރިއަށް ބޯދިއްކޮށްލިއެވެ. އޭނާ ސީރަތަށް ގޮވާފައި އައިސް އިހުއިންހެން އަހަރެން ކައިރީ ސޯފާގައި އިށީނެވެ. ގިނައިރެއްނުވެ ސީރަތު ނުކުމެގެން އައެވެ.

"ނިމުނީތަ؟." ސީރަތު އަހާލީ ހޫދު ކައިރީއެވެ.

"އެ ޔޯ." ހޫދާއެކީ ސީރަތު ނުކުމެގެން ދިޔަތަން ބަލަން އިނދެފައި އިތޫ ކައިރީ އަހަރެން އަހާލީމެވެ.

"ވައިގަދަވެގެން ގަސްތައް މައްޗަށް ދާގަނޑު ވެއްޓުނީ. ކުޑަބެ ހުރިއްޔާ އެކަހަލަ ހުރިހާކަމެއް ދޮންބެދައްތައަށް ކޮށްދޭނީ އޭނަ. ދޮރުކައިރީ އެ ހުރި ހަންބުރިތައް ވެސް އެއީ ކުޑަބެގެ މަސައްކަތް." އިތޫ ބުންޏެވެ.

"ވަރަށް ބޮޑު ވާހަކައެއް އިތޫއާ ދައްކާލަން އެބައޮތް." އަހަރެން ބުނީމެވެ. އިތޫއާ ދިމާއަށް ކުޑަކޮށް އެނބުރިލައިގެން އިނދެއެވެ.

"ކިހިނެއްވީ؟. ޒިޔާންތަ؟." އެނގެން ބޭނުންވިކަމުގެ ޝައުގުވެރިކަން އިތޫގެ މޫނުން ފާޅުވިއެވެ.

"ދެމީހުން އެކަނިތިބެ." އަހަރެން ބުނީމެވެ. އަހަރެން އިތޫ ކައިރީ ދައްކަން އުޅޭ ވާހަކަ އެހެން މީހަކަށް އަޑުއިވޭކަށް ބޭނުމެއްނޫނެވެ. ސިޓިންރޫމުގައި ތިބިއިރު އެއީ ސިއްރު ވާހަކައެއް ދައްކަން އެންމެ އެކަށީގެންވާ ތަނެއްނޫނެވެ.

"އިރުކޮޅަކުން ކޮޓަރި ހުސްވާނެ. އިހަށް ބުނެބާ. ޒިޔާންގެ ވާހަކައެއްތަ." އިތޫ އަހާލިއެވެ. އަހަރެން ނޫނެކޭ ބުނަމުން ބޯހޫރާލީމެވެ.

އިތޫގެ ކޮޓަރި ހުސްވަންދެން އަހަރެމެން ތިބީ ސިޓިންރޫމުގައެވެ. ސީރަތާއެކު ހޫދު އެނބުރި އައިސް ގޭތެރެއަށް ވަނެވެ. އަހަރެމެން ކައިރީ ސީރަތު މަޑުކޮށްލީއެވެ. ހޫދު ބަލާލާފައި ވެސް އެތެރެއަށް ވަދެގެން ދިޔައީއެވެ. އިއްޔެ އެގެއަށް ނައިސް ކުރީ ކީއްތޯ ސީރަތު ސުވާލުކުރިއެވެ. އަހަރެން އެމީހުންނަށް އިއްޔެ ކުރި ކަންކަން ކިޔާދިނީމެވެ. އެކަމަކު އަހަރެންނާ ކުރިމަތިވި އާދަޔާ ޚިލާފު އެއްވެސް ކަމެއްގެ ވާހަކައެއް ނުބުނަމެވެ. މަސްބާނަން ގޮސް އުޅެނިކޮށް ކަނޑަށް ވެއްޓުނު ވާހަކައެއް ވެސް ނުބުނަމެވެ. އަހަރެން ގެސްޓްހައުސްގައި ހުރުމާ ސީރަތު އެހާ ދެކޮޅުއިރު އޭނާއަށް އެކަންކަން އެނގިއްޖެނަމަ ނިކަން ބޮޑުކޮށްލާނޭކަން އެނގެއެވެ. ފައިސަލްއާ ދިމާވިފަހުން ގެސްޓްހައުސްގައި ހުންނަން އަހަރެންގެ ހިތްޖެހިއްޖެއެވެ. އެކަނިވެރިކަން ވެސް ފިލައިފިއެވެ.

