ދުނިޔެ

ތެޔޮ އުފެއްދުން މަދުކުރުމަކުން ވާނެ މާބޮޑު ގެއްލުމެއް ނެތް: ޖޯ ބައިޑަން

ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެޔޮ ނެރޭ ގައުމުތައް ހިމެނޭ ގޮތުން އުފައްދާފައި އޮންނަ އޯޕެކް ޕްލަސްއިން ވަނީ ބާޒާރަށް ތެޔޮ ނެރޭ އަދަދު އަންނަ މެއި މަހުން ފެށިގެން މަދުކުރާނެ ކަމަށް ބުނެފަ އެވެ.

އެ ޖަމާއަތުގެ ވިސްނުމަކީ މިހާރު ދުވާލަކު މާރުކޭޓަށް ނެރޭ އަދަދުން 1.16 މިލިއަން ފީފާ މަދުކުރުމެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން، އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިނެސޯޓާއަށް ކުރެއްވި ދަތުރުގައި، އޯޕެކް ޕްލަސްއިން ތެޔޮ އުފައްދާ އަދަދު މަދުކުރުމުން ވެދާނެ ގޮތަކާ މެދު ނޫސްވެރިއަކު ސުވާލުކުރުމުން ވިދާޅުވީ "އެކަމުން ތިޔަ ހީކުރާ ވަރުގެ ބޮޑު ގެއްލުމެއް ނުވާނެ" ކަމަށެވެ.

ބައިޑަން ނޫސްވެރިޔާއަށް ވިދާޅުވީ ދުނިޔޭގެ ތެލުގެ ބާޒާރަށް ބަޔަކު ނެރޭ ތެލުގެ އަދަދު މަދުކުރިއެއް ކަމަކު އެއީ އެމެރިކާއަށް އޮތް ކަންބޮޑުވުމެއް ނޫން ކަމަށެވެ. އެމެރިކާ އަކީ ފުދިފައި އޮތް ގައުމެއް ކަމަށެވެ.

އެހެން ނަމަވެސް، ތެލުގެ ބާޒާރަށް އަންނާނެ ކަމަށް އިއުލާންކުރި މި ބަދަލުގައި އަމަލީ ސިފަ ޖެހެން އޭޕްރީލްގައި އަދި އޮތްހައި ދުވަހެއް އޮއްވައި ތެލުގެ ބާޒާރުގައި އަގުތައް ވަނީ އުފުލިފަ އެވެ.

އޯޕެެކް ޕްލަސްއިން ބުނާ ގޮތުން ތެޔޮ އުފައްދާ އަދަދު މަދުކުރަނީ ތެލުގެ ބާޒާރުގައި ތިލަފަތުގެ ދެކިބަ އެއް ހަމައެއްގައި ހިފެހެއްޓުމަށެވެ. މީގެ މާނަ އަކީ ބާޒާރަށް ނެރޭ ތެލުގެ އަދަދު ގިނަވުމުގެ ސަބަބުން އޯޕެކް ޕްލަސް ގައުމުތަކަށް މާލީ ގޮތުން ލިބިދާނެ ގެއްލުންތަކުން ސަލާމާތްވުމެވެ.

އޯޕެކް ޕްލަސްއިން ތެޔޮ އުފައްދާ އަދަދު މަދުކުރުމުން އެމެރިކާއަށް މާބޮޑު ގެއްލުމެއް ނުވާނެ ކަމަށް ބައިޑަން ވިދާޅުވި ނަމަވެސް، އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލަން ވިދާޅުވީ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ޔެލެން ވިދާޅުވީ ތެލުގެ އަދަދު މަދުކުރުމަކީ ބިނާކުރަނިވި އަމަލެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ އުފެއްދުންތެރިކަން ދަށަށް ދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޯޕެކް ޕްލަސްގެ ނިންމުމާ އެކު ސައޫދީ އަރަބިއްޔާއިން ދުވާލަކު ނެރޭ ތެލުގެ އަދަދުން 500،000 ފީފާ މަދުކުރާނެ އެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން 144،000 ފީފާ މަދުކުރާނެ އެވެ. ކުވޭތުން 128،000 ފީފާ، ކަޒަކިސްތާނުން 78،000 ފީފާ، އަލްޖީރިއާއިން 48،000، އޮމާނުން 40،000 ފީފާ މަދުކުރާނެ އެވެ.

މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލޭނެ އެވެ. އަދި ބޭންކްތަކުން ލޯނުދޫކުރާ ޝަރުތުތައް އިތުރުކުރާނެ އެވެ. ލޯނު އިންޓަރެސްޓް ވެސް މައްޗަށް ޖެހޭނެ އެވެ.