ފިނިޕޭޖް

ނެޓްފްލިކްސްގެ ޗީފް އެކްޝަން އޮފިސަރަށް އާނޯލްޑް ޝްވަޒެނޭގާ

ނެޓްފްލިކްސްގެ ޗީފް އެކްޝަން އޮފިސަރުގެ މަގާމަށް އުމުރުން 75 އަހަރުގެ އެކްޓަރު އާނޯލްޑް ޝްވަޒެނޭގާ އައްޔަނުކޮށްފި އެވެ.

މި ހަބަރު އިއުލާންކޮށްފައިވަނީ ހެއްވާ އަދި އެކްޝަން ޕްރޮމޯ ވީޑިއޯތަކަކުންނެވެ.

އެއް ވީޑިއޯގައި އާނޯލްޑްގެ ޓޭންކްގައި އައިސް ޕާކިން ނެތުމުން، މާސިޑީޒް ބެންޒެއް ޗިސްކޮށްލާފައި ޕާކްކުރެ އެވެ. އެހެން ވީޑިއޯއެއްގައި އާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ނެޓްފްލިކްސް އިން މިހާރު ދައްކާ އަދި ކުރިއަށް ނެރެން ހުރި ބައެއް ފިލްމް އަދި ސީރީޒްގެ އެކްޝަން ސިކުއެންސް ބަލައި، އެއަށްވުރެ ބޮޑުކުރަން ބުނެ އެވެ. މިގޮތުން އާނޯލްޑްގެ ސީރީޒް "ފުބާ"، "ދަ ވިޗާ"ގެ ތިންވަނަ ސީޒަން، ގަލް ގަދޮތްގެ "ދަ ހާޓް އޮފް ސްޓޯން"، މި ޝޭލް ޔޯގެ "ދަ ބްރަދާ ސަން"، ކެވިން ހާޓްގެ "ލިފްޓް"، ކްރިސް ހެމްސްވޯތްގެ "އެކްސްޓްރެކްޝަން 2" އަދި ޖެނިފާ ލޮޕޭޒްގެ "ދަ މަދާ" ހިމެނެ އެވެ.

ތިންވަނަ ޕްރޮމޯއަކީ އާނޯލްޑް އާއި ކްރިސް ހެމްސްވޯތުގެ ހެއްވާ ޕްރޮމޯ ވީޑިއޯ އެކެވެ.

ލިފްޓްގައި ތިބެގެން ވާހަކަ ދައްކަމުން ކްރިސް ގާތު އާނޯލްޑް ބުނަނީ ކްރިސްގެ މިމަހު 16 ގައި ރިލީޒްކުރާ އެކްސްޓްރެކްޝަން 2 ބަލައިފިން ކަމަށެވެ. އަދި އެ ފިލްމްގެ އެކްޝަނާ ބެހޭގޮތުން ހިޔާލުތަކެއް ހުރި ކަމަށެވެ. މި ވީޑިއޯވެސް ގެނެސްދީފައިވަނީ ހެއްވާ ގޮތަކަށެވެ.

މި ވީޑިއޯތަކުގައި ނެޓްފްލިކްސްއިން ލިޔެފައިވަނީ އާނޯލްޑް ނޫން މީހަކަށް އެކްޝަން ނޭނގޭ ކަމަށާއި ނެޓްފްލިކްސް ނޫން ބަޔަކަށް ހިޓް ނުވާ ކަމަށެވެ.

ނެޓްފްލިކްސްގެ މި ނިންމުމަށް މައިގަނޑު ގޮތެއްގައި ދަނީ ތައުރީފާއި ރުހުން ލިބެމުންނެވެ.