"ހޫން... ދެން ބުނެބަލަ." އިތޫގެ ކޮޓަރިއަށް އަހަރެމެންނަށް ވަދެވުމުން އޭނާ ބުނެލިއެވެ. އަހަރެމެން އައިސް އެރީ އެނދަށެވެ. ހެޑްބޯޑުގައި އަހަރެން ލެނގިލައިގެން އެއްފައި އެނދަށް އަރުވާލައިގެން އިތޫ އިނީ އަހަރެންގެ ކުރިމަތީގައެވެ.

"އަހަރެން ފައިސަލްއާ ރައްޓެހިވާން މިއުޅެނީ." ވާހަކަގިނަނުކޮށް އަހަރެން ބުނެލީމެވެ. އިތޫގެ މޫނުން ހައިރާންކަން ފާޅުވިއެވެ.

"ސީރިއަސްކޮށްތަ؟... އަހަރެންނަށް ތިކަހަލަ އެއްޗެއް ރޭގައި ހީވިއޭ. އެކަމަކު ހިތަށް އެރީ އާނަ އަދި އެކަހަލަ ޚިޔާލެއްކުރާކަށް ބޭނުމެއްނުވެޔޭ... ކިޔާދީބަލަ. ކިހިނެއްވީ ކަމެއްތީ." އިތޫ އިނީ ހިނިއައިސްފައެވެ.

"އަހަރެންނަކަށް ވެސް ނޭނގެ... ފައިސަލްގެ ފުށުން ފެންނަ ކަންކަން ކަމުދިޔައީ. އިތޫ ވެސް ބުނީމެންނު ޒިޔާންގެ ހަނދާންތައް ނުކޮށް އަލުން ބިޓެއް ނަގަންވީއޭ. އަހަރެން ވެސް ހިތަށް އެރީ އެހެން. ފައިސަލް ރައްޓެހިވާން އެހީމަ ނޫނެކޭ ބުނަން ބޭނުންނުވީ. އައި ލައިކް ހިމް." އަހަރެން ބުނީމެވެ.

"ދެން ކިހިނެއް ތި މީހުން ޕްލޭންކޮށްފައި އޮތީ." އިތޫ އަހާލިއެވެ.

"އެއްވެސް ޕްލޭނެއް އަދިނެތް. އެނބުރިދަންދެން މިގުޅުން ދެމި އޮންނާނޭކަމެއް ވެސް ކިހިނެއް އެނގެނީ. އެކަމަކު ފައިސަލް ވަރަށް ސީރިއަސްކޮށް ފެންނަނީ. ސަމާސާ ކުރާނޭ ކަހަލަ މީހެއްނޫން އެއީ. މި ދެތިން ދުވަސްތެރޭ އަހަރެންނަށް އެވަރު އެނގުނު. އެހެންނޫނަސް ޒިޔާނަށް ފުރުޞަތެއް ދޭން އެއްގޮތަކަށް ވެސް ބޭނުމެއްނޫން. އެކަމަކު އަދި މަންމަމެން ކައިރީ ފައިސަލްގެ ވާހަކަ ބުނަން މާ އަވަސް. އެހެންވެ އިތޫ ކައިރީ މިބުނީ ފުރަތަމަ." އަހަރެން ބުނީމެވެ.

"މަށަށް ވެސް އޭނާއަށް ބަލާލާފައި ވަރަށް ސީރިއަސް މީހެއްހެން ހީވި. އެކަމަކު ދެން އޭނާ އެހާ ވާހަކަނުދައްކާތީ މައްސަލައަކީ. އާނައާ އޭނަ ވާހަކަދައްކާ ދޯ." އިތޫ ބުންޏެވެ. އަހަރެން އެއްބަސްވަމުން ބޯޖަހާލީމެވެ.

އިތޫ އަހަންނާ ދިމާކުރިއެވެ. އެއްވެސް މީހެއް ކައިރީ ނުބުނަން އަހަރެން އިތޫ ކައިރިން އެދުނީމެވެ. އެންމެ އަވަހަށް އިތޫ ފަރާތުން އެނގޭނެ މީހަކީ ޒަފަރުކަން އަހަރެންނަށް އެނގެއެވެ. ޒަފަރަށް އެނގިއްޖެނަމަ ފަޒީލު ކައިރީ ނުބުނެ ނުހުންނާނެއެވެ.

