ރާއްޖެ ކުޅިވަރު

ޔޫރަޕުގައި ކުޅެން އޮއްޕޮޮ ވޭލްސްގެ ކުލަބަށް ސޮއިކޮށްފި

ޔޫރަޕުގައި ކުޅެން ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ރާއްޖޭގެ އިބްރާހީމް ފަޒީލް (އޮއްޕޮ) ވޭލްސްގެ ވިލެޖެއް ކަމަށްވާ މޯލްޓްރީޓްގެ ބޮޑޯގަން އެފްސީ އަށް ކުޅެން ސޮއިކޮށްފި އެވެ.

ވޭލްސްގެ ހަ ވަނަ ޑިވިޝަނުގެ މިކުލަބާ ހަވާލާދީފައިވާ އިނގިރޭސި ނޫސްތަކުން ބުނަނީ އޮއްޕޮ ހުނަރުފެނިފައި އެކުލަބުގެ އޮފިޝަލުން ތިބީ އިންތިހާ އަށް އުފާވެފައި ކަމަށެވެ. އަދި އެއްވެސް އިންތިޒާމެއްނެތި ހުސް ވިނަގަނޑެއްގެ ސިފާގައި އޮތް އެ ޓީމުގެ ދަނޑުގައި އޮއްޕޮ ލައްވައި ކުޅުވާހިތުން އެކުލަބުން ކެތްމަދުވެފައި ތިބި ކަމަށެވެ.

ބޮޑޯގަން އެފްސީ އަށް އޮއްޕޮ ސޮއިކުރީ ދެ މަހެއްހާ ދުވަހަށެވެ. ވޭލްސްގެ އެންޖްލެސޭ ލީގުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން މި ޓީމު މިވަގުތު އޮތީ އެންމެ ފުލުގަ އެވެ. ނަމަވެސް އުމުރުން މިހާރު 35 އަހަރުގެ އޮއްޕޮގެ އެހީތެރިކަމާއެކު ޓޭބަލުގެ ފުލުން އަރައިގަނެވޭނެ ކަމަށް އެކުލަބުން ތިބީ ވަރަށް ބޮޑު އުއްމީދެއްގަ އެވެ.

އެ ޓީމުގެ މެނޭޖަރު ރޮބިން ގްރިފިތްސް ބުނީ ގައުމީ ޓީމަކަށް ކުޅެފައި ހުރި ކުޅުންތެރިއަކު ލައްވައި ކުޅުވަން އޭނާ ޓީމަށް ކޮންމެ ކޮންމެ ދުވަހަކު ފުރުސަތު ނުލިބޭނެ ކަމަށެވެ.

"އަހަރުމެން ގާތުގައި (ބަޔަކު) ބުނީ މި ސަރަހައްދުގައި ފުޓްބޯޅަ ކުޅުންތެރިއަކު އެބަހުއްޓޭ. އޭނާ ބޭނުންވެޔޭ ފިޓްނަސް ހިފެހެއްޓުމަށްޓަކައި ކުޅެން. މިހެންވެ އަހަރުމެން ވަރަށް އުފާވި އޭނާ އަށް އަހަރުމެންގެ ޓީމަށް ދައުވަތުދޭން،" ވޭލްސްގެ ބަންގޯ ޔުނިވަސިޓީގައި ކިޔަވަމުން އަންނަ އޭނާގެ ގާތް މީހެއްގެ ގާތަށް ކުޑަދުވަސްކޮޅަކަށް ގޮސްހުރި އޮއްޕޮ އަށް ފުރުސަތުދިން ގޮތް ކިޔާދެމުން ޓީމުގެ މެނޭޖަރު ބުނެފައި އެވެ.

މުސާރަ ކިހާވަރެއް؟

އޭނާ އަދި ބުނީ އެކެއް ނުވަތަ ދެ ޕްރެކްޓިހަށް ފަހު އޮއްޕޮގެ ކިބާގައި ފުޓްބޯޅައި ހުނަރު އިންތިހާ އަށް ހުރިކަން އެނގުނު ކަމަށާއި މިހެންވެ، އޮއްޕޮ ވޭލްސްގައި ހުންނަ ދުވަސްކޮޅު އެ ޓީމަށް ކުޅެދޭން އެދުނީ ކަމަށެވެ.

އަދި ނިއުރޭޑިއަންޓަށް އޭނާ އެންމެ ފަހުން ކުޅުނީ 57000 ޕައުންޑަށް ކަމަށާއި ނަމަވެސް ބޮޑޯގަން އެފްސީގައި އޮއްޕޮއަށް ދޭނެ އެންމެ ލޯލާރިއެއް ވެސް ނެތް ކަމަށް މެނޭޖަރު ބުންޏެވެ.

"މިއީ ގަބޫލުވެސް ކުރަންދަތިކަމެއް. އަހަރުމެންނަކީ އެމެޗާ ކުލަބަކަށްވުމުން އަހަރުމެންނަށް އޭނާ އަށް އެންމެ ބައިލާރި އެއްވެސް ނުދެވޭނެ. ކުލަބު ހިންގަމުން އަންނަނީ ހިލޭސާބަހަށް މަސައްކަތް ކުރާ މަދުބައެއްގެ އެހީތެރިކަމާއެކު،" މެނޭޖަރު ބުންޏެވެ.

ރޮބިން އަދި ބުނީ އޮއްޕޮ އަށް މެޗުތައް ކުޅެވޭނީ އޭނާ އެންމެ ފަހުން ކުޅުނު ކުލަބު ކަމަށްވާ ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ރިލީޒް ސިޓީ ލިބުން ކަމަށާއި އޭނާގެ ކުލަބުން މިހާރު މަސައްކަތް ކުރަމުމްދަނީ ލިޔެކިއުން ނިންމަން ކަމަށެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ އޮއްޕޮ އަކީ އޭނާގެ ރަންޒަމާނުގައި ރާއްޖޭގެ އެންމެ އިތުބާރު އެއް ކުޅުންތެރިޔާ އެވެ. ސީޒަނުގެ އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށްދޭ ރަންބޫޓު ވެސް ތިން ފަހަރު ހޯދާފައިވާ އޮއްޕޮ ވަނީ ސާފް ޗެމްޕިއަންޝިޕް 2008ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ގައުމީ ޓީމަށް 49 މެޗު ކުޅެ 13 ގޯލު ޖަހާފައިވާ އޮއްޕޮ އަކީ ވިކްޓަރީ އާއި ވީބީ އަދި އައިއެފްސީ އާއި ބީޖީގެ އިތުރުން ނިއުރޭޑިއަންޓަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ޔޫރަޕުގައި ކުޅޭ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދަން އޭނާ އަށް ފުރުސަތު ލިބިފައިވާއިރު އޮއްޕޮ ވަނީ މީގެ ކުރިން ބުރޫނާއިގެ ޑީޕީއެމްއެމަށް ވެސް ކުޅެފަ އެވެ.