ދުނިޔެ

ރިޔާޒް އެއާގެ ފުރަތަމަ ފްލައިޓް މިއަދު ސައޫދީގެ ވައިގެ ތެރޭގައި

ސައުދީ އަރަބިއްޔާ އިން އަލަށް ތައާރަފުކުރާ އެއާލައިން -- ރިޔާޒް އެއާގެ ފުރަތަމަ ދަތުރު މިއަދު ސައުދީގެ ވެރިރަށް ރިޔާޒުގެ އުޑުމަތިން ދަތުރުކޮށް ދާނެ އެވެ. މިއީ މަތިންދާބޯޓު ދައްކާލުމަށާއި ބޭނުން މީހަކަށް ފޮޓޯ ނެގުމަށް އެ އެއާލައިނުން ހަމަޖެއްސި ދަތުރެކެވެ.

މި ދަތުރާ ބެހޭ ގޮތުން ރިޔާޒް އެއާއިން ބުނީ ފްލައިޓް ދަތުރުކޮށް ދާނީ އާދަޔާ ޚިލާފު ތިރިން ކަމަށެވެ. އަދި މަންޒަރު ބަލަން އެދޭ ނަމަ ސައޫދީ ގަޑިން މެންދުރު 1:00 ޖަހާއިރަށް ތައްޔާރުވުމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ރިޔާޒް އެއާގެ ދަތުރު ހަމަޖައްސާފައިވަނީ ތިން ދިމާއަކުން އަދި ބޮޑަށް ފްލައިޓް ތިރިކުރާ ގޮތަށެވެ. އެއީ ކިންގް އަބްދުﷲ ފައިނޭޝަން ޑިސްޓްރިކްޓް، ކިންގްޑަމް ޓަވަރު އަދި އަލްފައިސާލިއާ ޓަވަރެވެ.

ސައުދީން ރިޔާޒް އެއާގެ ނަމުގައި އެއާލައިނެއް އިއުލާންކުރީ މިއަހަރުގެ މާޗުގައި -- ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ.

ސައޫދީގެ ވިސްނުމަކީ ހަމައެކަނި ތެލަށް ބުރަވެފައި އޮތް ސައޫދީގެ އިގުތިސާދު އެހެން ދިމަދިމާއާށް އަމާޒުކޮށް އަނބުރާލުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރިޔާޒް އެއާގެ ސަބަބުން ސައޫދީގެ އިގުތިސާދަށް އަހަރަކު 20 ބިލިއަން ޑޮލަރު ވަންނާނެ އެވެ. އަދި ގުޅިފައި ހުރި މާކެޓްތަކުން 200،000 އަށް ވުރެ ގިނަ ވަޒީފާ -- ސީދާކޮށް އަދި ނުސީދާކޮށް އުފެދޭނެ އެވެ.

ރިޔާޒް އެއާ ހިންގަން ހަމަޖައްސާފައި އޮތީ ސައޫދީ އިންވެސްޓްމަންޓް ފަންޑުންނެވެ. ކުންފުނި ހިންގުމަށް ޓަކައި ސީއީއޯގެ މަގާމު ހަވާލުކޮށްފައި ވަނީ ޓޮނީ ޑަގްލަސްއާ އެވެ. އަބޫދާބީގެ އިތިހާދު އެއާވޭސް ކުރިން ހިންގީ ވެސް އޭނާ އެވެ.

ރިޔާޒް އެއާއިން ކުރިން ބުނި ގޮތުން އާންމު ފްލައިޓްތައް ފަށާނީ 2025 ގައެވެ. ދަތުރުތައް ފަށާއިރު 100 އަށް ވުރެ ގިނަ މަންޒިލަށް ފްލައިޓްތައް ދަތުރުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.