"ޒިޔާން ޚަބަރެއް އޭގެ ފަހުން ނުވޭތަ." އިތޫ އަހާލިއެވެ.

"އަހަރެން ބުނަންވީ އެއްޗެއް ބުނެފައި އޮންނާނީ. އެހެންވެ ވާހަކަދައްކަން ބޭނުންނޫނީ. ކުރެވުނު ކުށް އެނގި ތަޢުބާވިއްޔާ ދެން އޭނާ ވެސް އަލުން އާ މީހަކު ހޯދައިގެން އެ އަންހެންކުއްޖާއަށް ދޯކާއެއް ނުދީ އުޅެވޭތޯ ބެލީމަ ނިމުނީނު. ގައިމުވެސް މަށެއް ދެން އޭނާއާ ކައިރިއެއް ނުވާނަން." އިންތިހާ ފޫހިކަމާއެކު އަހަރެން ބުނީމެވެ.

"އެކަމަކު އޭނާގެ މަތިން ހަނދާންނައްތާލާށޭ ހިތާ ފައިސަލްއާ ރައްޓެހިނުވާތި." އިތޫ ބުންޏެވެ. އެކަމަކު އެއީ އަހަރެން އެންމެ ބޭނުންވާ ގޮތެވެ. އެންމެ ފަސޭހައިން ޒިޔާންގެ ހަނދާންތަކާއި ދުރަށް ދެވެން އޮތް މަގަކީ ފައިސަލްއެވެ. އަހަރެންނަށް ފައިސަލްއާ މެދު ގަޔާވެވުނީތީ އިތުރަށް އެ މަޤްޞަދު ހާޞިލުކުރާން ފަސޭހަވީއެވެ. އަހަރެން ހަޤީޤަތުގައި ވެސް ފައިސަލްދެކެ ލޯބިވޭތޯ ބެލުން މުހިންމެއްނޫނެވެ. އެ ސުވާލަށް ޖަވާބެއް ނުދީ އަހަރެންނަށް ފައިސަލްއާއެކީ އުޅެވިދާނެއެވެ. ދެ މީހުން ގަޔާވަންޏާ ކޮންމެވެސް ހިސާބަކުން ދެމެދުގައި ލޯބި ވެސް އޮންނާނެތާއެވެ. ފައިސަލް ބުނިހެން ކުރިޔަށްވާނޭ ގޮތަކާ މެދު ވިސްނާކަށް މިފަހަރު އަހަރެން ވެސް ބޭނުމެއްނޫނެވެ.

މެންދުރު ފަސްވީފަހުން ވާރޭ ހުއްޓާލިއެވެ. ފުރުޞަތުގެ ބޭނުން ހިފައި އަހަރެން ގޮވައިގެން އިތޫ ނުކުތެވެ. ސުކޫލު ނިންމާފައި ޒަފަރު ގެއަށް އަންނަންވާއިރަށް އަހަރެން ގޮވައިގެން އެގެއަށް އިތޫ އައެވެ. ޒަފަރުގެ މަންމައަށް އަހަރެން ތަޢާރަފްކޮށްދިނެވެ. ނަރުސް ޔުނީފޯމްގައި ހުރި ޒުހާ އައިސް ގެއަށް ވަނީ އަހަރެމެން ތިއްބައެވެ. އަހަރެންގެ ވާހަކަ އިތޫ ދައްކާފައި އޮތުމުން ޒުހާއަށް އަހަރެން ފެންނައިރަށް ކާކުކަން ދެނެގެންފިއެވެ. ނިކަން ހެވިފައި އަހަރެންނާ ވާހަކަދެއްކިއެވެ. ހިތްހެޔޮ ޢާއިލާއެކެވެ. އިތޫއަށް ލިބިފައިވަނީ ރަންގަނޑެއް ކަހަލަ މައިދައިތައެކޭ އޭނާ ބުނަނީ ކީއްވެކަން އަހަރެންނަށް ޔަގީންވިއެވެ. ޒަފަރު އަންނަންދެން އަހަރެމެން އެގޭގައި ތިބީމެވެ. އެގެއިން އަހަރެމެން ނުކުތީ ތެތްލިބަނބުކޭލާ ސައިބޮއެގެންނެވެ.

އަހަރެމެން ގެއަށް އައީ އިތޫގެ ތިމާގެ ކުއްޖެއްކަމަށްވާ ސީމާމެންގެއަށް ވަދެފައެވެ. އޭރު އިރުއޮއްސި މަޣްރިބު ނަމާދަށް ގޮވިތާ ކިތަންމެ އިރެކެވެ. ސިޓިންރޫމު ސޯފާގައި އަހަރެން އިށީނީ އިތޫ ނަމާދުކޮށްލައިގެން އަންނާނަމޭ ކިޔާފައި ދިޔައީމައެވެ. ގޭތެރެއިން އިތުރު މީހަކު ވެސް ނުފެނެއެވެ. ފޯނު ނެތިގެން އަހަރެން ފޫހިވާން ފެށިއެވެ. ދެ ނަމާދު ދޭތެރޭގައި އެ ގޭގައި ޓީވީގައި އަޅުވާފައި ހުންނާނީ ދިވެހި ޗެނެލެވެ. އެއީ ބަންގި ގޮވާއަޑާއި ޤުރުއާން ކިޔަވާ އަޑު އިވޭނެތީއެވެ. އެހެންވެ ޗެނެލު ބަދަލުކޮށްލާކަށް ވެސް ނުކެރުނެވެ. އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން ފައިތިލަ ތަޅުވާލަ ތަޅުވާލައި އަހަރެން އިނީ އަވަސްކޮށްލައިގެން އިތޫ އަންނާނޭނަމައޭ ހިތަށް އަރާފައެވެ.

"ކަންތަކާޖެހުނީ." ދޮރޯށިން ވަން ހޫދު ފެނުމާއެކު ހިތާހިތުން ކިޔާލެވުނެވެ. ފޯނަށް ބަލަމުން އައި ހޫދަށް އަހަރެން ފެނުނީ ސޯފާތަކާ ކައިރިއަށް އާދެވުނު ފަހުންނެވެ. އެއާއެކު އޭނާ ފޯނުން ނަޒަރު ވަކިކޮށްލައި އަހަރެންނަށް އަމާޒުކޮށްލައިފިއެވެ. ފިޔަވަޅު މަޑުޖައްސާލައި ގޭތެރެއަށް އަވަސް ނަޒަރެއް ދީފައި އަލުން އަހަރެންނަށް ބަލަންފެށިއެވެ.

"އެކަނިތަ؟." ހޫދު އަހާލިއެވެ.

"މިތާ އިތުރު މީހަކު އެބަހުރިތަ؟." އަހަރެން ބުނީމެވެ.

ހޫދު އެތެރެއަށް ވަދެގެން ދިޔުމުން އަހަރެން ހައިރާންވިއެވެ. ހީކުރީ އަހަރެންނަށް ރައްދެއް ދޭނެކަމަށެވެ. އަހަރެން ބަލަން އިންދާ އޭނާ ކޮޓަރިއަށް ވަދެފައި ނުކުތެވެ. އަހަރެން ބަލަން އިންކަން އެނގުމުން އަންނާށޭ ބުނާ ފަދައިން އަތުން އޭނާ އިޝާރާތްކޮށްލިއެވެ.

"ކީއްކުރަން؟." އަހަރެން ބުނެލީމެވެ. އެއާއެކު އޭނާ ދެއަތް ޖޯޑުކޮށްލިއެވެ. އިޝާރާތުން އާދޭސްކޮށްލިއެވެ.

"ކީއްކުރަންކަން ބުނެބަލަ." އަހަރެން ކޮޅަށް ތެދުވަމުން އަނެއްކާ ވެސް އެހީމެވެ.

"އެއްޗެއް ދޭންވެގެން." ހޫދު ބުންޏެވެ.

"ކޯއްޗެއް؟." އަހަރެން ސުވާލުކުރީ ދާން ބޭނުންނުވާތީއެވެ.

"އާނަ. ޕްލީޒް... އާދެބަލަ." ހޫދު ބުންޏެވެ.

ނުދާން ހުރެފައި ވެސް އަހަރެން އެ ކޮޓަރި ކައިރިޔަށް އައީމެވެ. ހޫދު އަހަރެންގެ އަތުގައި ހިފައި ކޮޓަރި ތެރެއަށް ވެއްދުމާއެކު ދޮރު ލެއްޕިއެވެ.

"މިހެންވެ އަހަންނަށް ކަލެއަށް ޓްރަސްޓް ނުކުރެވެނީ. ހާދަ ކާފަރު މީހެކޭ ތީ." ދެބުމަ ގޮށްޖަހާލުމާއެކު އަހަރެން ބުނެލީމެވެ. އަހަރެންނަށް ބަލަން ހުރެފައި ހޫދު ހީނގަތެވެ. ހީވީ އޭނާއަށް މަޖާވެގެން ހީނގަތީ ހެންނެވެ.

"ވަކި އަންހެންކުއްޖަކަށް ބޭނުންވުމަކީ އަންހެނަކު ފެންނައިރަށް އެމީހެއްގެ ފަހަތުން ދުވުމެއްނޫނެއްނު. އާނަ ދައްކަބަލަ ތިބުނާ ކާފަރުނޫން ފިރިހެނަކު." ހެވިފައި ހޫދު ބުންޏެވެ.

"ދައްކާތަން. ނޫޅެން ކަލޭގެ ބޭކާރު ވާހަކަ އަޑު އަހާކަށް." ދެ ލޯ އަޅާލަމުން އަހަރެން ބުނީމެވެ.

"އަހަރެން މޮޔަވެދާނެ." ހެމުންހެމުން ހޫދު ބުންޏެވެ. އަހަރެންގެ ރުޅިވެރިކަން ހޫދުއަށް ތަފާތު ހިތްހަމަޖެހުމެއް ގެނެސްދޭ ކަހަލައެވެ.

"އަހަންނަށް ކީއްތަ؟." އަހަރެން ބުނީމެވެ.

"އާނަ. އަހަރެން ކަމެއްނުކުރަމެންނު. ދުރުގައެއްނު މިހުރީ. އަހަރެންނަށް އެނގޭ އާނަ ނުވަންނާނެކަން މި ކޮޓަރިއަށް. އެހެންވެ އެގޮތަށް ވައްދަންޖެހުނީ. ޕްލީޒް. ފަސް މިނެޓް އަހަންނަށް ދީބަލަ. އަހަރެންގެ ވާހަކަ އަޑު އަހާފައި އާނަ މި ކޮޓަރިން ނުކުތަސް އޯކޭ. އަހަރެން ނުހިފައްޓާނަން." ދޮރުގައި ލެނގިލައިގެން ހުރެ ހޫދު ބުންޏެވެ.

"ދެން ބުނަންވީނު." ދެއަތްއުރާލައިގެން އޭނާއަށް ބަލަންހުރެ އަހަރެން ބުނީމެވެ.

"މާދަން ހެނދުނު އަހަރެން ފުރަން. ދެން އާދެވޭނީ ދެ ހަފްތާ ފަހުން. ޗުއްޓީ ނެގުނުނަމައޭ ހިތަށް އަރާ. އަސްލު ދާހިތެއް މިފަހަރު ނުވޭ. އެނގޭތަ ކީއްވެކަން." ހޫދު އަހާލިއެވެ.

"ނޭނގެ." ފަރުވާކުޑަ ރާގެއްގައި އަހަރެން ބުނެލީމެވެ. އަހަންނަށް ރަނގަޅީ ވެސް ހޫދު ނެތިއްޔާއެވެ. މާދަމާ އޭނާ ފުރާނަމަ އެއީ އުފާވެރި ޚަބަރެކެވެ.

"އާނަ މިސްވާނެތީ. އެކޮޅަށް ދިޔައީމަ އާނައެއް ނުފެންނާނެއެއްނު." ހޫދު ބުންޏެވެ.

"ކީކޭ ކިޔަން ތިއުޅެނީ... ތި ދާތަނެއްގައި ބަލާނެ އަންހެނުން މަދެއްނުވާނެއެއްނު." އަހަރެން ބުނީމެވެ.

"އެއްވެސް އިރެއްގައި އަންހެނުން މަދުވެގެން ނޫޅެން. އަހަރެން މިބުނަނީ އެއްވެސް އަންހެނަކު ތި އާނިޔާއަކަށް ނުވާނޭ. އަހަރެންނަށް އެނގޭ ފައިސަލްއާ ރައްޓެހިވެގެން ނޫންކަން އުޅެނީ. އަހަރެން އެވާހަކަ ޤަބޫލެއް ނުކުރާނަން." ހޫދުގެ ދުލުން ފައިސަލްގެ ނަން ބޭރުވީ ހިނދު އެ މޫނުން އެކަމާ ގަޔާނުވިކަން ފާޅުވިއެވެ.

"ހޫދު ޤަބޫލުކުރިޔަސް ނުކުރިޔަސް އަހަރެންނަށް ކީއް. އަހަރެން ނުޖެހޭނެ މީހަކަށް ކަމެއް ޕްރޫވްކޮށްދޭކަށް. ލަދެއްނެތިގެން ފައިސަލް ކައިރީ ބުނެފިޔޭ އަހަރެމެން ކިސް ކުރިއްޔޭ. ބަލަ ކަލޭ ގަދަކަމުން ކުރިކަމެއްނު އެއީ. ކަލޭ ހީކުރީ ފައިސަލްއަކީ ކަލޭ ކަހަލަ އިމްމެޗުއަރ ޗައިލްޑިޝް މީހެއް ކަމައްތަ؟. ހީ އިޒް ޑިފަރެންޓް. އަހަރެން އޭނާދެކެ ލައިކްވަނީ ވެސް އެހެންވެ." އަހަރެން ވަގުތުން ރައްދު ދިނީމެވެ. ހޫދު ތުންފިއްތާލިއެވެ. އިރުކޮޅަކު އެހެން ހުރެފައި އޭނާ ވާހަކަދެއްކިއެވެ.

"އާނައަށް އެ ފެމެލީއާ ބެހޭ ގޮތުން އެނގެނީ ކޮންއެއްޗެއް." ހޫދު ބުންޏެވެ.

"މިހާރު އެނގޭ މިންވަރު އަހަރެންނަށް ފުދޭ." އަހަރެން ބުނީމެވެ.

"އަހަރެންނާ ރައްޓެހިވާންވީނު." ހޫދު މިހެން ބުނުމާއެކު އަހަރެންނަށް ބަލަންހުރީ ނިކަން ފަރުވާތެރިކަމާއެކުއެވެ.

"ސްޓޮޕް އިޓް ހޫދު. އިޓްސް ނޮޓް އީވަން ފަނީ. މަޖަލަށް ކުރާކަމެއްނޫން އެއީ." އަހަރެން ސީރިއަސްކަމާއެކު ބުނީމެވެ.

"އެއީ އަހަރެން މަޖަލަށް ބުނި އެއްޗެއްނޫން. ހަމަ ވަރަށް ސީރިއަސްކޮށް... އައި ލަވް ޔޫ. އާނައާ މެރީ ކުރާހާ އަހަރެންނަށް އާނަ ކަމުގޮސްފި. މިއުޅެނީ ކުޑަދުވަސްކޮޅެއްގެ އުފަލެއް ބޭނުންވެގެންނެއްނޫން. މުޅި އުމުރަށް ތި އަންހެންކުއްޖާ ބޭނުމީ. އަހަރެން ޕްރޮމިސްކުރަން އާނައަށް ދެރަގޮތެއް ނުހަދާނަންކަން. މިފަދަ ގޮތެއް މީގެ ކުރިއަކުންނުވޭ. އަހަރެން ބޭނުމީ އާނައާ މެރީކުރަން. އަހަރެންގެ ފަރާތުން އާނައަށް ކަމުނުދާ އާދައެއް ފާހަގަވެއްޖެނަމަ ބަދަލު ކުރަން އަހަރެން މިހުރީ ތައްޔާރަށް. އަހަރެން ޢާއިލާ އާނައަށް ގޯހެއްނުވާނެކަން މިހާރު އެނގޭނެ. އެމީހުން އުފަލަކާއެކު އާނަ ބަލައިގަންނާނެ. އަހަރެން ޤަބޫލުކުރަނީ އާނަ ގެންގުޅެވޭނެ ފެންވަރު އަހަރެންގެ އެބަހުރިކަން. ޕްލީޒް... ރުޅިނައިސް އާނަ މިކަމާ ވިސްނާލަބަލަ. އަހަރެން ވަރަށް ސީރިއަސްކޮށް މި ވާހަކަ މި ދައްކަނީ. އަހަރެންނަށް އެނގޭ އަހަރެންނަށް އެރޭ އަހަރެންނަށް ގޯހެއް ހެދުނީކަން. އެކަމަކު އަހަރެންނަކީ އެކަހަލަ މީހެއްނޫން. އަންހެންކުއްޖަކު ފެންނައިރަށް އަތްފޯރުކުރާނޭ މީހެއްނޫން... މިހެން ބުންޏަސް އާނައަށް ޤަބޫލެއްނުކުރެވޭނެ ކަންނޭނގެ." އަހަރެން ހޫދުގެ ނަމުން ގޮވާލީމެވެ. އިތުރަށް އެއްވެސް ވާހަކައެއް އަޑުއަހަން އަހަރެން ބޭނުންނުވީއެވެ. ހޫދުގެ މަޤްޞަދު ސާފުވީމައެވެ.

"އޯކޭ ފައިން... ހޫދަކީ ތިބުނާ ކަހަލަ މީހެއްނޫން. އެހެންވިޔަސް އަހަރެންނަށް ހޫދުގެ ތި އެދުން ފުރިހަމައެއް ނުކޮށްދެވޭނެ. ރުޅިނައިސް ހަމަ ވަރަށް ނައިސްކޮށް މިބުނީ. އަހަރެންގެ ތިކަހަލަ ފީލިންގްސްއެއް ނެތް. އެއްވެސް ފުރުޞަތެއްނެތް... އައި ލައިކް ފައިސަލް... އެހެންވެ. ތި ދެމީހުން ކޮމްޕެއަރ ކުރާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން އެދެނީ ހޫދު މިކަން އެކްސެޕްޓް ކުރުން. ތީ އިތޫގެ ބޭބެއަށްވީމަ އަހަރެންނަށް ހޫދުގެ ކުރިމައްޗަށް ނާރާ ނޫޅެވޭނެ. މިގޭ މީހުންނަށް މިއިން އެއްވެސް ކަމެއް އެނގޭކަށް ނޭދެން. އަހަރެން އިތޫ ކައިރިއަކު ވެސް މިއިން ވާހަކައެއް ނުދައްކާނަން. ޔޫ ޑޯންޓް ހޭވް ޓު ވޮރީ." އަހަރެން މަޑުމައިތިރިކަމާއެކު ވާހަކަދެއްކީމެވެ. ހޫދު އެއްވެސް އެއްޗެކޭ ނުބުނެ ބަލަން ހުރީއެވެ. ނާކާމިޔާބީގެ މާޔޫސްކަން އެ ދެ ލޮލުން އަހަރެން ދުށީމެވެ. އެ ނުތަނަވަސްކަން އޭނާއަށް ތުރާލަކަށްވީހެން އިސްއޮބާލިއެވެ. އެއީ ހޫދުގެ ގޮތެއްނޫނޭ އަހަރެންގެ ޟަމީރު ބުންޏެވެ. އޭނާ ހަޤީޤަތުގައި ވެސް އަހަރެންދެކެ އެހާ ލޯބިވަނީ ހެއްޔެވެ. ހޫދަކީ ކައިވެނި ކުރާހާ ލޯބިވެޔޭ އަހަރެން ކައިރީ ބުނި ފުރަތަމަ ޒުވާނާއެވެ. އަހަރެން އަޖައިބުވެއްޖެއެވެ. ހޫދު މީ ކޮންކަހަލަ މީހެއްކަން ދެނެގަންނަން ހަޤީޤަތުގައި ވެސް އަހަރެންނަށް ދަތިވެއްޖެއެވެ. އޭނާ އެހާ ލޯބިވާން ޖެހޭވަރު ކަމެއް އަހަރެމެންގެ ދެމެދުގައި ހިނގާފައި ނުވާއިރު އެވަރަށް އޭނާ އަހަރެންނަށް ބޭނުންވީ ކީއްވެ ހެއްޔެވެ.

"އަހަރެން ދިޔަޔަސް އެންމެ ރަނގަޅުތަ؟." އެ ކޮޓަރީގައި ހުރުން ރަނގަޅު ކަމަކަށް ނުފެންނާތީ އަހަރެން ބުނީމެވެ. ހޫދު އަހަންނަށް ބަލާ ވެސް ނުލިއެވެ. މަޑުމަޑުން ދޮރުކައިރިން އެއްފަރާތަށް ޖެހިލިއެވެ. ދޮރު ހުޅުވާލީ ވެސް އޭނާއެވެ. އަހަރެން ނުކުތުމުން ނިކަން އަވަހަށް އޭނާ ދޮރު ލައްޕައިފިއެވެ. އަހަރެން އެނބުރި އައިސް ސޯފާގައި އިށީނީއެވެ. ހޫދާ މެދު އަހަރެންނަށް ވިސްނެންފެށިއެވެ. އެހެންވިޔަސް އަހަރެން ހިތް ވަނީ ފައިސަލް ބަލައިގެންފައެވެ.

(ނުނިމޭ)